23 ޖުލައި 2019 - 13:46

މަސައްކަތުގެ މާހައުލުގައި ފުލުހުންނަށް އަދި ވެސް ނުރައްކާތެރިކަން އެބައޮތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ ފުލުހުންނަކީ ނުހަނު ބޭނުންތެރި ހިދުމަތެއް ދޭ ބައެއްކަމަށް ގިނަ ބަޔަކު އެކަން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ފުލުހުންނަށް ނަފްރަތުކުރުމާއި ވާޖިބަށް ހުރަސްއަޅައި އަދި ބައެއް ހާލަތްތަކުގައި އަނިޔާ އާއި ގޯނާކުރުން އޮންނަ ކަމަށް ވިދާޅުވި އެވެ.

ޖިސްމާނީ އަނިޔާގެ އިތުރުން ނަފްސާނީ އަނިޔާ ވެސް ކުރަމުންދާ ކަމަށާއި އޮންލައިން ޕްލެޓްފޯމްތަކުގައި ވަކިވަކި ފުލުހުންނަށް ބިރުދައްކައި ފުރައްސާރަކުރުމަކީ ހިނގަމުންދާ ކަންކަން ކަމަށް ވިދާޅުވި އެވެ. ސީޕީ ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.
"ރައްޔިތުންގެ ތެރެއިން މަދުބަޔަކު ކުރާ އެފަދަ ކަންކަމަށް ނޫނެކޭ ބުނުުމަކީ ފުލުހުންގެ މަސައްކަތް ބަލައިގަންނަ ގިނަ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރާ ކަމެއް،" އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވި އެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރަނީ، ރަސްމީ ޑިއުޓީގައި އުޅެނިކޮށް އެކި ހާދިސާތަކުގައި މަރުވެފައިވާ ފުުލުހުންގެ ހަނދާން އާކޮށް ގުރުބާނީ އާއި ހިދުމަތުގެ އަގުވަޒަންކުރުމަށެވެ. އެ ދުވަސް ފާހަގަކުރަން ފެށީ ކ. ކާށިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރަނިކޮށް ސާޖަންޓް އާދަމް ހަލީމް ޑިއުޓީއަށް ދިޔަ މަގުމަތީގައި މީހަކު އޭނާ އަށް ހަމަލާދީ މަރާލުމާ ގުޅިގެން 2013 ވަނަ އަހަރުން ފެށިގެންނެވެ.
އާދަމް ހަލީމަށް ހަމަލާ ދިނީ، ޕޮލިސް ސްޓޭޝަނަށް ދިޔަ މަގުމަތީގައި، އޭރު ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގޭބަންދުގައި ހުރި މީހަކު ގަވާއިދާ ހިލާފަށް ބޭރަށް ނުކުމެ އުޅޭތީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަނިކޮށެވެ.
ސީޕީ ވަނީ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރާއިރު ގާނޫނުތަކަށް އެންމެން ބޯލެނބުމަށް ހަނދާންކޮށްދެއްވައިފަ އެވެ. އަދި އެ މުއައްސަސާއަށް އެންމެ މުހިއްމު ކަމަކީ ފުލުހުންނަކީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ އާއި ގެއްލުން ރައްކާތެރިކުރުމަށް އެކަމުގެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށް، ޑިއުޓީގައި ތިއްބައި މަރުވި ފުލުހުންގެ އާއިލާތަކުން ވެސް ބައިވެރިވި ހަފުލާގައި ވިދާޅުވި އެވެ.