މޫދަށް ގެއްލުނު ޓޫރިސްޓަކު އަށް ގަޑިއިރު ފަހުން ފެނިއްޖެ
މޫދަށް ގެއްލުނު ޓޫރިސްޓަކު އަށް ގަޑިއިރު ފަހުން ފެނިއްޖެ

އދ. އަތޮޅުން ޓޫރިސްޓަކު ގެއްލިގެން ރިޕޯޓްކުރިތާ އަށް ގަޑިއިރު ފަހުން މޫދުގައި އޮއްވައި ރޭ މެންދަމުން އަލިވި ފަހުން ފެނިއްޖެ އެވެ.

ފުލުހުން ބުނީ 38 އަހަރުގެ އަންމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 8:30 ގައި ކަމަށެވެ. ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނުނީ 2:00 ގައި ކަމަށާއި ފެނުނު އިރު ހާލު ރަނގަޅު ކަމަށެވެ.

ޓޫރިސްޓް ގެއްލުނީ ރިސޯޓަކުން ކަމެއް ނުވަތަ މީހުން ދިރިއުޅޭ ރަށަކުން ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އިތުރު ތަފްސީލެއް ނުދެ އެވެ.

ރާއްޖެ އަށް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ އިރު ޓޫރިސްޓުން ގެނބިގެން މަރުވުމާއި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލުމުގެ ގިނަ ހާދިސާތައް ހިނގަ އެވެ.