20 ޖުލައި 2019 - 19:04

ޔުއެފާގެ އެހީގައި އައްޑޫގައި މިއަދު ފެށި 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން މިއަދު ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމު ބޫޓާން އަތުން 2-1 އިން ބަލިވެއްޖެ އެވެ.
މިއީ ރާއްޖޭގެ އުމުރުފުރާގެ ޓީމެއް ބޫޓާން އަތުން ބަލިވި ދެ ވަަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރު ބޫޓާނުގައި ކުރިއަށްދިޔަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްްގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ބޫޓާން އަތުން 1-0 އިން ބަލިވެފަ އެވެ. ބޫޓާންގެ ސީނިއާ ޓީމަށް މިހާތަނަށް ރާއްޖެ އަތުން މޮޅެއް ނުހޯދެ އެވެ. ބޫޓާނަކީ ދެކުނު އޭޝިއާގެ އެންމެ ބަލި ޓީމުގެ އިތުރުން ދުނިޔޭގެ ރޭންކިންގެ ވެސް އެންމެ ފުލުގައި އަހަރުތަކެއް އޮތް ގައުމެކެވެ. އެކަމަކު އެ ގައުމުން މިހާރު އަންނަނީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓުގެ މުހިއްމު މަސައްކަތްތަކެެއް ކުރަމުންނެވެ.
ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދުގެ މެޗު ފެށިގެން ބޫޓާނުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ވުރެ އޯގަނައިޒް ކުޅުމެއް ބޫޓާނުގެ ފަރާތުން ފެނިގެންދިޔައިރު އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ.
މެޗުގެ ހަ ވަނަ މިނިޓްގައި އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ޝިމަން އަށް ލިބުމުގެ ކުރިން ބޫޓާނުގެ ޖުގުމޭ ނަގްޔާލް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ އޭރިއާތެރެއަށް ވެއްޓުނުއިރު ރާއްޖޭގެ ޑިފެންޑަރުން ތިބީ ކީޕަރު ޝިމަން އެ ބޯޅަ ނަގާނެ ކަމަށް ނިންމައިގެންނެވެ.
ބޫޓާނުން ރާއްޖޭގެ ހާފް ތެރޭގައި ކުޅެމުންދިޔައިރު ރާއްޖޭގެ މެދުތެރެ ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. އޭގެ ފައިދާ ނަގައި ރާއްޖެ ކޮޅަށް ބޫޓާނުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 25 ވަނަ މިނިޓްގައި ބިކާޝް ޕްރަދަން އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ބިކާޝް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ޝިމަން އަތްމަތިން ގޮހެވެ.
ފުރަތަމަ ހާފާ ހިލާފަށް ރާއްޖޭން ދެ ވަނަ ހާފްގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އެވެ. މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ 69 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން މުހައްމަދު ހަންނާން އާދަމް އެވެ. ކައުންޓަ އެޓޭކެއްގައި ރާއްޖޭގެ ޝިމަން އަބްދުލް ޝުކޫރު ހުސްކޮށްލާފައި ހަންނާނަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ނަތީޖާ ހަމަހަމަކުރަން ރާއްޖޭން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުނުވި އެވެ. ތިން ވަަނަ ގޯލެއް ޖަހަން ބޫޓާނުގެ ކުޅުންތެރިން ފޮނުވާލި ހަމަލާއެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.
ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ސައުދި އަރަބިއްޔާ ކުޅޭނީ ލެޓްވިއާއާ އެވެ. ކުރީގެ ކުޅުންތެރިޔާ އިބްރާހީމް ހަލީމް (ޖަޑާ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ރާއްޖޭގެ ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ސައުދީ އަރަބިއްޔާއާ އެވެ.
ޔުއެފާގެ އެހީގައި ބާއްވާ މި މުބާރާތަކީ ރާއްޖޭގައި ގިނަ އަހަރުތަކަކަށް ފަހު އުމުރުފުރާގެ ގައުމީ ޓީމުތަކަށް އިންތިޒާމްކޮށްގެން ބޭއްވޭ ފުރަތަމަ މުބާރާތެވެ. މުސްތަގުބަލުގައި މި ފަދަ ގިނަ މުބާރާތްތަކެއް ބާއްވާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.