20 ޖުލައި 2019 - 11:43

ތެލް އަވީވް (ޖުލައި 20) - ދުނިޔޭގެ އެންމެ ގަދީމީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއްގެ ފާރުތަކުގެ ބައެއް އިޒްރޭލުގެ ހަނަފަސް ސަހަރާއެއްގެ ބިން ކޮނުމުގެ ތެރޭގައި އާކިއޮލޮޖިސްޓުން ހޯދައިފި އެވެ.

އިޒްރޭލުގެ ނެގެވް ސަހަރާ ކޮންނަނިކޮށް ރަހާތުގެ ބިދޫން ޓައުނުން ފެނުނު މިސްކިތަށް 1،200 އަހަރުވެފައިވާ ކަމަށް އާކިއޮލޮޖިސްޓުން ބުނެ އެވެ. މިސްކިތުން ވަނީ ހަތް ވަނަ އަދި އަށް ވަނަ ގަރުނުގެ ބައިތައް ފެނިފަ އެވެ.

އިޒްރޭލުގެ އެންޓިކުއިޓީސް އޮތޯރިޓީ (އައިއޭއޭ) އިން ބުނީ މިސްކިތުގެ ފާރުތައް ފެނުނީ އެ ސަރަހައްދުގައި އިމާރާތް ކުރުމުގެ މަސައްކަތެއް ކުރަނިކޮށް ކަމަށެވެ. އަދި މިއީ އެ ސަރަހައްދުން ފެނުނު އެ ދުވަސްވަރުގެ ފުރަތަމަ މިސްކިތް ކަމަށް ވެސް އައިއޭއޭ އިން ބުނެ އެވެ. ރިސާޗަރުން ގަބޫލް ކުރަނީ އެއީ އެ ސަރަހައްދުގައި އުޅުނު ދަނޑުވެރިން ނަމާދު ކުރަން ބޭނުންކުރި މިސްކިތެއް ކަމަށެވެ.

ބިންކޮނުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު ޖޮން ސެލިގްމަން އަދި ޝަހާރް ޒޫރް ބުނީ މިއީ ދުނިޔޭގެ ކޮންމެ ތަނަކަށް ބެލި ނަމަވެސް "ވަރަށް ނުފެންނަ ޒާތުގެ" ތަނެއް ކަމަށެވެ.

މިސްކިތް އިމާރާތްކޮށްފައި ހުރީ މައްކާގެ ކައުބާއާ ދިމާވާ ގޮތަށް މިހުރާބަކާ އެކު އެވެ.