22 ޖުލައި 2019 - 06:57

ދުބާއީގައި ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަނެއްގައި ވެސް، އެތަނުން ލިބެން ހުންނަ ހުރިހާ އެއްޗެއްގައި ކެލޮރީޒް ހިމެނޭ މިންވަރު މެނޫގައި ހިމަނަން ނިންމި ނިންމުން ތަންފީޒު ކުރަން ދެ އަހަރަށް ފަސްކޮށްފި އެވެ.

ދުބާއީގެ މެނޫތަކުގައި ކެލޮރީޒް އަންގައިދޭ ލިޔުން ހުންނަން ޖެހޭ ގޮތަށް ނިންމައި އެކަން އިއުލާން ކުރީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ އުސޫލަށް ރަސްމީކޮށް އަމަލު ކުރަން ފަށަން ނިންމާފައި އޮތީ އަންނަ ނޮވެމްބަރު މަހުން ފެށިގެންނެވެ.
ނަމަވެސް އުސޫލަށް ރަސްމީކޮށް އަމަލުކުރަން ފެށުން ދެ އަހަރަށް ފަސްކުރުމާ ގުޅިގެން ދުބާއީ މުނިސިޕަލްޓީގެ އެންވަޔަރަމަންޓް، ހެލްތު އެންޑް ސޭފްޓީ ކޮންޓްރޯލް ޑިޕާޓްމަންޓްގެ ސީއީއޯ ހާލިދު މުހައްމަދު ޝަރީފް އަލް އަވާދީ ގަލްފް ނިއުސް އަށް ވިދާޅުވީ އުސޫލަށް އަމަލު ކުރަން ފަސްކުރި ނަމަވެސް އެކަން ކުރަން ބޭނުންވާ ތަންތަނަށް އެކަން ކުރުމުގެ ފުރުސަތު މިހާރު ވެސް އޮންނާނެ ކަމަށެވެ.
"ވޮލަންޓަރީކޮށް އެކަން މިހާރު ވެސް ކުރެވޭނެ. އެކަމަކު އޮޕްޝަނެއްގެ ގޮތުގައި އެކަން އޮންނާނީ ދެ އަހަރަށް. އޭގެ ފަހުން ކެއުންބުއިމުގެ ހިދުމަތް ދޭ ހުރިހާ ތަނެއްގެ މެނޫގައި ވެސް މަޖުބޫރު ވާނެ ކެލޮރީޒް އަންގައިދޭ ލިޔުން ހިމަނާފައި ހުންނަން،" އޭނާ ވިދާޅުވި އެވެ.
އަލަށް އަމަލު ކުރަން ނިންމި އުސޫލު ތަންފީޒު ކުރަން ފަސްކުރީ ހިދުމަތް ދޭ ތަންތަނަށް ތައްޔާރު ވާން އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންނެވެ.
މުނިސިޕަލްޓީން ބުނި ގޮތުގައި މިހާރު ވެސް ދުބާއީގެ 700 ވަރަކަށް ތަނުން ވަނީ މެނޫގައި ކެލޮރީ ލިސްޓް ހިމަނައިފަ އެވެ.
ދުބާއީގައި މިފަދަ ކަމެއް ކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ ސިއްހަތަށް ފައިދާ ހުރި ކެއުންތަކަށް އިސްކަން ދިނުމަށް އާންމުންނަށް ހިތްވަރު ދިނުމެވެ.