23 ޖުލައި 2019 - 13:47

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނަސޭހަތް ދޭން ނިންމީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްއާ ގުޅޭ މައްސަލައެއް ހުއްޓުވުމުން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރި ކޮމިޓީން ޖޭއެސްސީ އަށް ހުށަހެޅި ރިޕޯޓުގައި ވަނީ އުއްތަމަ ފަނޑިޔާރާއި ދެން ތިއްބެވި ދެ ފަނޑިޔާރުންނަށް ނަސޭހަތްދިނުމަށެވެ. އެ ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގައި ބުނާ ފަދައިން، މާދަމާއިން ފެށިގެން ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްދޭން ނިންމީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން އެ ކޯޓުން ބަލަމުން ދިޔަ މައްސަލައެއްގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިޔަ މައްސަލައިގަ އެވެ. އެކަމަކު އިކްރާމްގެ ނަމެއް ޖޭއެސްސީގެ ބަޔާނުގައި ނެތެވެ.
އޭރު އިކްރާމްގެ އަނބިކަނބަލުން ލަތީފާ ގާސިމަކީ ޖޭއެސްސީގެ މެމްބަރެކެވެ. އަދި އިކްރާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވަރަށް އަރިސް ބޭފުޅެކެވެ.
ސުޕްރީމް ކޯޓުން އަންގައިގެން އެ ފައިލް ގެންދިއުމަކީ، ޖޭއެސްސީން ބުނެފައިވާ ގޮތުގައި، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތަށް ގާނޫނުން ލިބިދީފައިވާ އިސްތިއުނާފް ކުރުމުގެ ހައްގުު ގެއްލޭ ކަމެކެވެ. އަދި އެއީ ފަނޑިޔާރުން ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި އޮންނަނީ، ފަނޑިޔާރުންގެ ވާޖިބު އަދާކުރުމުގައި އެ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކުން ކުރާ އަމަލަކުން ނުވަތަ ބުނާ ބަހަކުން ނުވަތަ އެ ނޫން ގޮތަކުން ވެސް އެއްވެސް ފަރާތެއްގެ މަސްލަހަތަށް ގެއްލުމެއް ލިބިދާނެ ކަމަށް ފަނޑިޔާރަށް ފެނިއްޖެ ނަމަ އެކަމެއް ވަގުތުން ހުއްޓުވަން ވާނެ ކަމަށެވެ.
އެކި ދަރަޖައިގެ ކޯޓުތަކުގެ ބާރުތަކާއި އިހްތިސާސް ވަކި ތަރުތީބެއްގެ މަތިން އެ ގާނޫނުން ކަނޑައަޅާފައިވާ ކަން އެނގޭ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
"އެހެން ނަމަވެސް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އެޅުމާ ބެހޭ އުސޫލްތައް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާގެ ދަށުން ދަށު ކޯޓުތަކަށް ހުށަހެޅި ބަލަމުންދާ މައްސަލަތައް ހުއްޓުވައި އެ މައްސަލަ އާއި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިއުމަކީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ރައްޔިތުންނަށް ލިބިދީފައިވާ އިސްތިއުނާފްކުރުމުގެ ހައްގަށް ހުރަސްއެޅި ޝަރުއީ ތިން މަރުހަލާގައި ހައްގުތައް ކަށަވަރު ކުރުމަށް އޮތް ފުރުސަތެއް ގެއްލިގެންދާ ކަމެއް ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ،" ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
އިކްރާމާ ގުޅޭ ގޮތުން ސިވިލް ކޯޓުގައި އޮތީ އޭނާގެ ދަރަނީގެ މަައްސަލައެކެވެ. އެ މައްސަލައިގެ ފައިލް ނަގައިގެން ގޮސް، ސުޕްރީމް ކޯޓުން ފަހުން އަމަލުކުރި ގޮތެއް ސާފެއް ނުވެ އެވެ.
މި ތިން ފަނޑިޔާރުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި ފުލުހުން މައްސަލަ ބަލަން ފެށުމާ އެކު އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މިހާރު ވަނީ އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ކޮމިޝަނަށް ހުށަހަޅަން ނިންމައިފަ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ފަސް ފަނޑިޔާރުންނެވެ.
އެކަމަކު އެ ކޯޓުގެ ބެންޗު ހަތަކަށް އިތުރުކުރަން މަޖިލީހުން ދާދި ފަހުން ވަނީ ފާސްކޮށްފަ އެވެ.