އަބިމަންޔޫ ދައްސާނީގެ ދެވަނަ ފިލްމަކީ "ނިކައްމާ"
އަބިމަންޔޫ ދައްސާނީގެ ދެވަނަ ފިލްމަކީ "ނިކައްމާ"

މި އަހަރު ކުރީކޮޅު ރިލީޒްކުރި "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު އަބިމަންޔޫ ދައްސާނީ ދާދި ފަހުން ސޮއިކުރި ޑައިރެކްޓަރު ސަބީރު ހާންގެ ތިން ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމު އިއުލާންކޮށްފި އެެވެ.

އެ ފިލްމަަށް ދީފައިވާ ނަމަކީ "ނިކައްމާ" އެވެ. މިއީ އެކްޝަން-އެންޓަޓައިނާއެކެވެ. ފިލްމުގައި އަބިމަންޔޫއާ އެކު ބޮލީވުޑަށް އާ ބަތަލާއަކު ތައާރަފު ކުރާނެ އެވެ. އެއީ ޔޫޓިއުބް ސެންސޭޝަނެއްގެ ގޮތުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޝާލީ ސެތިއާ އެވެ.

ފިލްމު "މޭނޭ ޕިޔާރު ކިޔާ" ގެ ބަތަލާ ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫގެ ދެވަނަ ފިލްމު "ނިކައްމާ" އަކީ ސޮނީ ޕިކްޗާޒާއި ސަބީރު ހާން ފިލްމްސް ގުޅިގެން ހަދާ އެއްޗެކެވެ. މީގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ފިލްމު ބެލުންތެރިންނަށް ގެނެސް ދޭނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ފިލްމު "ހީރޯޕަންޓީ" އިން ޓައިގާ ޝްރޮފާއި ކްރިތީ ސެނަން ބޮލީވުޑަށް ތައާރަފު ކުރި ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ ޓައިގާ އާއި ނިދީ އަގަރްވާލް ލީޑް ރޯލް ކުޅުނު 2017 ގެ "މުންނާ މައިކަލް" އެވެ.