ސީޒަން ހުޅުވާ މެޗުގައި މާނޭ ނުކުޅޭނެ
ސީޒަން ހުޅުވާ މެޗުގައި މާނޭ ނުކުޅޭނެ

ލަންޑަން (ޖުލައި 22) - އަންނަ މަހު ތިން ވަނަ ދުވަހު އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ނުކުޅޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މި ފަހަރު ޗެރިޓީ ޝީލްޑް މެޗުގައި ކުޅުމުގެ ފުރުސަތު ލިވަޕޫލަށް ލިބުނީ ސިޓީން ލީގާއި އެފްއޭ ކަޕް ކާމިޔާބު ކުރުމުންނެވެ. އެއް ޓީމަކުން އެ ދެ މުބާރާތް ކާމިޔާބު ކޮށްފި ނަމަ ޗެރިޓީ ޝީލްޑް މެޗު ކުޅުމުގެ ފުރުސަތު ދެނީ ލީގުގެ ރަނަރަޕަށެވެ.

ކުރިއަށް އޮތް ސީޒަނަށް ލިވަޕޫލުން ޕްރީ ސީޒަން މެޗުތަކެއް ކުޅެމުން އަންނައިރު އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން އަދި ޓީމާ ނުޅުޅެ އެވެ. އޭގެ ތެރޭގައި ކޮޕަ އެމެރިކާ ކާމިޔާބުކުރި ބްރެޒިލް ޓީމުގައި ހިމެނުނު ގޯލްކީޕަރު އެލިސަން ބެކާ އާއި ފޯވާޑް ރޮބާޓޯ ފިރްމީނޯގެ އިތުރުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެ ވަނަ ބުރުން ކެޓި މިސްރުގެ މުހައްމަދު ސަލާހު އަދި ފައިނަލުގައި މިދިޔަ ހުކުރު ދުވަހުގެރޭ އަލްޖީރިއާ އަތުން ބަލިވި ސެނެގޯލްގެ މާނޭ ހިމެނެ އެވެ.

އެލިސަން އާއި ފިރްމީނޯ އަދި ސަލާހު އަންނަ އާދިއްތަ ދުވަހު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެ އެވެ. އެހެންވުމުން އެ ކުޅުންތެރިންނަށް ސިޓީއާ ދެކޮޅަށް ކުޅެވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މާނޭ ޓީމާ ގުޅޭނީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ.

"މާނޭ ހުރީ ފިޒިކަލީ ރަނގަޅަށް. އެކަމަކު އޭނަ އަށް އަރާމުކުރަން ޗުއްޓީ އެއް ދޭން ޖެހޭ. ސިޓީ މެޗަށް ފަހު މާނޭ ޓީމާ ގުޅޭނެ. އޭގެ މާނަ އަކީ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު (ނޯވިޗް)އާ ކުޅުމުގެ ފަސް ދުވަސްކުރިން އޭނަ ހުންނާނީ ޓީމާ އެކު،" ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.

ޕްރީ ސީޒަނުގައި ލިވަޕޫލްގެ އެޓޭކް ބަލަހައްޓަމުން އަންނަނީ ޒުވާން ކުޅުންތެރިންނެވެ. ސީނިއާ ކުޅުންތެރިއަކަށް ހުރީ ޑިވޮކް އޮރީގީ އެވެ. އެންމެ ފަހުން ޕްރީ ސީޒަނުގައި ލިވަޕޫލް ކުޅުނު ދެ މެޗުން ވަނީ ބޮރޫޝިއާ ޑޯޓްމަންޑާއި ސެވިއްޔާ އަތުން ބަލިވެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އަންނަ މަހު ނުވަ ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުމަށް ފަހު އޭގެ ހަތަރު ދުވަސް ފަހުން ލިވަޕޫލް ނުކުންނާނީ ޔޫރަޕްގެ ސުޕަ ކަޕް މެޗުގައި ޗެލްސީއާ ދެކޮޅަށެވެ.