24 ޖުލައި 2019 - 06:23

މަޝްހޫރު އޭވިއޭޝަން ކުންފުނި އެއާބަސް އިން ބާޒާއި އެ ނޫން ވެސް އެ ބާވަތުގެ ދޫނި އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ މަތިންދާބޯޓްގެ ކޮންސެޕްޓް ދައްކާލައިފި އެވެ.
ދޫނީގެ ފިޔަގަނޑު ދެ ފަރާތުން ފެތުރިފައި އޮންނަ ގޮތަށް ދޫނީގެ ބައްޓަށް ފަރުމާކޮށްފައިވާ "ބާޑް އޮފް ޕްރޭ" ދައްކައިލީ ހުކުރު ދުވަހު ބޭއްވި ރޯޔަލް އިންޓަނޭޝަނަލް އެއާ ޓެޓޫ ޝޯގައި އިނގިރޭސިވިލާތުގެ އިންޓަނޭޝަނަލް ޓްރޭޑްގެ ސެކްރެޓަރީ އޮފް ސްޓޭޓް ޑރ. ލިއަމް ފޮކްސް އެވެ.
އޭނާ ވަނީ އޭގެ ވީޑިއޯއެއް ވެސް ޓްވިޓާގައި ހިއްސާ ކުރައްވައިފަ އެވެ.
އެއާބަސް އިން ބުނި ގޮތުގައި "ބާޑް އޮފް ޕްރޭ" އަކީ ހައިބްރިޑް-އިލެކްޓްރިކް އަދި ޓާބޯ ޕްރޮޕެލާ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އަށްޑިހަ މީހުންގެ ޖާގައިގެ މި ބޯޓަކީ މިހާރު ބޭނުންކުރާ އާދައިގެ މަތިންދާބޯޓްފަހަރުގައި ބޭނުންކުރާ ތެލުގެ 30-50 ޕަސަންޓް މަދުން ތެޔޮ ބޭނުންވާ އުޅަނަދެކެވެ.
އާ ކޮންސެޕްޓާ ބެހޭ ގޮތުން އެއާބަސްގެ ސީނިއާ މެނޭޖަރު މާޓިން އެސްޓަން ވިދާޅުވީ މީގެ ބޯޓު ހިދުމަތަށް ނެރުމުގެ ވިސްނުމެއް މި ވަގުތު ނެތް ކަމަށެވެ. އެކަމަކު މި ކޮންސެޕްޓްގެ މައިގަނޑު މަގުސަދަކީ އޭވިއޭޝަން ދާއިރާގައި ކުރިއަށް އޮތް ޖީލުތަކުގައި މަސައްކަތް ކުރާނެ އެއަރޮނޮޓިކަލް އިންޖިނިއަރުންނަށް ހިތްވަރެއް ދިނުން ކަމަށެވެ.
"ހާއްސަކޮށް ޒުވާން ޖީލަށް އޭވިއޭޝަން އިންޑަސްޓްރީގެ ކުރިމަގު ތަސައްވުރު ކުރެވޭ ގޮތް ދައްކައިލަ ދޭން ބޭނުންވީ،" އޭނާ ވިދާޅުވި އެވެ. "އަދި ޒުވާނުންގެ އާ ވިސްނުން އޭވިއޭޝަން ދާއިރާ އަށް ވަރަށް މުހިއްމު ވާނެ."
މާޓިން ވިދާޅުވި ގޮތުގައި މިހާރަށް ވުރެ ބޮޑަށް ކުރިމަގުގައި ވައިގެ ހިދުމަތް ބައްޓަންވެގެން ދާން ޖެހޭނީ ތިމާވެއްޓާ ވީހާ ވެސް ރައްޓެހި ދެމެހެއްޓެނިވި "ކްލީން ގްރީން އެނަޖީ" އަށް ކަމަށްވީ އާ ވިސްނުންތައް ނެރެން ޖެހެ އެވެ.
އެއާބަސް އިން މިހާރު އަންނަނީ މަތިންދާބޯޓްގައި ޒަމާނުއްސުރެ ބޭނުން ކުރާ ސީޓްތަކަށް ޒަމާނީ ބޮޑު ބަދަލެއް ގެންނަން ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.