ޖިހާދަށް ދާން ގޮވާލާފައިވާ ލިޔުންތަކެއް އީދު ނަމާދުގައި ބަހައިފި
ޖިހާދަށް ދާން ގޮވާލާފައިވާ ލިޔުންތަކެއް އީދު ނަމާދުގައި ބަހައިފި

ޖިހާދު ކުރުމަށް ދާން ގޮވާލާފައިވާ ލިޔުންތަކެއް، އީދު ނަމާދު ކުރުމަށް މާފަންނު ސްޓޭޑިއަމްގައި އިއްޔެ ބޭއްވި ބޮޑު ޖަމާއަތުގައި ބަޔަކު ބަހައިފި އެވެ.

މޫނު ނިވާކޮށްގެން ތިބި ފިރިހެނުންތަކެއް ބެހި މި ލިޔުންތައް ބިނާކޮށްފައިވަނީ ޖިހާދު ކުރުމާ ގުޅޭ ގޮތުންނެވެ. ދެ ސަފުހާ ހިމެނޭ އެ ލިޔުން ފަށާއިރު އެއީ ދިވެހިންނަށް ވާ ސިޓީއެއް ކަމަށް ބުނެފައިވެ އެވެ. އަދި އެ ލިޔުމަކީ އެ ބަހާ މީހުންގެ އެއްޗެއް ނޫން ކަމަށާއި އެއީ ބިލާދުއްޝާމް މީޑިއާ އިން ނަގާފައިވާ އެއްޗެއް ކަމަށް ވެސް ބުނެފައި އެވެ.

ބިލާދުއްޝާމަކީ ސީރިއާ ހަނގުރާމަ ކުރަމުންދާ އަލް ނުސްރާ ފްރަންޓުގެ މީޑިއާ ގޮތްޕެވެ. އެ ޖަމާއަތާ ގުޅިގެން ގިނަ އަދަދެއްގެ ދިވެހިން ވެސް ސީރިއާގައި ހަނގުރާމަ ކުރަމުންދެ އެވެ.

ސީރިއާގަައި މިހާރު ކުރަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދާ ދިވެހިންގެ އަދަދު ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަރު ވެސް ވެފައިވެ އެވެ.

ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުމާއި ހަނގުރާމަކުރަން ދިއުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުށެކެވެ. އަދި ގައުމުތަކުގައި ކުރާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.

ޖިހާދަށް ދާން ހިތްވަރު ދޭ ލިޔުންތަކެއް ބެހި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.