22 ޖުލައި 2019 - 16:24

ތެލް އަވީވް (ޖުލައި 22) - މިދިޔަ ދެ އަހަރު ތެރޭ އީރާން މީހުން އެންމެ ގިނައިން މަރާފައިވާނީ އިޒްރޭލުން ކަމަށް ވިދާޅުވެ އެ ގައުމުގެ މިނިސްޓަރަކު އަމިއްލަ ނަފްސަށް ފަޚުރުވެރިވެއްޖެ އެވެ.
"ދެ އަހަރު ވަންދެން އީރާން މީހުން މަރަމުން ދިޔަ ހަމައެކަނި ގައުމަކީ އިޒްރޭލް،" ރީޖަނަލް ކޯޕަރޭޝަން މިނިސްޓަރު ޒަޗީ ހަނެގްބީ ވިދާޅުވި އެވެ. "ސީރިއާގައި ތިބޭ އީރާން މީހުންނަށް އަމާޒުކޮށް އެތައް ފަހަރަކު ވާނީ އިޒްރޭލުން ހަމަލާދީފައި."
އިޒްރޭލުގެ މިނިސްޓަރަށް ރައްދުދީ އީރާނުގެ ޕްރެސް ޓީވީން ބުނެފައި ވަނީ "އިޒްރޭލުން ފަޚުރުވެރިވާ ކަންކަމަކީ މީހުން މެރުން" ކަމަށެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ މިދިޔަ ހަފުތާގައި މިފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ. ނޭޝަނަލް ސެކިއުރިޓީ ކޮލެޖުގައި ނަތަންޔާހޫ ވިދާޅުވީ އީރާނަށް ހަމަލާ ދޭން ކެރޭވަރުގެ ލަޝްކަރެއް މުޅި ދުނިޔޭގައި ވެސް އޮތް ގައުމަކީ ހަމައެކަނި އިޒްރޭލް ކަމަށެވެ. މި މަހުކުރީކޮޅު ނަތަންޔާހޫ ވިދާޅުވެފައި ވަނީ އިޒްރޭލުގެ ޖެޓްތައް އީރާނާ ހަމައަށް ފޯރާނެ ކަމަށެވެ.
މިދިޔަ ޖޫން މަހު ވެސް ނަތަންޔާހޫ ވިދާޅުވެފައި ވަނީ ސީރިއާގައި އީރާނުން އަތްގަދަ ކުރަން މަސައްކަތް ކުރި އެތައް ފަހަރަކު އިޒްރޭލުން ވާނީ އެކަން ހުއްޓުވާފައި ކަމަށެވެ.