އޯޓިސްޓިކް ލިޔުންތެރިއެއް ކިޔައިދޭ ލޯބީގެ ވާހަކަ
އޯޓިސްޓިކް ލިޔުންތެރިއެއް ކިޔައިދޭ ލޯބީގެ ވާހަކަ

ދޭދޭ މީހުންގެ މެދުގައި ކުރެވޭ ކުދިކުދި މުއާމަލާތްތަކުން ވެސް ހެލެން ހޮއާން އަށް އުދަނގޫ ވަނީ ކީއްވެ ކަމެއް ކުރިއަކުން ނޭނގެ އެވެ. އެމެރިކާގެ މި ލިޔުންތެރިޔާ އަށް އޭރު ފަސޭހައީ ކޮންމެވެސް ކަނަކަށް ވަދެ ވާހަކަ ކިޔަން އިނުމެވެ. އުމުރުން ބާރަ އަހަރުގައި އެއް ހަފުތާގެ އިންޓަވަލް ފައިސާ ރައްކާކޮށް، އެއިން ލޯބީގެ ފުރަތަމަ ވާހަކަ ގަތެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެފަދަ ވާހަކަތަކުން ބޮޑު ހަރުގަނޑެއް ފުރައިލި އެވެ. މީހަކާ ވާހަކަދެއްކުމަކާނުލައި ބީހުމަކާ ނުލައި ލޯބިވާން ދަސްވީ އެ ފޮތްތަކުން ކިއުނު ވާހަކަތަކުންނެވެ.

އޯޓިސްޓިކް ލިޔުންތެރިއެއް ކިޔައިދޭ ލޯބީގެ ވާހަކަ
އޯޓިސްޓިކް ލިޔުންތެރިއެއް ކިޔައިދޭ ލޯބީގެ ވާހަކަ

ލޯބީގެ ވާހަކަ ކިއުމަށް ހުރި ޝައުގުވެރިކަން ހެލެން އުޅުނީ ފުރަތަމަ އާއިލާ މީހުންނަށް ވެސް ސިއްރުކޮށްގެންނެވެ. އެހެން އުޅެމުން އޭނާގެ ފުރަތަމަ އަމިއްލަ ވާހަކަ ލިޔުނީ ހައިސުކޫލުގެ ފަހު އަހަރު އެވެ. ހެލެންގެ ފުރަތަމަ ކިއުންތެރިޔާ، އޭނަގެ ބައްޕަ ވާހަކަ ކިޔާފައި ބުނީ ވާހަކަ ލިއުންތެރިއަކަށް ވުމުން މީހާ ފަގީރުވާނެ ކަމަށެވެ.

ބޮޑުވުމުން ވާހަކަ ކިޔުން ދޫކޮށްލަން ޖެހޭނެ ކަމަށް ނިންމައި ކޮލެޖްގައި އެކަން ފަސްކޮށްލި އެވެ. ނަމަވެސް ރޭގަނޑު ނުނިދާ އޮންނައިރު ސިކުނޑީގައި އެމުނެމުން ގެތެމުން ދިޔައީ މުޅިން ވެސް ލޯބީގެ ވާހަކަތަކެވެ.

މީގެ އަށް އަހަރު ކުރިން ހެލެންގެ ފުރަތަމަ ދަރިފުޅު ވިހެއުމަށް ފަހު ވާހަކަ ލިޔަން އަނެއްކާ ވެސް ނިންމީ އެވެ. ހެލެން އޭނަގެ ފުރަތަމަ ލޯބީގެ ވާހަކަ ގަތްތާ 25 އަހަރު ފަހުން މިއަދު އޭނާ ވަނީ އަމިއްލަ ދެ ވާހަކަ ނެރެފަ އެވެ. "ދަ ކިސް ކުއޯޝެންޓް" އަދި "ދަ ބްރައިޑް ޓެސްޓް" އަށް ކިއުންތެރިންގެ ފަރާތުން ލިބުނީ ހީނުކުރާވަރުގެ ލޯތްބާއި ތައުރީފެވެ. އަދި "ކިސް ކުއޯޝެންޓް" އަށް މިހާރު ސްކްރީންޕްލޭއެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ހެލެންގެ ތިންވަނަ ވާހަކަ "ދަ ހާޓް ޕްރިންސިޕަލް" ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

އޯޓިޒަމްގެ ވައްތަރެއް ކަމަށްވާ އެސްޕްރެގްރޯސަސް ހުރިކަން ހެލެންއަށް އެނގުނީ އުމުރުން 34 އަހަރުގަ އެވެ. އާންމުންގެ ތެރެއަށް ނިކުމެ އުޅުމާއި މުއާމަލާތުކޮށް އުޅުމުގައި ކުރިމަތިވި ދަތިކަމަށް ޖަވާބު ލިބުނީ އެ ހިސާބުންނެވެ. އެފަދަ އެހެން މީހުންގެ ދިރިއުޅުމާ ބެހޭގޮތުން ވާހަކަ ލިޔުމުގެ ވިސްނުން އައީ އެ ހިސާބުންނެވެ.

"ދަ ކިސް ކުއޯޝެންޓް" ގައި ވާހަކައިގެ ބަތޮލާ ސްޓެއްލާ އަކީ އޯޓިޒަމް ހުންނަ އަންހެންކުއްޖެކެވެ. މީހުންނާ ގުޅިގެން އުޅުމާއި އެންމެ ކުދި ބީހުންތަކުން ވެސް އުދަނގޫވެ އެވެ. އާދައިގެ އެހެން މީހުންހެން ވާހަކައެއް ކުރިއަށް ގެންދާކަށް ވެސް ނޭނގެ އެވެ. ވާހަކައިގައި ސްޓެއްލާ ހަޔާ ކުރަނީ މައިކަލްކިޔާ އެސްކޯޓެކެވެ. މައިކަލްގެ އެހީގައި ސްޓެއްލާ ބޭނުންވަނީ އޭނާ ލޯބިވެރިއަކު ހޯދަން ވާއިރަށް އެކީގައި އުޅެން މީހާ ހޭނުމެވެ.
"ދަ ބްރައިޑް ޓެސްޓް" އަކީ މައިކަލްގެ ދެބެއިންގެ ދެދަރި ޒުވާނެއް ކަމަށްވާ "ކައި" ގެ ވާހަކަ އެވެ. ކައި އަކީ ވެސް އޯޓިޒަމް ހުންނަ ޒުވާނެކެވެ. ވާހަކައިގައި، ކައިއަށް އިންނާނެ އަންހެންކުއްޖަކު ހޯދަ ދޭން ކައި މަންމަ ވިއެޓްނާމަށް ކުރާ ދަތުރެއްގައި އެސްމް ފެނި ގަޔާވެގެން އެމެރިކާ އަށް ގެންދަނީ ސަމާ ބްރޭކަށެވެ. ކައިގެ ތޮށިގަނޑު ފަޅާލައި އޭނަގެ ހިތާ ހަމައަށް ވާސިލްވުން ވެގެންދަނީ އެސްމް ހީކުރި ވަރަށްވުރެ މާ އުދަނގޫ ކަމަކަށެވެ. އަދި އޯޓިޒަމް ހުންނަ ފިރިހެނަކާއި އަންހެނެއްގެ ހުންނަ ތަފާތު ދެ ވާހަކަ ކިޔާލުމުން ވަރަށް ފުރިހަމައަށް އެނގެ އެވެ.

ލޯބީގެ ވާހަކަތައް ކިޔަން ޝައުގު ހުންނަ ފަރާތްތަކުން މިއީ ނުކިޔައި ދޫކޮށްލާވަރުގެ ދެވާހަކައެއް ނޫނެވެ.