22 ޖުލައި 2019 - 19:10

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ރިހި މެޑަލް ހޯދައިފި އެވެ. މިއީ ބީޗް ވޮލީބޯޅަ އިން މިހާތަނަށް ރާއްޖެ އަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީ އެވެ.
މި ފަހަރުގެ ގޭމްސްގައި މިހާތަނަށް ރާއްޖޭން ވަނީ ހަތަރު މެޑަލް ހޯދައިފަ އެވެ. އެއީ މި މެޑަލްގެ އިތުރުން އަންހެން ޓޭބަލް ޓެނިސް ޓީމުން އިއްޔެ ހޯދި ރަން މެޑެއްޔާއި ފިރިހެން ބެޑްމިންޓަން ޓީމާއި ޕެރަ 100 މީޓަރުގެ ބައިން ރާއްޖޭގެ ދުވުންތެރިޔާ މުހައްމަދު މާޒިން ހޯދި ލޯ މެޑެއްޔެވެ.
ބީޗް ވޮލީން މީގެ ކުރިން ރާއްޖެ އަށް ލިބިފައިވާ ބައިނަލްއަގުވާމީ ހަމައެކަނި މެޑެއްޔަކީ 2015 ވަނަ އަހަރު މާލޭގައި ކުރިއަށް ދިޔަ އޭވީސީ ބީޗް ވޮލީބޯޅަ މުބާރާތުން ލިބުނު ލޯ މެޑެއްޔެވެ.
ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމުގައި ހިމެނެނީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ)، އާދަމް ނަސީމް (އެޑަމް)، އަހުމަދު މުހައްމަދު އަދި މުހައްމަދު އަލީ އެވެ. ޓީމުގެ ކޯޗަކީ އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ.
ބީޗް ވޮލީގައި ރާއްޖޭން ފުރަތަމަ މެޗުގައި ކޮމޮރޯސް އަތުން 2-1 އިން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ވަނީ ރީޔޫނިއަން އަތުން 2-0 އިން ބަލިވެފަ އެވެ. އެކަމަކު އިއްޔެ މޮރިޝަސްގެ މައްޗަށް 2-1 އިން ކުރި ހޯދައި އުއްމީދު އާ ކުރި އެވެ. އަދި މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވި އެވެ. އެ މެޗުން މޮޅުވެ ރާއްޖެ އަށް ރިހި މެޑަލް ހޯދުމުގެ އުއްމީދު ބޮޑުވި އެވެ. ރާއްޖެ އަށް ރިހި މެޑަލް ޔަގީންވީ ފަހު މެޗުގައި މޮރިޝަސް އަތުން ރީޔޫނިއަން މޮޅުވުމުންނެވެ.
ފާއިތުވި އަހަރުތަކުގައި ބީޗް ވޮލީބޯޅައިގައި ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޖުމްލަ ގޮތެއްގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. އެކަމަކު ފަހަކަށް އައިސް އެކި މުބާރާތްތަކުގައި ކުޅެ ބީޗް ވޮލީ ޓީމުން އައީ ނިސްބަތުން ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. އޭގެ ނަތީޖާ އަކަށްވީ ތަޖުރިބާކާރު ކުޅުންތެރިޔާ ޝިއުނާޒްގެ ތަޖުރިބާއާ އެކު މި މުބާރާތުން ރަނގަޅު ވަނައެއް ހޯދުމެވެ. އަދި ޓީމުގައި ހިމެނޭ އެޑަމް އަކީ އިންޑޯ ވޮލީގައި ވެސް މޮޅު ކުޅުންތެރިއަކަށްވާއިރު، އޭނާ ވެސް ވަނީ މޮޅަށް ކުޅެފަ އެވެ.
ރާއްޖެ ޓީމުގައި ހިމެނޭ މުހައްމަދު އަލީ އަހުމަދު މުހައްމަދު އަކީ ކުރިއަށް އޮތްތަނުގައި ބީޗް ވޮލީބޯޅައިން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ކުޅޭނެ ކުޅުންތެރިންނެވެ. މި ކުޅުންތެރިންނަށް މި މުބާރާތުގައި މި ލިބުނު ތަޖުރިބާގެ އެހީގައި މުސްތަގުބަލުގައި ބީޗް ވޮލީބޯޅައިން ރާއްޖެ އަށް އިތުރު ކާމިޔާބީ ހޯދަން ފުރުސަތު ފަހިވެގެންދާނެ އެވެ.
ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމު އިއްޔެ ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ. ފިރިހެން ޓީމު މަޑަގަސްކާއާ ވާދަކޮށް ބަލިވިއިރު، އަންހެން ޓީމު ބަލިވީ ސީޝެލްސް އަތުންނެވެ. ދެ ޓީމަށް ވެސް ނާކާމިޔާބީ ކުރިމަތިވީ ސެޓެއް ވެސް ނުލިބި އެވެ.