ބަތަލާ ކަޝްމީރާ ޝާހް ޑައިރެކްޝަނަށް
ބަތަލާ ކަޝްމީރާ ޝާހް ޑައިރެކްޝަނަށް

ބައެއް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެނިފައިވާ ބަތަލާ ކަޝްމީރާ ޝާހް ފިލްމު ޑައިރެކްޝަނަށް، ނުކުމެ އޭނާގެ ފުރަތަމަ ފިލްމު ބެލުންތެރިންނަށް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.

މިހާރު ޓީޒާ ވެސް ދައްކާލާފައިވާ މި ފިލްމުގެ ނަމަކީ "މަރުނޭ ބީ ދޯ ޔާރޯ" އެވެ.

ކަޝްމީރާ އަކީ ސޮނީ ޓީވީން ގެނެސްދޭ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ސަޕްނާގެ ކެރެކްޓާ ދައްކުވައިދޭ މަޝްހޫރު ކޮމީޑިއަން އަބީޝެކް ކުރުޝްނާގެ އަންހެނުންނެވެ.

ކަޝްމީރާގެ އަލަތު ޑައިރެކްޝަނުގެ ރޯލްތައް ކުޅެފައި ވަނީ އޭނާ އާއި ފިރިމީހާގެ އިތުރުން އަލަށް ތައާރަފުކުރާ ރިޝަބް ޗޯހަން އެވެ.

ކަޝްމީރާ، 47، އާއި ކުރުޝްނާ، 36، އަކީ ފިލްމުތަކުން މިހާތަނަށް މާ ރަނގަޅު ފުރުސަތުތަކެއް ލިބުނު ދެ މީހުންނެއް ނޫނެވެ. ގޯވިންދާ އަށް ބޮޑުބޭބެ ކިޔާ ކުރުޝްނާ ސަޕޯޓިން ރޯލްތައް ކުޅުނު ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ "ބޯލް ބައްޗަން"، އަކްޝޭ ކުމާރުގެ "އެންޓަޓައިންމަންޓް" ގެ އިތުރުން ތުޝާރް ކަޕޫރްގެ "ކިޔާ ކޫލް ހެ ހަމް 3" ހިމެނެ އެވެ.

ކަޝްމީރާ ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި އަޖޭ އާއި ކާޖޮލްގެ "ޕިޔާރު ތޯ ހޯނާ ހިތާ"، ޝާހްރުކް ހާނާއި ޖޫހީ ޗާވްލާގެ "ޔެސް ބޮސް" އަދި ސަލްމާން ހާނާއި ރާނީ މުކަރްޖީގެ "ކަހި ޕިޔާރު ނަ ހޯޖައޭ" ހިމެނެ އެވެ.

"މަރުނޭ ބީ ދޯ ޔާރޯ" ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.