22 ޖުލައި 2019 - 15:38

ޓޫރިސްޓުންނަށް ހިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓް ކުރުމަށް ފަހު މައްސަލަތައް ހައްލުކުރަން ހަ މަސް ދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ މައްސަލަތައް ތަފްސީލީ ގޮތެއްގައި ދެނެގަތުމަށްޓަކައި ހިންގާ އިންސްޕެކްޝަންތައް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. ތަންތަން ބެލުމަށް ފަހު "މިނިމަމް ރިކުއާމެންޓް"ތަކަށް ފެތޭ ތަންތަން ފާހަގަކުރުމަށް ހަމަޖެހިފައިވެ އެވެ.
"އެއަށްފަހު އަނެއްކާ ވެސް ހުރިހާ ތަނެއް އަޅުގަނޑުމެން އިންސްޕެކްޓް ކުރާނަން. މީގެ ކުރިން އެގޮތަށް އިންސްޕެކްޓް ނުކުރޭ. އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ޕްރޮޕާ ރެގިއުލޭޓަރީ ބޮޑީ އަށް ޓޫރިޒަމް މިނިސްޓްރީ ވަންޏާމު ދެވަނަ އަހަރަށް ދާއިރު އެ މައްސަލަ ތަކުރާރުވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މިހާތަނަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ރަޖިސްޓްރީނުކޮށް ހިންގަމުންދާ ތަންތަނާއި ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ތަންތަން ކަމަށެވެ. އެ މިނިސްޓްރީން އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ ފުލުހުންނާއި އެމްއެންޑީއެފާ ވެސް ގުޅިގެންނެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގެ އިންސްޕެކްޝަން ފެށީ، ރިސޯޓުތަކުގައި އަލިފާނުގެ ހާދިސާތަކާއި ރިސޯޓުތަކުގައި ޓޫރިސްޓުން މަރުވުމުގެ ހާދިސާތައް އިތުރުވުމުންނެވެ.
މި އިންސްޕެކްޝަންތަކުގައި ރިސޯޓުތަކުގެ މުވައްޒަފުންގެ ރޭޝިއޯ އާއި ސާވިސް ޗާޖުގެ މައްސަލަތައް ވެސް ބަލާނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ.