21 ޖުލައި 2019 - 15:53

ތެހެރާން (ޖުލައި 21) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަނިކޮށް ހިފަހައްޓާފައިވާ އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރު ދޫކޮށްލާނީ ތަހުގީގުގައި ޓޭންކަރުގެ ފަޅުވެރިން އެއްބާރުލުން ދޭ މިންވަރެއްގެ މައްޗަށް ބަލާފައި ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ސްޓެނާ އިމްޕީރޯ ޓޭންކަރުގެ ހުރިހާ ފަޅުވެރިންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.
ޓޭންކަރުގައި ތިބީ 23 ފަޅުވެރިންނެވެ. އެއީ އިންޑިއާގެ 18 މީހުންނާއި ރަޝިޔާގެ ތިން މީހުންނާއި ފިލިޕީންސް މީހަކާއި ލެޓްވިއާ މީހެކެވެ. ޓޭންކަރުގެ ކެޕްޓަނަކީ އިންޑިއާ މީހެކެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ހިފެހެއްޓި ޓޭންކަރު މިހާރު ވަނީ ބަންދަރު އައްބާސް އަށް ގެންގޮސްފަ އެވެ. ޓޭންކަރު ހިފަހައްޓާ ވީޑިއޯ ރިވޮލިއުޝަނަރީ ގާޑުން ވަނީ އާއްމުކޮށްފަ އެވެ. އީރާނުން ބުނެފައި ވަނީ ޓޭންކަރު ހިފެހެއްޓީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފުވުމުން ކަމަށެވެ. އެއީ މަސް ބޯޓެއްގައި ޓޭންކަރު ޖެހި އެކްސިޑެންޓްވެ އެހީ އަށް އެދުމުން ވެސް ޓޭންކަރުން އަޅާނުލުމުންނެވެ.
ހޯމޮޒްގަން ޕްރޮވިންސްގެ މެރިޓައިމް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް އައްލާ މުރާދު އަފީފިޕޫރް ވިދާޅުވީ ހުރިހާ ފަޅުވެރިން ވެސް ތިބީ ޓޭންކަރުގައި ކަމަށާއި އެ މީހުންގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
"ފަޅުވެރިންނާއި ޓޭންކަރުގެ ތަހުގީގު ހިންގަން ޖެހޭ. ވީހާ ވެސް އަވަހަކަށް ތަހުގީގު ނިންމަން މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުން ބުނެފައި ވަނީ ޓޭންކަރު ހިފެހެއްޓުމަކީ އީރާނުން އިޚްތިޔާރު ކުރި ނުބައި މަގެއް ކަމަށެވެ.
މި މަހު ކުރީކޮޅު ޖިބްރޯލްޓާ ބޭރުން އީރާނުގެ ތެޔޮ ހުރި ޓޭންކަރެއް އިނގިރޭސި ސިފައިން ވަނީ ހިފަހައްޓައިފަ އެވެ.