22 ޖުލައި 2019 - 07:02

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި މާވެލް ސްޓޫޑިއޯސްގެ ވެމްޕަޔާ ސުޕަހީރޯ ފިލްމު ސީރީޒް "ބްލޭޑް" ގެ ރިބޫޓް ވާޝަނެއް ހަދަން ނިންމައި، ފިލްމުގެ ބަތަލަކަށް އޮސްކާ އެވޯޑް ހޯދާފައިވާ މެހެރްޝާލާ އަލީ ހަމަޖައްސައިފި އެވެ.
އެކަން ކަށަވަރުކޮށް ދެމުން މާވެލްގެ ޗީފް ކެވިން ފެއިގް ބުނީ "ބްލޭޑް" ގެ ރިބޫޓް ވާޝަނެއް ގެނެސް ދޭން ނިންމީ ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށް ފަހު، ހުރިހާ އެންމެންނަށް އެއްބަސްވުމަކަށް އާދެވިގެން ކަމަށެވެ. އެހެންވެ ކުރީގެ ފިލްމުތަކަށް ވުރެ ޝައުގުވެރި އަދި ފުރިހަމަ ފިލްމެއް ގެނެސް ދޭން މި ފަހަރު މާ ބޮޑަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށް ބުންޏެވެ.
ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެގޮތުން ފިލްމުގެ އިތުރު ކާސްޓުންނާއި ޑައިރެކްޓް ކުރާނެ މީހަކާއި ބެލުންތެރިންނަށް ފިލްމު ގެނެސް ދޭނެ އިރެއް އަދި ނޭނގެ އެވެ.
"ބްލޭޑް" ސީރީޒްގެ ތިން ފިލްމެއް ގެނެސް ދީފައިވާ އިރު، ފުރަތަމަ ފިލްމު ސްޓެފެން ނޮރިންޓަން ޑައިރެކްޓްކޮށް ގެނެސް ދިނީ 1998 ގަ އެވެ. ގްލިމޯ ޑެލް ޓޯރޯ ޑައިރެކްޓްކޮށް "ބްލޭޑް 2" 2002 ގައި ގެނެސް ދިނުމަށް ފަހު "ބްލޭޑް: ޓްރިނިޓީ" ޑޭވިޑް އެސް ގޯޔާ ޑައިރެކްޓްކޮށް ގެނެސް ދިނީ 2004 ގަ އެވެ.
"ބްލޭޑް" ގެ ރިބޫޓަށް ސޮއި ކުރި މެހެރްޝާލާ، 45، އެންމެ ފުރަތަމަ އޮސްކާ އެވޯޑް ހޯދީ 2016 ގައި ރިލީޒް ކުރި "މޫންލައިޓް" އިންނެވެ. އެ ފިލްމުން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް އުފުލައިލުމަށް ފަހު، ހަމަ އެ ކެޓަގަރީން ދެވަނަ އޮސްކާ އޭނާ އުފުލައިލީ މިދިޔަ އަހަރު ރިލީޒް ކުރި "ގްރީން ބުކް" އިންނެވެ.