ޗައިނާ މީޑިއާގެ ވާހަކަތަކާ އެކު ގާޑިއޯލާ ހޫނުފެނަށް
ޗައިނާ މީޑިއާގެ ވާހަކަތަކާ އެކު ގާޑިއޯލާ ހޫނުފެނަށް

ހޮންކޮން (ޖުލައި 23) - ޕްރީ ސީޒަނުގައި ޕްރިމިއާ ލީގުގެ އޭޝިއާ ޓްރޮފީ މުބާރާތުގައި ޗައިނާގެ އިންތިޒާމުތަކަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފާޑުކިޔުމުގެ ސަބަބުން ޗައިނާ މީޑިއާ އިން ސިޓީ އާއި ގާޑިއޯލާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޗައިނާ މީޑިއާގެ ވާހަކަތަކާ އެކު ގާޑިއޯލާ ހޫނުފެނަށް
ޗައިނާ މީޑިއާގެ ވާހަކަތަކާ އެކު ގާޑިއޯލާ ހޫނުފެނަށް

އޭޝިއާ ޓްރޮފީ ފައިނަލުން ސިޓީ ވަނީ ޕެނަލްޓީ ޖަހައިގެން ވުލްވްސް އަތުން ބަލިވެފަ އެވެ. މި މުބާރާތަކީ ވާދަވެރި މުބާރާތަކަށް ވުރެ ބޮޑަށް އޭޝިއާ މާކެޓްގައި ޕްރިމިއާ ލީގު އިޝްތިހާރުކުރަން އޮންނަ އިވެންޓެކެވެ. އެކަމަކު ގާޑިއޯލާ ބުނީ އިންތިޒާމުތައް ހުރި ގޮތުން، ބޭނުންވާ މަގުސަދު ހާސިލްކުރަން ހުރަސްތަކެއް ހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ. އެ ގޮތުން ދަތުރުފަތުރުގެ ކަންތައްތަކާއި އެހެނިހެން އިންތިޒާމުތައް ހުރީ ބޭނުންވާ ފެންވަރުގައި ނޫން ކަމަށް ބުންޏެވެ.

ސިޓީން ޗައިނާ އަށް ދަތުރުކުރަން އޮތް ތާރީހަށް ބަދަލު ގެންނަން ޖެހުނީ ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުންނެވެ. ޗައިނާގައި ސިޓީ އަށް ދިމާވި އެންމެ ބޮޑު ކަމަކީ ޓީމުގެ ކުޅުންތެރިންނަށް ބޭނުންވާ މިންވަރުގެ ޕްރައިވެސީއެއް ފޯރުކޮށްނުދެވުމުންނެވެ. ސިޓީ އަށް ކަނޑައަޅާފައިހުރި ޗައިނާގެ ލިއޭޝަން އޮފިސަރުގެ ފަރާތުން ފެނުނު ކަންތައްތަކާ މެދު ވެސް ގާޑިއޯލާ ހިތްހަމަނުޖެހުނެވެ. އެއީ ކަނޑައަޅާފައިވާ ވަގުތުތަކުގެ އިތުރުން ވެސް ކުޅުންތެރިންގެ އޮޓޯގްރާފް ހޯދަން އުޅުމާއި އެ ފަދަ ކަންތައްތައް ކުރަން އުޅުމުންނެވެ.

ޗައިނާގެ މެޗުތައް ނިންމާލުމަށް ފަހު ސިޓީން މިހާރު ވަނީ ހޮންކޮން އަށް ގޮސްފަ އެވެ. ސިޓީން ޗައިނާ އިން ފުރިތާ މާގިނަ އިރުތަކެއް ނުވެ ޗައިނާ މީޑިއާތަކުން ވަނީ ސިޓީގެ ފަރާތުން ފެނުނީ ޕްރޮފެޝަނަލް އުސޫލުތަކާ ހިލާފު ކަންތައްތަކެއް ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. ސިޓީ އަށް އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ ޗައިނާގެ ސަރުކާރާ ގުޅުން ބޮޑު މީޑިއާއެއް ކަމަށްވާ ޒިންހުއާނެޓް އިންނެވެ.

ސިޓީން އަމަލުކުރީ ޗައިނާ އަށް އިހުތިރާމްކުޑަކޮށް ކަމަށް ބުނެ މީޑިއާގައި ވާހަކަދެކެވުނު ކަމުގައި ވިޔަސް އެއްވެސް ރަސްމީ އިދާރާ އަކުން އެ ފަދަ ތުހުމަތެއް ނުކުރާތީ ސިޓީން ވަނީ ރަސްމީކޮށް މީޑިއާގައި ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. އެކަމަކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"ހަގީގަތަށް ވާހަކަ ދައްކާ ނަމަ މީޑިއާގައި އެ އޮތީ އަހަރެން ދެއްކި ވާހަކަތަކުގެ ގޯސް މާނަތަކެއް. އެ ވަރުގެ ވާހަކަތަކެއް ދައްކާއިރު އަހަރެމެންގެ ކްލަބާ މެދު ވެސް ވިސްނާލަންޖެހޭ. އަހަރެމެން ވަރަށް ރަނގަޅު ވަގުތުތަކެއް ޝަންހާއީގައި ހޭދަކުރީ. ޗައިނާ އިން އެދުނު ހުރިހާ ކަމެއް ވެވުނު ވަރަކުން އަހަރެމެން ކޮށްދިނިން. އެކަމަށް ހެކިވާނެ އަހަރެމެން ތިބި ހޮޓަލުގެ މީހުން ވެސް،" ހޮންކޮންގެ ކިޗީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުންޏެވެ.

"ފަހަރުގައި ވެދާނެ ދެއްކި ވާހަކައެއްގެ ސަބަބުން އެއް ނޫސްވެރިއަކު ހިތްހަމަނުޖެހުނީ ކަމަށް. އެކަމަކު ހަގީގަތަކީ މުޅި ވާހަކަ އޭނަގެ ވިސްނުމުގައި ދައްކައިގެން އެ އޮތީ އަސްލު އޮޅިފައި،"

ގާޑިއޯލާ ބުނީ ސިޓީ އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި މަގުބޫލުކަން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކްލަބެއް ކަމަށާއި އެހެންވުމުން މި ފަދަ ޓުއާތަކަސް ދާން އެ ކްލަބުން ވަރަށް އިސްކަންދޭ ކަމަށެވެ. އެކަމަކު މި ފަދަ ގޮތަކަށް ކުރަން ބޭނުންވާ ކަމެއްގައި ހުންނަ ކުދިކުދި ކަންތައްތައް އިސްލާހުކުރަންޖެހުމުން އޭގެ ގޯސް މާނައިގައި ވާހަކަ ފެތުރުމަކީ ހައްލެއް ނޫން ކަމަށް ބުންޏެވެ.

"އެކި ބައްރުތަކުގައި މެޗު ކުޅުމަކީ އަހަރެމެންނަށް ލިބޭ ބޮޑު ތަޖުރިބާއެއް. އަހަރެމެންނަކީ މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، ބާސެލޯނާ، ރެއާލް މެޑްރިޑް، ބަޔާން މިއުނިކް ފަދަ ކްލަބެއް ނޫން. އެ ޓީމުތައް ކޮންމެ އަހަރަކު ކުރާ ކަމެއް މިއީ. އަހަރެމެން ފަށައިގަނެގެން މި އުޅެނީ." ގާޑިއޯލާ ބުންޏެވެ.

ސިޓީގެ މާކެޓިން ޓީމުންނާއި ޗައިނާ ޓުއާގެ އިންތިޒާމްތައް ހަމަޖެއްސި ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އަދި އޭނާ ދައްކާ ވާހަަކަތަކުގައި ވަކި ކަންތައްތަކެއް ފާހަގަކޮށް ގޯސް ގޮތަކަށް ބޭނުންކުރީތީ ހިތާމަކުރާ ކަމަށް ބުންޏެވެ.