21 ޖުލައި 2019 - 09:53

ޝަންހާއީ، ޗައިނާ (ޖުލައި 21) - ޕްރީ ސީޒަނުގައި ޕްރިމިއާ ލީގުގެ އޭޝިއާ ޓްރޮފީ މުބާރާތުގައި ވާދަކުރަން ގޮސް މެންޗެސްޓާ ސިޓީން ޗައިނާގައި ކުރަންޖެހުނީ އެންމެ ރަނގަޅު ތަޖުރިބާތަކެއް ނޫން ކަމަށް ބުނެ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ރޭ ޕެނަލްޓީ ޖަހައިގެން ވުލްވްސް އަތުން ބަލިވެ މެންޗެސްޓާ ސިޓީ އަށް ވަނީ ޕްރިމިއާ ލީގުގެ އޭޝިއާ ޓްރޮފީ ގެއްލިފަ އެވެ. މި މުބާރާތަކީ ވާދަވެރި މުބާރާތަކަށް ވުރެ ބޮޑަށް އޭޝިއާ މާކެޓްގައި ޕްރިމިއާ ލީގު އިޝްތިހާރުކުރަން އޮންނަ އިވެންޓެކެވެ. އެކަމަކު ގާޑިއޯލާ ބުނީ އިންތިޒާމުތައް ހުރި ގޮތުން، ބޭނުންވާ މަގުސަދު ހާސިލްކުރަން ހުރަސްތަކެއް ހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަރެމެން ބޭނުންވީ ރަނގަޅު ޕްރީ ސީޒަނެއް. މި މުބާރާތުގެ މަގުސަދުތަކުގެ ތެރެއިން އަހަރެމެންނަށް އެންމެ މުހިއްމުވާނެ ކަމަކީ ޕްރީ ސީޒަން ރަނގަޅަށް ދިއުން. ވީ އެންމެ އަވަހަކަށް އަހަރެމެންގެ ކުޅުމުގެ ލެވަލް ކުރިން ހުރި ހިސާބަށް ގެންދިއުން. އެކަމަކު އިންތިޒާމުތައް ހުރީ އެކަން ކުރެވޭނެ ގޮތަކަށެއް ނޫން،" ގާޑިއޯލާ ބުންޏެވެ.
ސިޓީން ޗައިނާ އަށް ދަތުރުކުރަން އޮތް ތާރީހަށް ބަދަލު ގެންނަން ޖެހުނީ ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުންނެވެ. ޗައިނާގައި ސިޓީ އަށް ދިމާވި އެންމެ ބޮޑު ކަމަކީ ޓީމުގެ ކުޅުންތެރިންނަށް ބޭނުންވާ މިންވަރުގެ ޕްރައިވެސީއެއް ފޯރުކޮށްނުދެވުމުންނެވެ. ސިޓީ އަށް ކަނޑައަޅާފައިހުރި ޗައިނާގެ ލިއޭޝަން އޮފިސަރުގެ ފަރާތުން ފެނުނު ކަންތައްތަކާ މެދު ވެސް ގާޑިއޯލާ ހިތްހަމަނުޖެހުނެވެ. އެއީ ކަނޑައަޅާފައިވާ ވަގުތުތަކުގެ އިތުރުން ވެސް ކުޅުންތެރިންގެ އޮޓޯގްރާފް ހޯދަން އުޅުމާއި އެ ފަދަ ކަންތައްތައް ކުރަން އުޅުމުންނެވެ.
"މި ތަނުގައި އަހަރެމެން އަރާމުކުރަން މި ލިބެނީ ދުވާލު ވަގުތު. ރޭގަނޑު ވަގުތުގައި އެކި ސަބަބުތަކާ ހުރެ އެ އަރާމު ނުކުރެވިފައި އޮންނަނީ. މިއީ ރަނގަޅު ގޮތެއް ނޫން. ހުރި ގޮތަކަށް ކުރިއަށް ދިއުން އޮތީ. އެކަމަކު މީގެ ސަބަބުން މެޗުތަކަށް އަހަރެމެންނަށް އެންމެ ރަނގަޅަށް ތައްޔާރެއް ނުވެވޭ،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.
ޗައިނާ އަކީ އާބާދީ ބޮޑު އަދި ވިޔަފާރީގެ ގޮތުން ވެސް ކުރިއަރާފައިވާ ގައުމަކަށްވާތީ ގިނަ ކްލަބްތަކުން ޕްރީ ސީޒަނުގެ މެޗުތައް ކުޅުމުގައި ޗައިނާ އަންނަނީ އިހުތިޔާރުކުރަމުންނެވެ. އެ ގޮތުން ވަރަށް އަވަހަށް މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް އަދި ޔުވެންޓަސް އާއި އިންޓަ މިލާން ޗައިނާގައި މެޗުތަކެއް ކުޅޭނެ އެވެ.
ގާޑިއޯލާ ބުނީ ފުޓްބޯޅައިގެ ޕްރޮފެޝަނަލްކަމަށް އޮންނަ އިހުތިރާމް ޗައިނާގައި އިތުރުކުރުމަކީ މުސްތަގުބަލުގައި އެ ގައުމަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.