އިންޑިއާގައި އުފަންވި ކުއްޖެއްގައި އިތުރު ދެ ބޯ
އިންޑިއާގައި އުފަންވި ކުއްޖެއްގައި އިތުރު ދެ ބޯ

އިންޑިއާގައި، "ތިން ބޯ ހުރި" ކުއްޖަކު އުފަންވެ އާއިލާ އާއި ޑޮކްޓަރުންނަށް ވެސް މިކަމުން ބޮޑު ހައިރާން ކަމެއް ލިބިއްޖެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އުއްތަރު ޕްރަދޭޝްގެ އެތާ ޑިސްޓްރިކްޓް ހޮސްޕިޓަލްގައި ބުރާސްފަތި ދުވަހު ވިހޭ އަންހެން ކުއްޖާގެ ބޮލުގެ ފަހަތުން ދެ ބޯ ފަޅާފައި ހުއްޓެވެ. އެ ބޯތަކުގައި އިސްތަށި ވެސް ހުއްޓެވެ. އެކަމަކު މޫނުގެ އެހެން ގުނަންތަކެއް ނެތެވެ.

އަންހެން މީހާ ވިއްސި ޑޮކްޓަރުން މިކަމާ ބެހޭ ގޮތުން ވިދާޅުވީ އާދަޔާހިލާފު ކުއްޖެއް އުފަންވި ނަމަވެސް، ވިހެއުމުގެ ތެރޭގައި އަންހެން މީހާ އަށް ވެސް މައްސަލައަކާ ކުރިމަތި ނުވާ ކަމަށެވެ. އެކަމަކު "ތިން ބޯ ހުރި" ކުއްޖަކު ވިހެއުމަކީ ވަރަށް ބޮޑު ޝޮކެއް ކަމަށް ބުންޏެވެ.

ދަރިފުޅަށް ބަލިވެ އިން އިރު ވެސް އަންހެން މީހާ އަށް އާދަޔާހިލާފު އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށްވެ އެވެ. އެކަމަކު "ތިން ބޯ ހުރި" ކުއްޖަކު ވިހެއުމާ ގުޅިގެން މިއީ ކިހިނެއްވީ ކަމެއްތޯ ބެލުމަށް އެމްއާރްއައި ސްކޭނެއް ހެދުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

"މިފަދަ ކުއްޖަކު އުފަންވުމަކީ ވަރަށް ނާދިރު ކަމެއް. ކުއްޖާގެ ބައެއް ގުނަވަންތައް ރަނގަޅަށް ފުރިހަމައެއް ވެސް ނުވޭ. އެކަމަކު އެމްއާރްއައި ސްކޭނެއް ހެދުމަށް ފަހު، އިތުރަށް އިން ދެ ބޯ ވަކި ކުރުމަށް އޮޕަރޭޝަނެއް ކުރާނަން،" ހޮސްޕިޓަލްގެ ޗީފް މެޑިކަލް ސުޕްރިންޑެންޓް ރާޖޭޝް ތާކޫރު ވިދާޅުވި އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެއް ހަށިގަނޑެއްގައި އިތުރު ބޯތަކެއް ހުންނަ ކުދިން އުފަން ވަނީ ނާދިރު ސިއްހީ ހާލަތެއް ކަމަށްވާ އެންސެފޮލަސީންގެ ސަބަބުންނެވެ. އެގޮތުން ބޮލުގެ ނާށިގަނޑު ފުރިހަމަ ނުވެ ސިކުނޑީގެ ޓިޝޫތަކާއި އެއާ ގުޅިފައި ހުންނަ ބައިތައް ބޭރަށް ނުކުމެ އެވެ. މިފަދަ ކުދިންގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު 55 ޕަސަންޓް ކުޑަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިކަހަލަ ކުދިން މީގެ ކުރިން އެންމެ އާންމުކޮށް ވިހާފައި ވަނީ އެފްރިކާ ބައްރުގެ ގައުމުތަކުގަ އެވެ.