ރާހުލް ރޯއި އެނބުރި އަންނާނީ "އާގްރާ" އިން
ރާހުލް ރޯއި އެނބުރި އަންނާނީ "އާގްރާ" އިން

ފަނޑުވުމެއް ނެތް ލަވަތަކެއް ހިމެނޭ ކުރީގެ ފިލްމު "އާޝިގީ" އިން ވިދާލި ކުރީގެ އެކްޓަރު ރާހުލް ރޯއި އަނެއްކާ ވެސް ބޮޑު ސްކްރީނުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވާން ފަށައިފި އެވެ.

މި އަހަރުގެ ކުރީކޮޅު ޒީ5 އިން ސްޓްރީމް ކުރި ފިލްމު "ކެބަރޭ" ގެ ހާއްސަ ލަވައަކުން ފެނިފައިވާ 51 އަހަރުގެ އެކްޓަރު އަލުން ސްކްރީނަށް އަންނަ ފިލްމަކީ "އާގްރާ" އެވެ. މިހާރު ޝޫޓިން ވެސް ފަށާފައިވާ މި ފިލްމުން ރާހުލްއާ އެކު ބޮޑު ކާސްޓެއް ފެންނާނެ އެވެ. އެކަމަކު އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ.

މައިގަނޑު މަންޒަރުތައް އިންޑިއާގެ ތާރީހީ ބިނާ ތާޖް މަހަލް ހުންނަ އާގްރާގައި ޝޫޓް ކުރާ "އާގްރާ" އަކީ 2014 ގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސް ކުރި "ޓިޓްލީ" ގެ ޑައިރެކްޓަރު ކާނޫ ބޭލް ޑައިރެކްޓް ކުރާ ފިލްމެކެވެ.

ޔޫޑްލީ ފިލްމްސް އިން ޕްރޮޑިއުސް ކުރާ "އާގްރާ" އަންނަ އަހަރު ސިނަމާތަކަށް ގެންނާނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

މަހޭޝް ބަޓް 1990 ގައި ގެނެސް ދިން "އާޝިގީ" އިން ހޯދި ބޮޑު މަޝްހޫރުކަމާ އެކު، ރާހުލް ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ޖުނޫން"، "ޖާނަމް" އަދި "މަޖްދާރު" ފަދަ ފިލްމުތައް ހިމެނެ އެވެ. އެކަމަކު ކެރިއަރުގެ ކުރީކޮޅުގައި ރާހުލްގެ ކެރިއަރު ވަރަށް ބޮޑަށް އަޑި އަޅާލައި އޭނާ ސްކްރީނުން ގެއްލުނެވެ. ނަމަވެސް ދޭތެރެ ދޭތެރެ އިން ފިލްމުތަކުގެ ކުދިކުދި ބައެއް ރޯލްތަކުން ރާހުލް ފެނިފައިވެ އެވެ.

އޭނާ 2007 ގައި ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ފުރަތަމަ ސީޒަނުގައި ވާދަކޮށް، އެ ޝޯ ކާމިޔާބު ވެސް ކޮށްފައިވެ އެވެ.