24 ޖުލައި 2019 - 06:21

ޗައިނާގެ ޒެޖިއާންގެ ޕްރޮވިންސްގެ ހުޒޯ ސިޓީގެ އެއާޕޯޓެއްގެ ރަންވޭ އަށް ރޭގަނޑު އަރައި، ޕާކްކޮށްފައި އޮތް ކުޑަވަރެއްގެ މަތިންދާބޯޓެއް ދުއްވައި އެ ކްރޭޝް ލޭންޑްކުރި 13 އަހަރުގެ ކުއްޖަކަށް ފްލައިޓް ދުއްވަން ދަސްކޮށްދޭން ނިންމައިފި އެވެ.

މޫދަށް ވެސް ޖެއްސޭ ބޯޓް އެ ކުއްޖާ ދުއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ. އަދި ބޯޓް އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވެއްޓި ގެއްލުންވެފައިވެ އެވެ. އެކަމަކު ކުއްޖާ އަށް އެއްވެސް އަނިޔާއެއް ނުވެ އެ ހާދިސާގައި ސަލާމަތްވި އެވެ. އޭނާ 1,880,000 ޔުއާން (273،000 ޑޮލަރު) ގެ އަގުހުރި ބޯޓް ދުއްވިކަން އެނގުނީ ސަވައިލެންސް ކެމެރާތަކުންނެވެ.
މި ހާދިސާގައި އެއާޕޯޓަށް ލިބުނު ގެއްލުން 8،000 ޔުއާން (1،162 ޑޮލަރު) އަށް އަރަ އެވެ. އަނެއްކޮޅުން މިއީ އެއާޕޯޓްގެ ސެކިއުރިޓީއާ ދޭތެރޭ ވެސް ސުވާލު އުފެދުނު ހާދިސާއެކެވެ. އެހެންވެ ސިކިއުރިޓީ ފޫއަޅުވާލައި ރަންވޭ އަށް އަރައި، ބޯޓެއް ދުއްވައި ގެއްލުނުން ލިބުނު މައްސަލައާ ގުޅިގެން އެއާޕޯޓުން ވަނީ އާއިލާއާ އެކު އެއްބަސްވުމަކަށް ގޮސްފަ އެވެ. ނަން ހާމަކޮށްފައި ނުވާ ކުއްޖާ 2،000 ޔުއާން އިން ޖޫރިމަނާ ވެސް ކުރި އެވެ.
އެ ވަރުގެ އަދަދަކުން ޖޫރިމަނާކުރީ ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު ދެއްކޭ ވަރުގެ ތަނަވަސްކަމެއް އާއިލާގައި ނެތުމުންނެވެ. މިއާ އެކު އެއާޕޯޓުން ވަނީ ކުއްޖާ އަށް ބޯޓު ދުއްވަން ދަސްކޮށްދޭން ނިންމައި، އެތަނުގެ ސެކިއުރިޓީ ވެސް ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން އެއާޕޯޓްގެ ޑިރެކްޓަރު މީޑިއާތަކަށް ވިދާޅުވީ އެއާޕޯޓްގެ ޓީމުން ކުއްޖާގެ ގެއަށް ޒިޔާރަތްކުރުމުން "ބޯޓް ދުއްވާނެ ގޮތުގެ ހޯމްވޯކް ވަރަށް ރަނގަޅަށް އޭނާ ހަދާފައި ހުރިކަން ފާހަގަ ކުރެވުނު" ކަމަށެވެ.
"އެ ކުއްޖާއަކީ ވިސްނުން ތޫނު، ސްމާޓް ކުއްޖެއް. އެކަމަކު އަހަރެމެން ނަސޭހަތްތެރިވިން އެފަދަ ކަމެއް ދެން ތަކުރާރު ނުކުރުމަށް. އެެއާ އެކު އެއާޕޯޓުން މިހާރު ނިންމާފައި ވަނީ އެ ކުއްޖާ އަށް ޕައިލެޓް ޓްރޭނިން ދޭން،" އޭނާ ވިދާޅުވި އެވެ.