14 ސެޕްޓެމްބަރ 2016 - 10:25

އީދާ ގުޅިގެން އެކި ރަށްރަށުގައި ތަފާތު ސަގާފަތްތައް އޮވެ އެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި އެ އާދަތަައް ވަރަށް ތަފާތު ވެސް މެ އެވެ. މިއީ ރާއްޖޭގެ އެންމެ އުތުރުން ހުޅަނގަށް އޮންނަ، ހދ. މަކުނުދޫ މީހުން ކޮންމެ ބޮޑު އީދަކަށް ތައްޔާރު ކުރާ އީދު ބޮނޑީގެ ވާހަކަ އެވެ.

މިއީ ބުރަބޮޑު، ގިނަ ވަގުތު ނަގާ މަސައްކަތެކެވެ. އެކަމަކު އެތައް އަހަރެއް ވެގެން ދިޔައިރު ވެސް އީދު ބޮނޑީގެ މި ސަކަރާތަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. މީގައި އެންމެ މަޖާ ކަމަކީ ބުރަ މަސައްކަތުން ހަދާ އެ ބޮނޑި ހޯދުމަށް ފިރިހެންވެރިން ކުރާ މަސައްކަތެވެ.

މިވާހަކަތައް "މިހާރު" އަށް ކިޔައިދިނީ ކޮންމެ އަހަރަކު ވެސް އީދު ބޮނޑިއަޅާ އައިޝަތު މުނީރާ އެވެ.

އޭނާ ބުނިގޮތުގައި ބޮނޑި އަޅާ ކޮންމެ ގުރޫޕެއްގައި ވެސް މަދުވެގެން ހަތަރު ފަސް ވަރަކަށް އަންހެނުން ބައިވެރިވެ އެވެ. މިއީ ވަރަށް ގިނައިން ހަނޑުލާއި ހަކުރާއި ހުނި އަޅައިގެން ހަދާ އެއްޗެއް ކަމަށް ވާތީ ތަކެތި ހޯދަނީ އެންމެންގެ މައްޗަށް ބަހާލައިގެންނެވެ.

ހެޔޮވަރު ވަރުގެ ބޮނޑިއެއް އެޅުމަށް ތިން ނާޅި ހަނޑުލާއި ފަސް ނާޅި ހަކުރާއި 24 ކާއްޓާއި ގިނަ އަދަދަކަށް ފޮނިތޮއްޓާއި ކާފޫރުތޮޅި ބޭނުންވެ އެވެ. މިތަކެތި ފުނޑައި ހިމުންކޮށް، މަޑުގިނީގައި އުނދުން މަތީގައި ބަހައްޓައިގެން ގިނަ އިރުތަކެއް ވާންދެން ހިލަން ޖެހެ އެވެ. އެކަމަށް ގާތްގަނޑަކަށް ދެތިން ގަޑިއިރު ނަގާނެ އެވެ. ހިލާ ނިމޭއިރު ފުއްގަނޑުން ހުންނާނީ ތެޔޮ ނިކުމެފަ އެވެ. ދެން ތާހެއްގެ އަޑިއަށް އުނިފަތް އަޅައި، އޭގެ މަތީގައި ފުއްގަނޑު ފަތުރާލައި އޭގެ މައްޗަށް ވެސް އުނިފަތް އަޅައި، ރީތިކޮށް ފިހެވެން ދެން މަޑު ގިނީގައި ކައްކާނީ އެވެ.

އައިސްތު ބުނިގޮތުގައި މި ހުރިހާ ކަމެއް ނިންމަން ހައެއްކަ ގަޑިއިރު ނަގާނެ އެވެ. އެކަމަކު އުނދުން މަތިން ބޭލުމާއެކު އެ ފޮރުވަން ޖެހޭނެ އެވެ.
އީދު ބޮނޑިިއަށް ފެށުނީއްސުރެ ފިރިހެނުން ފާރަވެރިވާނެ އެވެ. ބޮނޑި ހިލަން އުޅޭއިރު ވެސް ޒުވާން އުމުރުގެ ފިރިހެން ގުރޫޕުތައް އައިސް، މަސައްކަތް ދާ ހިސާބެއް ބަލާނެ އެވެ. ބޭނުމަކީ ވީހާ ވެސް އަވަހަކަށް ބޮނޑި ނެގުމެވެ. އެހެންވެ، ބޮނޑި ފިހެވުމާއެކު ކޮންމެހެން އަންހެން ވެރިން އެ ފޮރުވަން ޖެހޭނެ އެވެ.
އަންހެނުންގެ މަސައްކަތަކީ ފިރިހެނުންނަށް ނުފެންނާނެ ތަނަކަށް ބޮނޑި ފޮރުވަން ލުމެވެ. ބައެއް ފަހަރަށް ވަޅެއް ކޮނެގެން އޭގެ ތެރެއަށް ބޮނޑިލާއިރު އެނދު ތަންދޮށުގައި ވެސް ބޮނޑި ފޮރުވަ އެވެ. އިހުގައި މީހުން ކުނިއުކާލާ މުޅީގެ ތެރެއަށް ބޮނޑިލައިގެން ގޮސް، ވަލު ތެރޭގައި ވެސް ބޮނޑި ފޮރުވަ އެވެ.
"ބައެއް މީހުން ކޮޓަރި ނުވަތަ ތަޅު ލެވޭ ތަންތަނަށް ވެސް ބޮނޑި ފޮރުވަން ލާނެ. އެކަމަކު އޭރުން ބިންގާ ކޮނެގެން، ތަޅުންގަނޑު ތަޅާލައިގެން ވެސް އެތަންތަނަށް ވަދެ ބޮނޑި ގެންދާނެ،" އައިސްތު ކިޔައިދިނެވެ.
"އެހެންވެ، ގެއަށް ލިބޭ ގެއްލުން ކުޑަކުރުމަށް ތަޅު ލާފައި ހުންނަ ތަންތަނަށް ބޮނޑި ފޮރުވަން ވަރަށް ނުލާނެ،" އޭނާ ބުންޏެވެ.
އީދު ބޮނޑި ވަގަށް ނަގަން ޖެހޭނީ އެއީ ކޮންބައެއްކަން ނޭނގި އެވެ. ބޮނޑި ގެންދިޔައީ ކޮންބައެއްކަން އެނގިއްޖެ ނަމަ އެ މީހުން އަންހެންވެރިންނަށް ފައިސާ ދޭން ޖެހޭނެ އެވެ. އެއީ ދެން ވެސް ބޮނޑިއެއް ތައްޔާރު ކުރުމަށެވެ.
އައިސްތު ބުނިގޮތުގައި ބޮޑެތި ބޮނޑިއެއްގެ އަގު ހާހަކަށް އަރާއިރު ބައެއް ފަހަރަށް 500 ރުފިޔާ ނުވަތަ 250 ރުފިޔާ ވެސް ދޭން ޖެހެ އެވެ.
އެކަމަކު މިއީ ފިރިހެނުން ފަސް ޖެހޭ ކަމެއް ނޫނެވެ. ބައެއް ފަހަރަށް އުނދުން މަތީގައި ހުއްޓާ ވެސް ބޮނޑި ނަގައިގެން ގެންދެ އެވެ.
އައިސްތު ބުނީ މޯބައިލް ފޯނު ފަދަ ފަހުގެ ވަސީލަތްތަކާ ހެދި ބޮނޑި ފޮރުވަން މިހާރު ކުރިއަށް ވުރެ އުނދަގޫ ކަމަށެވެ.
"ބޮނޑި ތައްޔާރު ކުރާތަން ފިލައިގެން ބަލަން ވެސް ފިރިހެނަކު ހުރެދާނެ. ދެން މަސައްކަތް ކުރިއަށް ދާވަރާއި ބޮނޑީގެ ހުރިހާ އަޕްޑޭޓެއް އޭނާ ފޯނުން އެހެން މީހުންނަށް ދޭނެ. އެހެންވެ، އަންހެނުން ޖެހޭނެ ވަރަށް ހުށިޔާރުވެ ތިބެން،" އޭނާ ކިޔައިދިނެވެ.
ކުރިން ކޮންމެ ގުރޫޕަކުން އެއް ބޮނޑި އެޅި ނަމަވެސް، ބޮނޑި ފަސޭހައިން ހޯދާތީ ކޮންމެ ގުރޫޕަކުން ވެސް ދެތިން ބޮނޑި މިހާރު ތައްޔާރު ކުރަން ޖެހެ އެވެ. އެކަމަކު އެކުވެރިކަމާއި މަޖަލާއެކީގައި ކުރާ މި މަސައްކަތުގެ ބުރަ ކަމެއް އެއްވެސް މީހަކަށް އިހުސާސެއް ނުވެ އެވެ.
އާއްމު ގޮތެއްގައި ހައްޖު ދުވަހުގެ ރޭ އަޅާ މި ބޮނޑި، ފިރިހެނުންނަށް ނުފެނިއްޖެ ނަމަ ދެތިން ދުވަސް ވާންދެން އެހެން ފޮރުވާފައި ބާއްވާނެ އެވެ. ރަހަ އާއި ވަހަށް އެއްވެސްް ބަދަލެއް ނައިސް މަސް ދުވަސް ވާންދެން ކެވޭ މި ބޮނޑި ފެޅުމަށް ފަހު ގުރޫޕުގެ އެންމެންނަށް ބަހާނީ އެއަށް ފަހު އެވެ.
މިއީ މަކުނުދޫ މީހުންގެ އަމިއްލަ ސަގާފަތެކެވެ. ރަށަށް އަރާ ބީރައްޓެހިންނަށް ވެސް އެ ރަށުގައި އެންމެ މަޖާ ކަމަކީ މިއެވެ. އެއްވެސް ޖިންސެއް ނޫނީ އުމުރެއް އިސްތިސްނާ ނުވެ ޖަހާ މި ސަކަރާތުން އީދު އިތުރަށް އުފާވެރިވެ، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވާ ކަމަށް އެ މީހުން ދެކެ އެވެ.
ބޭނުންވާނީ ތިން ނާޅި ހަނޑޫ، ފަސް ނާޅި ހަކުރު، 24 ކާށީގެ ހުނި، ރަހަލާ ވަރަށް ފޮނިތޮއްޓާއި ކާފޫރުތޮޅި
ހަނޑޫ ފެނުލާފައި ފޯވީމައި، ދެބައިކުޅަ އެއްބައި ހުންޏާއެކު ހިމުންކޮށް ފުނޑާނީ ނުވަތަ މުގުރާނީ
ދެން އެތަކެތީގެ ތެރެއަށް ބާކީ ހުރި ހުންޏާއި ހަކުރުކޮޅު އެއްކޮށްލައި، ގިނައިން ފެން އަޅައިގެން ހިލާނީ. ފޮނިތޮއްޓާއި ކާފޫރުތޮޅި އަޅާނީ ބޮނޑި ހިލާއިރު
މަޑު ގިނީގައި ބަހައްޓައިގެން ފުއްގަނޑުން ތެޔޮ ހިލެންދެން އެ ހާކަން ޖެހޭނެ. ދެން އެހެން ތާހެއްގެ އަޑީގައި އުނިފަތް އަތުރައި އޭގެ މަތީގައި ފުއްގަނޑު ރީތިކޮށް ފަތުުރާލާނީ. އަދި ފުއްގަނޑު މައްޗަށް ވެސް އުނިފަތް އަޅައި އޭގެ މައްޗަށް އަޅިއަޅައިގެން މަޑު ގިނީގައި ކައްކާނީ.