22 ޖުލައި 2019 - 20:34

ރާއްޖޭގައި އިންޑިޔާގެ ފިލްމްފެއާ އެވޯޑް ހަފްތާ ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި މައިސް ޓޫރިޒަމް (މީޓިންސް، އިންސެންޓިވްސް، ކޮންފަރެންސަސް، އެގްޒިބިޝަންސް) ޕްރޮމޯޓް ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. ރާއްޖެއަކީ ހަމައެކަނި ހަނީމޫން މަންޒިލެއް ނޫން ކަމަށާއި އެހެން ގޮތްގޮތުން ވެސް ރާއްޖެ ޕްރޮމޯޓް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑަށް އަޅުގަނޑުމެންނާ ބައްދަލުކުރާ ބޭރު ފަރާތްތަކުން ފާހަގަކުރާ ކަމަކީ ރާއްޖެއަކީ ޓޫރިޒަމްގެ ބައިވަރު ޕްރޮޑަކްޓްތައް ހުރިކަން ކިޔައިދޭން ޖެހޭކަން،" އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ފިލްމްފެއާ އިންތިޒާމުކުރާ މީހުންނާ ބައްދަލުކުރައްވައިފަ އެވެ.
ފިލްމްފެއާ އެވޯޑަކީ ބޮލީވުޑްގެ ފިލްމުތަކަށް ހާއްސަކޮށް 1954 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. އެތައް ހާސް މީހުން ބައިވެރިވާނެ މި ފަދަ އެވޯޑު ހަފްތާލެއް ރާއްޖޭގައި ބޭއްވިއްޖެ ނަމަ، ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.