ހާސްކަމެއް ނެތް، ޕްލޭންގައި އޮތީ ތަރައްގީ ފަތުރާލާފައި: އަސްލަމް
ހާސްކަމެއް ނެތް، ޕްލޭންގައި އޮތީ ތަރައްގީ ފަތުރާލާފައި: އަސްލަމް

ސަރުކާރުން މިހާރު އެކުލަވާލަމުން އަންނަ ގައުމީ ތަރައްގީގެ ޕްލޭންގައި އޮތީ ބާރުތަކާއި ޚިދުމަތްތައް ހަމައެކަނި މާލެ ސަރަހައްދަށް ޖަމާކުރުމުގެ ބަދަލުގައި އަތޮޅުތަކަށް ފަތުރާލާފައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހާސްކަމެއް ނެތް، ޕްލޭންގައި އޮތީ ތަރައްގީ ފަތުރާލާފައި: އަސްލަމް
ހާސްކަމެއް ނެތް، ޕްލޭންގައި އޮތީ ތަރައްގީ ފަތުރާލާފައި: އަސްލަމް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރަހައްދީ ތަރައްގީގެ ޕްލޭން އެކުލަވާލަން ކަމާބެހޭ އިދާރާތަކާ އެކު އަންނަނީ މަޝްވަރާ ކުރަމުން ކަމަށެވެ. މަހެއްހާ ދުވަހުގެ ތެރޭގައި އެ ޕްލޭން ނިންމައި އާއްމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެ ޕްލޭންގައި ހިމެނޭ ކަަމަކާ މެދު ހިޔާލުތަފާތުވުން އުޅޭ ނަމަ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އަސްލަމް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގައި މައިގަނޑު ފަސް ސަރަހައްދެއް ކަނޑައަޅާނެ ކަމަށެވެ. އެ ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްރައިމަރީ ސަރަހައްދުތަކުގެ ގޮތުގައި ފަސް ސަރަހައްދެއް މިހާރު ވަނީ ފާހަގަކޮށްފަ އެވެ.

"ކޮންމެ ރީޖަނެއްގައި އެއާޕޯޓެއް އޮންނާނެ. އަޅުގަނޑުމެން މިކިޔާ ޕްރައިމަރީ ހުރިހާ ރީޖަނެއްގައި އިންޓަނޭޝަނަލް އެއާޕޯޓު ހުންނާނެ. ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ނޯންނާނެއޭ އެއާޕޯޓަކާ ހިސާބުން ފެށިގެން 20 މިނެޓަށް ވުރެ ދުރަށް ދަތުރުކުރަން ޖެހޭ. މާނައަކީ 20 މިނެޓުން ދެވެން ޖެހޭނެއޭ، އެއާޕޯޓުން ފެށިގެން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ވިސްނުމުގައި ތަރައްގީ ނުކުރެވޭނެ ސަރަހައްދުތައް ގުޅާލާނީ ދަތުރުފަތުރުގެ ނިޒާމަކުން ކަމަށެވެ.

"އެހެންވެ ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓް ނެޓްވޯކެއް މުޅި ރާއްޖޭގައި ފަތުރާލުން އެއީ ރާއްޖޭގެ ވަރަށް ބޮޑު އަމާޒެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީވުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކުރުމުގައި އުޅޭ ދަތިތައް ކަން އަސްލަމް ފާހަގަކުރެއްވި އެވެ.

"ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ނިމިގެންދާ އިރު މި ސަރަހައްދީ ތަރައްގީގެ ޕްލޭން ރާއްޖޭގައި އިމްޕްލިމެންޓް ކުރުމަށްޓަކައި އަޅަން ޖެހޭ ފައުންޑޭޝަން އެޅެން ޖެހޭނެއޭ. ބަދަލުނުވާ މިންވަރަށް އެކަން ކުރެވެން ޖެހޭނެއޭ،" އަސްލަމް ވިދާޅުވި އެވެ.

"މިސާލަކަށް މިދިޔަ ސަރުކާރުގެ އަމާޒެއް ރާއްޖޭގެ 70 ޕަސެންޓް މީހުން މާލެ ސަރަހައްދަށް ޖަމާކުރުން. އަނެއްކާ އަޅުގަނޑުމެންގެ ވިސްނުން މިހުރީ ކަންކޮޅުތަކުގައި ފެތުރިގެން ތަރައްގީ ގެނައުން. އެހެންވީމާ ދެން އަންނަ ސަރުކާރަކުން އިތުރުގޮތަކަށް މިކަން ބަދަލުނުވާނެ ގޮތަަކަށް ކަންކަން ކުރަން ޖެހޭ."

މިނިސްޓަރު ވިދާޅުވި ގޮތުގައި އޮނިގަނޑު އެކުލަވާލާނީ ސަރުކާރު ބަދަލުވިޔަސް ތަރައްގީގެ ކަންކަން ބަދަލުނުކުރެވޭނެ ގޮތަށެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި ކަނޑައެޅި ގިނަ މަޝްރޫއުތަކުގެ ތެރެއިން މިހާރު ވަނީ 36 މަޝްރޫއުގެ މަސައްކަތް ފަށާފައި ކަމަށެވެ. އެ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ހޭދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

މަގު ހެދުމާއި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް މި އަހަރަށް ޕްލޭންކޮށްފައި ވިޔަސް މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަޖެޓުގައި އެ މަޝްރޫއަށް މާބޮޑު އަދަދުތަކެއް ކަނޑައަޅާފައެއް ނެތެވެ.

މި ސަރުކާރުން މަސައްކަތް ތަރުތީބުކޮށްފައި ވަނީ މުޅި މަޝްރޫއު އެއްކޮށް ނިންމާލަން ފައިސާ ހަމަޖެހިފައި ހުރި މަޝްރޫއުތަކަށް އިސްކަންދީގެން ކަމަށް ވިދާޅުވި އެވެ. ބާކީ ހުރި ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.