22 ޖުލައި 2019 - 13:30

ރަބަތު، މޮރޮކޯ (ޖުލައި 22) - މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކަނޑައެޅި ޓާގެޓަށް ވާސިލްނުވެވުނު މޮރޮކޯގެ ކޯޗު ފްރާންސްގެ ހާވް ރެނާޑް މަގާމުން އިސްތިއުފާދީފި އެވެ.
މިސްރުގައި ދާދި ފަހުން ނިމުނު އެފްރިކަން ކަޕްގެ ދެ ވަނަ ބުރުން މޮރޮކޯ ކެޓީ ދެ ވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ބެނިން އަތުން ބަލިވުމުންނެވެ. މޮރޮކޯ އަކީ މުބާރާތަށް ނުކުތްއިރު ފޭވަރިޓެކެވެ. އެއީ މި މުބާރާތް ތަފާތު ދެ ޓީމެއް ގޮވައިގެން ކާމިޔާބުކުރި ހަމައެކަނި ކޯޗު ރެނާޑް އެ ޓީމާ ހަވާލުވެ ހުރުމުންނެވެ. ރެނާޑް ވަނީ ޒެމްބިއާގެ އިތުރުން އައިވަރީ ކޯސްޓަށް އެފްރިކާ ކަޕް ކާމިޔާބުކޮށްދީފަ އެވެ.
މޮރޮކޯގެ ކޯޗުކަމާ 2016 ވަނަ އަހަރު ކުރީކޮޅުގައި ހަވާލުވި ރެނާޑް ވަނީ މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. މިއީ 1998 ވަނަ އަހަރަށް ފަހު މޮރޮކޯ އިން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ފަހަރެވެ. މި ފަހަރުގެ އެފްރިކަން ކަޕަށް މޮރޮކޯ ގޮވައިގެން ރެނާޑް ނުކުތީ ސީދާ ތައްތަށް އަމާޒުކޮށެވެ.
"އަހަރެންގެ ދިރިއުޅުމުގެ ވަރަށް ތަފާތު އަދި ހިތްހަމަޖެހޭ ޗެޕްޓަރެއްގެ ނިމުން މި އައީ. އުއްމީދުކުރީ ރަނގަޅު އެފްރިކަން ކަޕެއް ނިންމާލަން. އެހެނެއް ނުވި. މަގާމު ދޫކޮށްލުމަކީ އެފްރިކަން ކަޕްގެ ކުރިން ވެސް އަހަރެން ނިންމާފައި އޮތް ނިންމުމެއް،" ރެނާޑް ނެރުނު ބަޔާނުގައިވެ އެވެ.
ފްރާންސަށް އުފަން ހާވް ރެނާޑް އާދައިގެ ކްލަބްތަކަށް ކޯޗުކޮށްދިނުމަށް ފަހު ފުރަތަމަ ފަހަރަށް އެފްރިކާގެ ޓީމަކާ ހަވާލުވީ 2008 ވަނަ އަހަރު ޒެމްބިއާއާ އެވެ. އެފްރިކާ ފުޓްބޯޅައިގައި ފުރަތަމަ އޭނާ ހޭދަކުރި ހަތަރު އަހަރުގައި ތަފާތެއް ނުދެއްކުނު ނަމަވެސް އޭގެ ފަހުން އޭނާ ވެފައިވަނީ އެފްރިކާ ގައުމުތަކަށް ތާރީހީ ކާމިޔާބީ ހޯދައިދިން ކޯޗަކަށެވެ.
ގައުމީ ޓީމުތަކަށް ކޯޗުކޮށްދިނުމަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ ރެނާޑް ކުރިއަށް އޮތްތަނުގައި ކްލަބަކާ ހަވާލުވުމުގެ ފުރުސަތު ބޮޑުކަމަށް ފްރާންސްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.