"ކަބީރު ސިންގް" އާ އެކު ޝާހިދުގެ އަގު ވެސް އުފުލިއްޖެ
"ކަބީރު ސިންގް" އާ އެކު ޝާހިދުގެ އަގު ވެސް އުފުލިއްޖެ

މިދިޔަ މަހު ރިލީޒްކުރި ފިލްމު "ކަބީރު ސިންގް" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އެ ފިލްމުގެ ބަތަލު ޝާހިދު ކަޕޫރު ވެސް ފިލްމު ކުޅޭ އަގު ބޮޑުކޮށްފި އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝާހިދުގެ މީގެ ކުރިން އެވްރެޖްކޮށް ފިލްމަކަށް އެއްބަސް ވަނީ 10-20 ކްރޯޑް ރުޕީސްގެ އަގަށެވެ. އޭނާ ފިލްމު ކުޅޭ އަގު ބޮޑުކުރި ނަމަވެސް އަގަށް ގެނައީ ކިހާވަރެއްގެ ބަދަލެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އަގަށް ގެނައި ބަދަލާ ގުޅިގެން 35 ކްރޯޑް ރުޕީސް އަށް ވުރެ ދަށް އަގަކަށް އޭނާ ދެން ފިލްމެއް ނުކުޅޭނެ ކަމަށްވެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޝާހިދަށް މިހާރު ހުށަހަޅާފައިވާ ތެލެގޫ ފިލްމު "ޖާޒީ" ގެ ހިންދީ ރިމެކިން އަށް އޭނާ ކިޔާފައި ވަނީ 40 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) އެވެ.

އާންމުކޮށް ފިލްމީ ތަރިންނަކީ އެ މީހުން ފިލްމު ކުޅޭ އަގު ހާމަކުރާ ބަޔަކަށް ނުވާތީ، ސީދާ އަދަދެއް ކަށަވަރު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

"ކަބީރު ސިންގް" އަށް ފަހު ޝާހިދު ކުޅޭނެ ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު "ޖާޒީ" ގެ ރިމެކަށް އޭނާ ހުށަހެޅި ކަމަށް ބުނާ އަގަށް ފިލްމު ހަދާ ޓީމުން އެއްބަސްވެއްޖެ ނަމަ އެ ފިލްމަށް އޭނާ ސޮއި ކުރަން ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި އަހަރުގެ އެޕްރީލްގައި ރިލީޒް "ޖާޒީ" އަކީ ގޯތަމް ތިނައްނޫރީ ޑައިރެކްޓްކޮށްފައިވާ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ޑްރާމާއެކެވެ. އެ ފިލްމުގެ ބަތަލަކީ ނާނީ އެވެ.

މި ފަހުން ފިލްމު ކުޅޭ އަގު ބޮޑު ކުރި އެކްޓަރުންގެ ތެރޭގައި ރަންވީރު ސިންގް އާއި ވަރުން ދަވަން ހިމެނެ އެވެ.