22 ޖުލައި 2019 - 14:03

ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ހޯދައި ސަލާމަތްކުރުމުގެ ފަރިތަކުރުންތަކެއް ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސާއި ދިވެހި ސިފައިން ގުޅިގެން ކުރިއަށް ގެންގޮސްފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ހުޅުލޭގެ އިރުމަތީ ފަރާތުން ކަނޑު ތެރޭގައި ހިންގި ފަރިތަކުރުންތަކުގައި ޖަޕާނުގެ ކަނޑުގެ ސިފައިންގެ މަތިންދާބޯޓަކާއި ރާއްޖޭގެ ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރިވި ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި އޮތީ ކަނޑުވެފައި ތިބޭ މީހުންނަށް އެހީތެރިވާނެ ގޮތްތައް އަމަލީ ގޮތުން ތަޖުރިބާކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ފަރިތަކުރުންތަކުގައި ކޯސްޓްގާޑުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި ކަމަށެވެ.
ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގާ އިރު އޭގެ ތެރެއިން ގިނަ ހާދިސާތައް ހިނގަނީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ތެރޭގަ އެވެ. ޖަޕާން ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކުގެ ކަނޑުމަތީގެ އަމަލީ ބައި މިއަދު ކުރިއަށް ގެންދިޔަ އިރު މާލެ ސަރަހައްދުގެ މޫސުން ގޯހެވެ.