22 ޖުލައި 2019 - 15:06

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ހަ މީހަކާ ދެކޮޅަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަށް ދިފާއީ ވަކީލަކު ހާޒިރު ނުވުމުން ހެކިބަސް ނެގޭ ގޮތް ނުވެ، އަޑުއެހުންތައް ދިގު ދެމިގެންދާތީ ގާޒީ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ އިތުރުން މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހަސަން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލާގައި މިއަދު މެންދުރު ބާއްވަން އުޅުނީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމުގެ އަޑުއެހެކެވެ. އެކަމަކު ދައުވާ ލިބޭ މީހުންގެ ތެރެއިން ހައިޝަމްގެ ވަކީލް އަހުމަދު ޔާމީން ބަލިވެ އުޅޭތީ ކޯޓަށް ހާޒިރު ނުވެވޭނެ ކަން އޭނާ ވަނީ އަންގައިފަ އެވެ. އެހެންވެ، ހެކިބަސް ނެގުން އެހެން އަޑުއެހުމެއްގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ ޝަރީއަތް ދިގުލައިގެން ގޮސްފައިވަނީ ދިފާއީ ވަކީލުން އެކި ސަބަބުތަކާ ހެދި ކޯޓަށް ހާޒިރު ނުވުމުން އަޑުއެހުންތައް ފަސްކުރަން ޖެހުމުން ކަމަށެވެ. ދައުވާ ލިބޭ ކޮންމެ މީހަކަށް ވަކި ވަކީލުންތަކެއް ހަމަޖައްސާފައިވާއިރު، އެންމެ ވަކީލަކު ހާޒިރު ނުވިޔަސް އަޑުއެހުން ފަސްކުރަން ޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ އަލީ ރަޝީދު ވިދާޅުވި ގޮތުގައި ދިފާއީ ވަކީލުންނަށް ހަމަޖައްސާފައިވަނީ ގިނަ މައްސަލަތަކެއްގައި އުޅޭ ވަކީލުންތަކެކެވެ. އެހެންވެ އަޑުއެހުމަކަށް ހާޒިރު ނުވެވޭ ނަމަ ބަދަލުގައި އެހެން ވަކީލަކު ފޮނުވަން އެދިވަޑައިގަންނަވާ ގާޒީ ވިދާޅުވި އެވެ. އަދި މަގްބޫލު އުޒުރެއް ނެތި ވަކީލުން ކޯޓަށް ހާޒިރު ނުވާ ނަމަ، އެ ވަކީލެއްގެ ޝަކުވާ ބާ ކައުންސިލަށް ފޮނުއްވާނެ ކަމުގެ އިންޒާރު ވެސް ދެއްވި އެވެ.
ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު ޝަފީގް ވިދާޅުވީ ގިނަ މައްސަލަތަކެއްގައި ވަކީލުން ކޯޓުތަކަށް ހާޒިރުވާން ޖެހޭއިރު އަޑުއެހުމަކަށް ހާޒިރު ނުވެވޭ ފަދަ ކަމެއް ދިމާވުމަކީ ވެދާނެ ކަމެއް ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އެ މައްސަލައާ ހަވާލުވެގެން ތިބި ވަކީލުންނަށް ހާޒިރުނުވެވޭ ފަދަ ސަބަބެއް ދިމާވުމުން ބަދަލުގައި އެހެން ވަކީލަކު ފޮނުވުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ އިސްމާއިލް ރަޝީދުގެ ވަކީލުންގެ ގޮތުގައި ދެ ވަކީލަކު އެބަ ތިބި ކަމަށެވެ. އެހެންކަމުން އެއް ބޭފުޅަކަށް ވަޑައިނުގެންނެވުނަސް، ދެވަނަ ވަކީލަށް ވަޑައިގެންނެވޭނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގޭ ގޮތް ނުވުމުން ދައުލަތުން އެދުނީ މި ހަފުތާގައި އިތުރު އަޑުއެހުމެއް ބާއްވައި، ހެކިބަސް ނެގުމަށެވެ.
އެކަމަކު ދިފާއީ ބައެއް ވަކީލުން އެކަމަށް ދެކޮޅު ހެއްދެވި އެވެ. އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދުރާލާ ކޯޓުން އެކުލަވާލާފައި އޮތުމުން، އެ ތާވަލާ ޚިލާފަށް އަޑުއެހުންތައް ބާއްވާ ނަމަ ހާޒިރުވާން ދަތިވާނެ ކަމަށް އެއް ވަކީލަކު ވިދާޅުވި އެވެ.
ގާޒީ އަލީ ރަޝީދު ނިންމެވީ ތާވަލްގައި އޮތް ގޮތަށް، އަންނަ ހަފުތާގައި އަޑުއެހުމެއް ބާއްވަވާށެވެ. މިއަދު ހެކިބަސް ނަގަން ގެނައި ދެ ހެކިވެރިންގެ ހެކިބަސް އެދުވަހު ނަންގަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.