މެންޗެސްޓާ ޔުނައިޓެޑަށް 515 މިލިއަނުގެ ރެކޯޑް އާމްދަނީއެއް!
މެންޗެސްޓާ ޔުނައިޓެޑަށް 515 މިލިއަނުގެ ރެކޯޑް އާމްދަނީއެއް!

މެންޗެސްޓާ (ސެޕްޓެމްބަރު 13) - މެންޗެސްޓާ ޔުނައިޓެޑުން މި އަހަރު އާމްދަނީގެ ގޮތުގައި 515.3 މިލިއަން ޕައުންޑް ހޯދައި އަހަރެއްގެ ތެރޭ އެންމެ ބޮޑު އާމްދަނީއެއް ހޯދި އިނގިރޭސި ކްލަބަށް ވެއްޖެ އެވެ.

މިދިޔަ އަހަރު ޔުނައިޓެޑްގެ އާމްދަނީ އަކީ 395.2 މިލިއަން ޕައުންޑެވެ. މި އަހަރު ޔުނައިޓެޑްގެ އާމްދަނީ 515.3 މިލިއަން ޕައުންޑަށް އެރިއިރު، އޭގެ ތެރޭގައި ފައިދާގެ ގޮތުގައި ލިބުނު 68.9 މިލިއަން ޕައުންޑް ހިމެނެ އެވެ. މިއީ ފައިދާއަށް ބަލާއިރު އެ ކްލަބްގެ ރެކޯޑެކެވެ.

ޔުނައިޓެޑްގެ އާމްދަނީ އިތުރުވީ މިދިޔަ ސީޒަނުގައި 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށް އާސެނަލްގެ ރެކޯޑާ ހަމަކުރުމުގެ އިތުރުން ޕްރިމިއާ ލީގުގެ އަގުބޮޑު ޓީވީ ރައިޓްސް އެއްބަސްވުމާއި އިތުރު 14 ކުންފުންޏެއްގެ ސްޕޮންސަޝިޕް އެއްބަސްވުންތަކުގެ ސަބަބުންނެވެ. އަދި އެޑިޑާސްއާ އެކު ޔުނައިޓެޑް ހަދާފައިވާ ކިޓް ސްޕޮންސަޝިޕުން ވެސް ޔުނައިޓެޑަށް ބޮޑު އާމްދަނީ އެއް ލިބެ އެވެ.

ޔުނައިޓެޑުން ވަނީ މިިދިޔަ ސީޒަނަށް ފަހު އެ ޓީމުގެ ކޯޗު ކަމުން ވަކިކުރި ނެދަލެންޑްސްގެ ލުއީ ވެން ހާލް އާއި އޭނާގެ ކޯޗިން ސްޓާފުންނަށް ބަދަލެއްގެ ގޮތުގައި 8.4 މިލިއަން ޕައުންޑް ދައްކައިފަ އެވެ.

ޔުނައިޓެޑް ކުޅުންތެރިންނަށްދޭ މުސާރަ މިދިޔަ ސީޒަނަށް ވުރެން މި އަހަރު ވަނީ 14 އިންސައްތަ އިތުރުވެފަ އެވެ. ޔުނައިޓެޑުން ކުޅުންތެރިންގެ މުސާރަ އަށް 232.2 މިލިއަން ޕައުންޑް ހަރަދުކުރާނެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 29.6 މިލިއަން ޕައުންޑުގެ އިތުރުވުމެކެވެ.

އަހަރެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ކްލަބްގެ ރެކޯޑް އޮތީ ބާސެލޯނާ އަތުގަ އެވެ. އެ ޓީމުން މިދިޔަ ޖުލައި މަހު އާންމުކުރި އެ ކްލަބްގެ މާލީ ބަޔާނުގައިވާ ގޮތުން އެ ޓީމަށް ވަނީ އާމްދަނީގެ ގޮތުގައި މިއަހަރު 570 މިލިއަން ޕައުންޑް ހޯދައިފަ އެވެ.