13 ސެޕްޓެމްބަރ 2016 - 09:03

ދެ ބައޮޕިކް ހެދުމަށް ފަހު، އޮމަގްން ކުމާރު މިހާރު އަންނަނީ ސައިކޮލޮޖިކަލް ތުރިލާއެއް ހަދަން ތައްޔާރުވަމުންނެވެ. ފިލްމުގެ ނަމަކަށް ދީފައި ވަނީ "ފައިވް" އެވެ.
މި ފިލްމުގެ ލީޑް ރޯލުން އަކްޝޭ ކުމާރު ފެނިގެންދާ އިރު، ފިލްމް ހާއްސަވެފައި ތަފާތުވާ އެންމެ ބޮޑު ސަބަބަކީ އަކްޝޭ ފިލްމުގައި ތަފާތު ފަސް ކެރެކްޓާއަކުން ފެނިގެން ދާނެތީ އެވެ.
"މޭރީ ކޮމް" ވެސް ހެދި އޮމަންގް އަދި އަކްޝޭ ވެސް މިކަމާ ބެހޭ ގޮތުން،އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ. އޮމަންގެ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ މިދިޔަ މެއި މަހު ރިލީޒް ކުރި އައިޝްވާރިއާ ރާއީ އާއި ރަންދީފް ހޫޑާ ލީޑް ރޯލް ކުޅުނު "ސަބްރަޖީތު" އެވެ.
މީގެ ކުރިން ބޮލީވުޑް ފިލްމެއްގައި އެންމެ ގިނަ ކެރެކްޓާތައް ކުޅުނު ތަރިއަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ. އޭނާ ވަނީ އަޝުތޯޝް ގޮވަރިކާގެ 2009 ގެ ފިލްމް "ވަޓްސް ޔޯ ރާޝީ؟" ގައި ތަފާތު 12 ކެރެކްޓާ ކުޅެފަ އެވެ.
އެހެންވެ "ފައިވް" ގައި އަކްޝޭގެ ރޯލަކީ ވަރަށް ޝައުގުވެރި ރޯލަކަށް ވާނެ ކަމަށް މިހާރު ވެސް ބެލެވެ އެވެ. މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
ދާދި ފަހުން ރިލީޒް ކުރި "ރުސްތުމް" ގެ ކާމިޔާބީ އަށް ފަހު އަކްޝޭ ވަނީ އަންހެނުން ޓްވިންކަލް އާއި ދެ ދަރިންނާ އެކު ރާއްޖޭގައި އޭނާގެ 48 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ފަހު އާދީއްތަ ދުވަހު ފުރައިގެން ގޮސްފަ އެވެ.
އޭނާ ރާއްޖެ އައީ "ޖޯލީ އެލްއެލްބީ 2" ގެ ޝޫޓިންގައި އުޅެމުންނެވެ.
އަކްޝޭގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ޓޮއިލެޓް: އެކް ޕްރޭމް ކާތާ"، "ނަމަސްތޭ އިންގްލަންޑް" އަދި "ކްރެކް" ފާހަގަކޮށްލެވެ އެވެ.
އޭނާގެ ތިން ފިލްމެއް މި އަހަރު މިހާތަނަށް ރިލީޒްވެފައިވާ އިރު، އެ ތިން ފިލްމް ވެސް ވަނީ ބޮކްސް އޮފީހައި ވަރުގަދަ ވިޔަފާރިއެއްކޮށް "100 ކްރޯޑް ކުލަބް" އިން ވެސް ޖާގަ ހޯދައިފަ އެވެ.
އެއީ "އެއާލިފްޓް" އާއި "ހައުސްފުލް 3" ގެ އިތުރުން "ރުސްތުމް އެވެ. މީގެ އިތުރުން އަކްޝޭ ހާއްސަ ރޯލަކުން ފެނިގެން ދިޔަ "ޑިޝޫމް" އަކީ ވެސް ހިޓެކެވެ.