ތެމުނީމާ އެލާޓް ފޮނުވާ ސްމާޓް ނެޕީއެއް "ޕެމްޕާޒް" އިން ހަދަނީ
ތެމުނީމާ އެލާޓް ފޮނުވާ ސްމާޓް ނެޕީއެއް "ޕެމްޕާޒް" އިން ހަދަނީ

"ހަގީޒް" އިން ސްމާޓް ނެޕީ އަށް މަސައްކަތް ކުރަމުން އަންނަނިކޮށް، "ޕެމްޕާޒް" އިން ވެސް ސްމާޓް ނެފި އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ޕެމްޕާޒް ނެޕީ އުފައްދާ އެމެރިކާގެ ކުންފުނި ޕްރޮކްޓާ އެންޑް ގޭމްބްލް އިން ބުނި ގޮތުގައި އެ ކުންފުނިން މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ދަރިފުޅު ހީސްލައިފި ނަމަ އަންގައިދޭ ކަހަލަ ސްމާޓް ނެޕީ ބާޒާރަށް ނެރުމުގެ މަސައްކަތެވެ. މި ނެޕީ އަކީ އޭގައި ހުންނަ ސެންސާތަކުގެ އެހީގައި، މައިމީހާގެ އަތުގައި އޮންނަ ފޯނުގެ އެޕެއް މެދުވެރިކޮށް، ނެޕީގެ ހާލަތު އަންގާނެ އެވެ. އެގޮތުން ދަރިފުޅު ޖަހާފައިވާ ނެޕީ އޮތީ ތެމި ފޯވެފައިކަން ނުވަތަ ނޫންކަން އެޕް މެދުވެރިކޮށް އެނގޭނެ އެވެ.

"ލޫމީ" ގެ ނަމުގައި އުފައްދާ ނިންމާފައިވާ ނެޕީ އަންނަ ސެޕްޓެމްބަރު ހިސާބުގައި ބާޒާރާށް ނެރެން ވަނީ އަމާޒު ހިފައިފަ އެވެ. ސްމާޓް ނެޕީ ޕެކްގައި ބޭބީ މޮނިޓާ ކުރެވޭ ކުޑަވަރެއްގެ ކެމެރާ ޑިވައިސްއަކާއި 10 ދުވަހަށްވާ ވަރަށް ނެޕީ އެކުލެވޭނެ އެވެ.

ނަމަވެސް ސްމާޓް ނެޕީ ވިއްކާނެ އަގެއް އަދި ނުނިންމަ އެވެ.

ޕެމްޕާޒްގެ ސްމާޓް ނެޕީއާ ބެހޭ ގޮތުން އެ ކުންފުނީގެ ތަރުޖަމާނު ސީއެންއެން އަށް ބުނި ގޮތުގައި މި އުފެއްދުމަކީ މައިންނަށް ބޮޑު ލުއެއް ގެނެސްދޭނެ އުފެއްދުމެކެވެ. ހާއްސަކޮށް، މަސައްކަތްތަކުގައި ބުރަކޮށް އުޅޭ މައިންނަށް ސްޕާޓް ނެޕީގެ ބޭނުންތެރިކަން ބޮޑު ވާނެ ކަމަށް ބުންޏެވެ.