22 ޖުލައި 2019 - 07:00

ސްޕެއިނުގައި މިދިޔަ ހަފުތާގެ ތެރޭގައި ބޭއްވި ސަފާރީ ތީމް ކައިވެނި ޕާޓީއަކަށް ހިމާރުތަކެއް ޒިބްރާތަކެއްގެ ގޮތުގައި ދައްކަން ކުލަ ޖެއްސި މައްސަލައެއް ފަޅާއަރައި އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ޕާޓީ ބޭއްވި އަލް ޕަލްމާރުގެ ކާޑިޒް އަވަށުގައި ޒިބްރާގެ ގައިގައި ހުންނަ ގޮތަށް ކަޅާއި ހުދު ހިމެނޭ ރޮނގުތަކެއް ކުލައިން ފަވާފައިވާ ފޮޓޯތަކާއި ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރި މީހަކު ބުނި ގޮތުގައި މިއީ ޖަނަވާރުންތަކަކަށް އިހާނާތްތެރިކޮށް ހިތުމުގެ އަމަލެކެވެ.
އޭނާ ބުނި ގޮތުގައި މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ޖަނަވާރުންގެ ހިމާޔަތަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އެކްޓިވިސްޓުން، ވެސް މިކަން ކުރި މީހުންނާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ ކަމަށް ބުންޏެވެ.
މި ހާދިސާއާ ބެހޭ ގޮތުން ސްޕެއިންގެ ނޭޗަ ޕްރޮޓެކްޝަން ސާވިސް (އެންޕީއެސް) އާއި އެގްރިކަލްޗާ އެންޑް ކޮމާޝަލް އޮފީސް (އޭސީއޭ) އިން ބުނީ މައްސަލަ ސަމާލު ކަމަށް އައިސްފައިވާތީ އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކޮށް، ކުށްވެރިވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.
މީގެ ދެ އަހަރު ކުރިން މިސްރުގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. އެގޮތުން އެ ގައުމުގެ ޒުލެއްގައި ޒިބްރާއިންތަކެއްގެ ގޮތުގައި ހިމާރުންތަކެއް ދައްކައި، ޒިޔާރަތް ކުރާ މީހުންނަށް އޮޅުވައިލި މައްސަލަ ފަޅާ އަރާފައިވެ އެވެ.