ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ އޮންނާނެ: ޝާހިދު
ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ އޮންނާނެ: ޝާހިދު

ރާއްޖޭގެ އިގްތިސާދީ އަދި ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ ދެމިއޮންނާނެ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތީ ދެ ފަރާތަށް ފައިދާކުރާ ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަރުކާރުގެ "ޒިންހުއާ ނިއުސް އެޖެންސީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ތާރީހީ ގޮތުން އޮތް ގާތްކަމާއި އެއްގައުމުގެ ސިޔާދަތަށް އަނެއް ގައުމުން އިހުތިރާމްކުރުމުގެ ވަރުގަދަ ބިންގަލުގެ މަތީގައި އޮތް ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުގެ މީހުންގެ މެދުގައި ކުރާ މުއާމަލާތްތަކުގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބާރަށް ކުރިއަރައި، ތަރައްގީވަމުން އަންނަ މެދު އާމްދަނީގެ ގައުމަކަށް ވުމަށް ކުރާ ދަތުރުގައި ޗައިނާ ދެމިއޮންނާނީ ރާއްޖޭގެ އިގުތިސާދީ އަދި ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި،" ޝާހިދު ވިދާޅުވި ކަމަށް ނޫހުގައި ވެ އެވެ.

ޗއިނާ އަށް ރާއްޖެ އިން އިސްކަންދޭ ކަމުގެ ހެއްކެއްގެ ގޮތުގައި ޝާހިދު ފާހަގަ ކުރެއްވީ ޗައިނާގައި ދާދިފަހުން ބޭއްވި ބެލްޓް އެންޑް ރޯޑް ފޯރަމްގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބައިވެރިވަޑައިގެންނެވުމެވެ.

"އެކަމުން ދައްކައިދެނީ ބެލްޓް އެންޑް ރޯޑް މަޝްރޫއަށް އަޅުގަނޑުމެންގެ ސަރުކާރުން ދޭ އަހައްމިޔައްތު،" އޭނާ ވިދާޅުުވެފައި ވެ އެވެ.

ޗައިނާ އިން ރާއްޖެ އަށް ވެދިން އެހީތެރިކަމުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކޮށްފައިވާ ކަމަށާއި އެ ގައުމުގެ އެހީގައި ހިންގާފައިވާ އަދި ހިންގަމުން އަންނަ މަޝްރޫއުތަކުގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖާއި ވެލާނާ އެއާޕޯޓްގެ އާ ރަންވޭ އާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނޭ ކަަމަށް ވެސް ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ މެދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ ފާއިތުވި 10 އަހަރުވެސް ޗައިނާއަކީ ރާއްޖޭގެ ޓުއަރިޒަމްގެ އެންމެ ބޮޑު މާކެޓް ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޗައިނާގެ 95272 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީހޭދަކޮށްފައި ވެ އެވެ. އެއީ މިމުއްދަތުގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ 14.7 ޕަސެންޓެވެ.

ޗައިނާއާ ބެހޭ ގޮތުން ޝާހިދު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ އަށް ބަހުގެ ހަމަލާތަކެއް ދެއްވުމުން އެ ގައުމުން އެ ވާހަކަތަކަށް ރައްދު ދީފައި ވަނިކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ނެގި ލޯނުތަކަށް ދަރަނީގެ ގޮތުގައި ރާއްޖެ އިން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވުމުން އެ ވާހަކަފުޅަށް ރައްދު ދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިއޮން އެވެ.

އިންޓްރެސްޓް ބޮޑުކޮށް ޗައިނާ އިން ދިން ލޯނުތަކުން ރާއްޖެ ދަރާފައިވާ ކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވުމުން ވެސް ސަފީރު ވަނީ ތަރައްގީ އަށް އެހީވުން ނޫން އެޖެންޑާއެއް ޗައިނާގެ ނެތް ކަމަށް ވިދާޅުވެ ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވައިފަ އެވެ.