21 ޖުލައި 2019 - 14:38

އިނގިރޭސިވިލާތުގެ ސެލްޓިކް މެނާ ރިސޯޓުގެ ގޮލްފް އިވެންޓެއްގައި ފުރަތަމަ ފަހަރަށް ރާއްޖެ އިޝްތިހާރު ކޮށްފި އެވެ.
އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކޮށްފައިވަނީ ސެލްޓެކް ރިސޯޓުގެ ސެލެބްރެޓީ ކަޕްގެ ގާލާ ޑިނާ އާއި ރިސެޕްޝަނުގަ އެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހު ވޭލްސްގަ އެވެ.
މި އިވެންޓަކީ ގޯލްފްގެ ގިނަ ތަރިންތަކެއް ބައިވެރިވި ހަފްލާއެކެވެ. އެގޮތުން އިންގްލެންޑާއި، ސްކޮޓްލެންޑާއި، އަޔަލެންޑުގެ އިތުރުން ވޭލްސްގެ ގޯލްފް ތަރިން ވަނީ މި ހަފްލާގައި ބައިވެރިވެފަ އެވެ. މީގެ އިތުރުން ލަވަކިޔުންތެރިންނާއި، ފިލްމީ ތަރިންގެ އިތުރުން ރަގްބީ ކުޅުންތެރިންނާއި ވިޔަފާރިވެރިންނާއި ޓީވީ ޕްރެޒެންޓަރުން ވެސް ވަނީ މި ހަފްލާގައި ބައިވެރިވެފަ އެވެ.
އެމްއެމްޕީއާރުސީން ވަނީ މި ހަފްލާގައި ބައިވެރިި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވެސް ދީފަ އެވެ. އެގޮތުން ކޮކޯ ކަލެކްޝަންގެ ބޮޑު ހިތި ރިސޯޓާއި ޕާމް ދުނިކޮޅު ރިސޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
އިނގިރޭސިވިލާތަކީ ރާއްޖެ އަށް ފަސް ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އެ ގައުމުން 57,647 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ.