22 ޖުލައި 2019 - 14:12

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5،000ރ. ގެ ބަދަލުގައި 10،000ރ. ގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލިހުން ބަލައިނުގަނެ، މިއަދު ބޭރުކޮށްލައިފި އެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ބޭރުކޮށްލީ 58 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލްގެ ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުންތަކެއްގެ ފާޑުކިޔުން އަމާޒުވި ޖާބިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުން ލިބޭ ޕެންޝަންގެ އަދަދަކީ އަސާސީ ޕެންޝަންގެ ދެ ގުނަ އަށް ވުރެ ގިނަ އަދަދެއް ނަމަ، އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަނެއް ނުލިބޭނެ ކަމަށެވެ.
އެކަމަކު، އެހެނިހެން ޕެންޝަންގެ ގޮތުގައި 10،000ރ. އަށް ވުރެ މަދު އަދަދެއް ލިބޭ ނަމަ، ދައުލަތުގެ އެހެނިހެން ޕެންޝަނާއި އަސާސީ ޕެންޝަން ހިމެނޭ ގޮތަށް ލިބޭނީ 10،000ރ. ކަމަށް އިސްލާހުގައިވެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރުން ދުވަސްވީ މީހުންނަށް 5،000ރ. ލިބެ އެވެ.
ޖާބިރު ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ އުމުރުން ދުވަސްވީ މީހުންނަކީ ގަދަރުވެރިކަމާއި ފުދުންތެރިކަމާ އެކު މުޖުތަމައުގައި ދިރިއުޅެވޭ ބަޔަކަށް ހަދައި އެމީހުންނަށް ހުރިހާ މާނައެއްގައި ވެސް އުފާވެރި މުޖުތަމައުއެއް ބިނާކުރުމުގައި އެހީތެރިވެދިނުމަށް ބޭނުންވާތީ ކަމަށެވެ.
މަޖިލިހުގެ ބަހުސްގައި ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެމްބަރުން ވިދާޅުވި ގޮތުގައި ޖާބިރު ހުށަހެޅުއްވީ ސަރުކާރުން ނޫނީ ހުށަނޭޅޭނެ ބިލެއް ކަމަށާއި ބަޖެޓު ފާސްކޮށްފައި އޮއްވައި އަހަރުގެ މެދުތެރެއިން މިކަން ނުކުރެވޭނެ ކަމަށެވެ. ދައުލަތުގެ މާލިއްޔަތަށް ބުރަވާ ގޮތަށް މަޖިލިހުގެ މެމްބަރުންނަށް ބިލްތައް ހުށަނޭޅޭ ގޮތަށް މަޖިލިހުގެ ގަވައިދު ބަދަލު ކުރަން ޖެހޭ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ ގިނަ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރާއި އެމްޑީޕީއާ އެއްވެސް ކަހަލަ މަޝްވަރާއެއް ކުރެއްވުމެއް ނެތި ސިޔާސީ ބޭނުމެއްގަ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލާން ތިބީ ވެސް މި ސަރުކާރު ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތް ކުޑަވެގެން އެއްވެސް ޝަކުވާއެއް މިހާތަނަށް މީހަކު ކޮށްފައެއް ނެތެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ކޮށްދޭން ޖެހޭ ކަމަކީ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ އަޅާލުން އިތުރު ކުރުން ކަމަށް މެމްބަރުން ވިދާޅުވި އެވެ.