21 ޖުލައި 2019 - 06:58

ބޮލީވުޑްގެ ކުރީގެ ބަތަލާ ޝިލްޕާ ޝެޓީ އަލުން ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވަމުން އަންނަ ވާހަކަ ދެކެވިފައި ވަނިކޮށް، އޭނާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 43 އަހަރުގެ ބަތަލާ ސޮއިކޮށްފައި ވަނީ ކުރީގެ ޑައިރެކްޓަރު އަޒީޒް މިރްޒާގެ ދަރިފުޅު ހާރޫން މިރްޒާގެ އަލަތު ޑައިރެކްޝަނަަށެވެ. ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ އެ ފިލްމަށް ކުރިން ދިލްޖީތު ދޮސަންޖާއި ޔާމީ ގޯތަމް ސޮއިކޮށްފައިވެ އެވެ.
ހާރޫންގެ ފިލްމަކީ 2017 ގައި މަރުވި އެކްޓަރު/ޑައިރެކްޓަރު/ސްކްރީން ރައިޓަރު ނީރަޖް ވޯރާގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. އަދި ނަން އިއުލާން ނުކުރާ މި ރޮމޭންޓިކް ކޮމެޑީ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށްވެ އެވެ.
ބައެއް ނޫސްތަކުން ބުނި ގޮތުގައި "ދަޅުކަން" އާއި "ބާޒީގަރު" ފަދަ ފިލްމުތައް ކުޅުނު ޝިޕްލާ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، ސްކްރީނަށް އަންނަ ފުރަތަމަ ފިލްމުގައި އޭނާ ކުޅޭނީ ލިޔުންތެރިއެއްގެ ރޯލެވެ.
ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ރަމޭޝް އާއި ހާރޫން އަދި ރަސްމީކޮށް މީޑިއާތަކާ ހިއްސާއެއް ނުކުރެ އެވެ.
ޝިލްޕާ އެންމެ ފަހުން ފިލްމެއްގެ ބޮޑު ރޯލަކުން ފެނުނީ 2007 ގައި ރިލީޒް ކުރި އަނިލް ޝަރުމާގެ "އަޕްނޭ" އިންނެވެ. އެކަމަކު 2014 ގައި ޝިލްޕާއި ފިރިމީހާ ރާޖް ކުންދުރާ ޕްރޮޑިއުސް ކުރި ފިލްމު "ޑިޝްކިޔާއޫ" ގެ ހާއްސަ ލަވައަކުން ޝިލްޕާ ފެނިފައިވެ އެވެ.
ޝިލްޕާ އަލުން ބޮޑު ސްކްރީނަށް އަންނަ ފިލްމުގެ ޑައިރެކްޓަރު ހާރޫންގެ ބައްޕައަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ޗަލްތޭ ޗަލްތޭ" އާއި "ޔެސް ބޮސް" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރެވެ.