23 ޖުލައި 2019 - 12:12

ލޮސް އެންޖެލިސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 23) - އެމެރިކާގެ އަންހެނެން ރޭޕު ކުރިކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް އެކަން ސާބިތުނުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކާގެ ފުލުހުން ވަނީ، ރޮނާލްޑޯގެ މައްޗަށް އެމެރިކާގެ ކުރީގެ މޮޑެލް ކެތަރިން މަޔޯގާ ކުރި ރޭޕުގެ ތުހުމަތުގެ ތަހުގީގު މިިދިޔަ އަހަރު އަލުން ފަށައިފަ އެވެ. ލަސް ވެގަސްގެ ހޮޓަލެއްގައި 2009 ވަނަ އަހަރުގެ ޖޫން މަހު އޭނާ ރޭޕްކުރި ކަމަށް މަޔޯގާ ކުރާ ތުހުމަތުތައް ރޮނާލްޑޯ ވަނީ ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.
މަޔޯގާ ބުނީ ރޭޕުގެ ވާހަކަތައް ސިއްރުކުރަން އޭނާ ލައްވައި 2010 ވަނަ އަހަރު މަޖުބޫރުން ސޮއިކުރުވާފައިވާ ކަމަށެވެ. އެ ފަހަރު ކެތަރިން މަޔޯގާ އެ ވާހަކަތައް ނުދައްކާ ގޮތަށް އެއްބަސްވެ، 228،000 ޑޮލަރު ނަގާފައިވާ ކަމަށް ޖަރުމަނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު އޭނާގެ ވަކީލް ބުނީ މި ވާހަކަތައް ހާމަކުރަން މަޔޯގާ އަށް ހިތްވަރުލިބުނީ ނުފޫޒުގަދަ ފިރިހެނުންގެ ފަރާތުން ކުރިމަތިވާ ޖިންސީ ފުރައްސާރަ އާއި ރޭޕާ ދެކޮޅަށް ހިންގާ "މީޓޫ" ކެމްޕެއިނުގެ ސަބަބުން ކަމަށެވެ.
އެމެރިކާގެ ދި ކްލާކް ކައުންޓީ ޑިސްޓްރިކްޓް އެޓާނީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ތަހުގީގަށް ސާބިތުވާ ވަރަށް މަޔޯގާގެ ފަރާތުން ހެކި ފޯރުކޮށްދީފައިނުވާ ކަމަށާއި އެހެންވެ އެންމެ ރަނގަޅަށް މައްސަލަ ކުރިއަށްގެންދެވެން ނެތް ކަމަށެވެ. އަދި މި މައްސަލަ މިހާރު އޮތްގޮތުން ރޮނާލްޑޯ އަށް މި ތުހުމަތުތަކުގެ ސަބަބުން އެއްވެސް އަދަބެއް ނުލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކެތަރިން ވަނީ އެ މައްސަލަ ފަހުން ކުރިއަށް ނުގެންދަން ނިންމައިފަ އެވެ. އެކަމަކު އެ ސަބަބާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ދެކޮޅު ހެދި އެވެ.
ރެއާލް މެޑްރިޑުގައި ހުއްޓާ މިދިޔަ އަހަރު 115 މިލިއަން ޑޮލަރަށް ރޮނާލްޑޯ ގަތް ޔުވެންޓަސް އިން ވަނީ އޭނާ ދިފާއުކޮށްފަ އެވެ. މި މައްސަލަ ފެންމަތިވުމުން ރޮނާލްޑޯގެ ދެ ސްޕޮންސަރުން ކަމަށްވާ ނައިކީ އަދި އީއޭ ސްޕޯޓްސް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރޭޕުގެ ތުހުމަތުތަކެއް ކުރެވިފައިވާތީ ރޮނާލްޑޯ އަށް އެމެރިކާ އަށް އެތެރެވުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމުން މިހާރު ކުރިއަށްދާ ޕްރީ ސީޒަން މުބާރާތް ކަމަށްވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ޔުވެންޓަސް ވާދަކުރަނީ އޭޝިއާ ފަޅީގަ އެވެ. މުބާރާތް އިންތިޒާމްކުރާ ފަރާތުން އެންމެ ފުރަތަމަ ޔުވެންޓަސް ހިމެނީ އެމެރިކާގައި ކުޅޭ ގޮތަށެވެ. އެކަމަކު ޔުވެންޓަސް އިން އެދުމުން ބަދަލުގެނައީ އެވެ.
އުމުރުން 34 އަހަރުގެ ރޮނާލްޑޯ ވަނީ ދާދި ފަހުން ޔުވެންޓަސްގެ ޕްރީ ސީޒަނާ ގުޅިފަ އެވެ. އަދި ޔުވެންޓަސް އިން އެންމެ ފަހުން ޓޮޓެންހަމް އަތުން 3-2 އިން ބަލިވި މެޗުގައި ރޮނާލްޑޯ ވަނީ ލަނޑު ޖަހައިފަ އެވެ.