22 ޖުލައި 2019 - 14:51

ވުޖޫދުގައި ނެތް ކުންފުންޏަކަށް ކުރީ ސަރުކާރުން ފަޅެއް ދިން މައްސަލައެއް ޓޫރިޒަމް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
މާލެ އަތޮޅުގެ ފަޅެއް އެގޮތަށް ދީފައިވަނީ "ސަނީ ހޯލްޑިންސް" ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެކަމަކު މިއީ އެ ފަޅު ދިން އިރު ރަޖިސްޓްރީކޮށްފައި ނެތް ކުންފުންޏެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ އަލަށް ފާހަގަކުރެވިގެން ބަލަމުން އަންނަ މައްސަލައެކެވެ.
ފަޅު ދިނުމަށް ފަހު ސަނީ ހޯލްޑިންސް ރަޖިސްޓްރީކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ނޭނގެ އެވެ. އެކަމަކު އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައި އެނަން ކިޔާ ކުންފުންޏެއް އަދި ނެތެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ރަޖިސްޓްރީ ނުކޮށް އޮތް ކުންފުންޏަކަށް ފަޅު ދިނަސް އޭރުގެ ބަންޑާރަ ނައިބު ލަފާ ދެއްވާފައި އޮތީ އެކަމައިގެން ކުރިއަށް ދިއުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ބަންޑާރަނައިބަކަށް ހުންނެވީ މުހައްމަދު އަނިލް އެވެ.
އަލީ ވަހީދު ވިދާޅުވީ ބަންޑާރަ ނައިބަކު ދެއްވާފައިވާ ލަފައަކާ އެއްގޮތަށް އޭނާ ކުރިއަށް ވަޑައިގަތަސް ކުށްވެރިނުވާނެ ކަމަށެވެ. ނަމަވެސް އެ ފަޅުގެ މައްސަލާގައި މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ލަފައެއް ހޯއްދަވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރަޖިސްޓްރީނުކުރާ ކުންފުންޏަކަށް ފަޅެއް ދިނުމުގެ މައްސަލަ ޓޫރިޒަމް މިނިސްޓަރު ފާހަގަކުރެއްވި އިރު ކުރީގެ ސަރުކާރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް 55 ތަނެއް ކުއްޔަށް ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފަޅުތައް ވެސް ހިމެނެ އެވެ. މިފަޅުތަކާއި ރަށްތަކާ ގުޅޭ ހުރިހާ މުއާމަލާތްތަކެއް މިވަގުތަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މަޑުޖައްސާލައިފަ އެވެ.
ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ވަނީ ހިންގައިފަ އެވެ. އެގޮތުން ރަށްރަށަށާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެ އެވެ.