22 ޖުލައި 2019 - 11:50

ހޮން ކޮން (ޖުލައި 22) - ޑިިމޮކްރެސީގެ ނަމުގައި ހޮން ކޮންގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރޭން ރޭ ކުރި މުޒާހަރާތައް ހޫނުވެ ތަޅާފޮޅުމަކަށް ބަދަލުވެއްޖެ އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭލް ސްޓޭޝަނަކަށް ރޭ ވަދެ ބަޔަކަށް ވަނީ ހަމަލާދީފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހުދު ޓީޝާޓުގައި، މޫނުނިވާކޮށްގެން ތިބި ބަޔަކު ވަނީ ޔުއެން ލޯންގް ޑިސްޓްރިކްޓުގެ ރޭލް ސްޓޭޝަނަށް ހަމަލާދީފަ އެވެ. މިއީ މިހާރު ކުރިއަށްދާ މުޒާހަރާގައި މިވަރުގެ ބޮޑު ހަމަނުޖެހުންތަކެއް ހިންގި ފުރަތަމަ ފަހަރެވެ.
ހަމަނުޖެހުމުގައި 45 މީހަކަށް ވަނީ އަނިޔާވެފަ އެވެ. މީގެ ތެރޭން އެކެއްގެ ހާލު ސީރިއަސް އެވެ.
މިހާ ބޮޑު ހަމަނުޖެހުމެއް ހިންގިއިރު ފުލުހުން ފިޔަވަޅު އެޅުން ލަސްވުމުން ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ސުވާލު އުފައްދައިފަ އެވެ. އެއް މެންބަރަކު ވިދާޅުވި ގޮތުގައި ހަމަނުޖެހުން ހިންގި ތަނަށް ފުލުހުން ދިޔައީ އެއްގަޑިއިރަށް ވުރެ ލަހުން ކަމަށެވެ.
"ހޮން ކޮންގަކީ އާބާދީ އަށް ބަލާއިރު ފުލުހުންގެ އަދަދު މުޅި ދުނިޔޭގައި ވެސް އެންމެ މަތީ އެއް ގައުމު. މި ހުރިހާ ފުލުހުން ކޮބާ؟" މެންބަރަކު ޓްވީޓް ކުރެއްވި އެވެ.
ފުލުހުން ބުނީ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށް ގެންދާ ކަމަށް ބުނެފައިވެ އެވެ.
ހޮން ކޮންގެ މެދުތެރޭގައި އިއްޔެ ފެށި މުޒާހަރާތައް ވަރުގަދަވުމުން ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ. ހަމަނުޖެހުން ހިންގި މީހުން ރޭލް ސްޓޭޝަނަށް ވަދެ ހަމަލާ ދޭން ފެށީ ރޭ ހޮން ކޮން ގަޑިން 22:30 ގަ އެވެ.
މުޒާހަރާ އިންތިޒާމް ކުރި ފަރާތްތަކުން ބުނެފައި ވަނީ އިއްޔެގެ މުޒާހަރާގައި 430،000 މީހުން ބައިވެރިވި ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ މުޒާހަރާގައި ބައިވެރިވީ 138،000 މީހުން ކަމަށެވެ.
ހޮން ކޮންގައި މުޒާހަރާތައް ފެށީ ކުށްވެރިން ޗައިނާ އަށް ހަވާލު ކުރުމުގެ ބިލެއް ފާސްކުރަން އުޅުމުންނެވެ. ނަމަވެސް އެ ބިލް ފާސްކުރުން މިހާރު ވަނީ ފަސްކޮށްފަ އެވެ.