20 ޖުލައި 2019 - 06:03

ވޭލްސް މީހެއް ކަމަށްވާ، އުމުރުން 40 އަހަރުގެ ލީ ހެޑްވިންގެ އުމުރުން ހަތަރު އަހަރުގައި އޭނަ ފުރަތަމަ ކުރެހީ ފާރުގަ އެވެ. އެ އުމުރުގެ ކުއްޖަކާ ބަލާފައި އެއީ މާ ހާއްސަކަމެއް ނޫނެވެ. އެކަމަކު ލީގެ ކޭސް ތަފާތެވެ. އޭނަ މިކަމެއް ކުރިއިރު އޭނާ ހުރީ ނިދާފަ އެވެ.

ބޮޑުވަމުން އައި ވަރަކަށް ލީގެ ކުރެހުންތައް ވެސް އިތުރަށް ފުރިހަމަވަމުން ކުރި އަރަމުން އައެވެ. އުމުރުން 15 އަހަރުގައި މެރިލީން މޮނޯގެ ކުޑަކުޑަ ތިން ފޮޓޯގަނޑު ކުރެހި އެވެ. އަޖައިބުވާ ކަމަކީ ކުރެހިއިރުގެ އެއްވެސް ހަނދާނެއް އޭނަގެ ނެތްކަމެވެ. ހެނދުނު އެ ފޮޓޯތައް ފެނިގެން އަމިއްލަ އަށް ވެސް "ވާއު" އޭ ބުނެވުނުކަމަށް ލީ ބުންޏެވެ.

ނިދީގައި ހިނގުމާއި ވާހަކަ ދެއްކުމަކީ ވަރަށް އާންމުކަމެކެވެ. އެކަމަކު ނިދީގައި ކުރެހުމަކީ ވަރަށް ނުފެންނަ އާދަޔާ ހިލާފު ކަމެކެވެ. އަދި ލީ ހޭލާ ހުންނަ އިރު އޭނަގެ ކިބައިގައި ކުރެހުމުގެ އެއްވެސް ހުނަރެއް ނުހުރެ އެވެ.

ކާޑިފް ޔުނިވާސިޓީގެ ފަރާތުން ވާހަކަ ދެއްކި ތަޖުރިބާކާރެއް ކަމަށްވާ ޕެނީ ލެވިސް ބުނި ގޮތުގައި ނިދީގައި ހިނގަނީ ނިދާފައި އޮންނަ ސިކުނޑީގައި ހުންނަ އިމްބެލެންސެއްގެ ސަބަބުންނެވެ. އެއީ ނިދާފައި އޮންނައިރު ސިކުނޑީގެ އިމޯޝަންތައް ކޮންޓްރޯލް ކުރާބައި ކަމަށްވާ ލިމްބިކް ސިސްޓަމު ހޭލާ ވުމެވެ. ޕެނީ ބުނީ ލީގެ ހުނަރުގެ ސަބަބަކީ ވެސް މިއީ ކަމަށް ވެދާނެ ކަމަށެވެ.
ލީގެ މި ތަފާތު ހުނަރާއެކު، އޭނާގެ ސިއްހީ މައްސަލައެއް ހުރިތޯ ބަލަންވެގެން ލީގެ މައިންބަފައިން އެތައް ޑޮކްޓަރުންނަކަށް ދެއްކި އެވެ. ފަހުން ޑޮކްޓަރުން ލަފާދީފައި ވަނީ ލީގެ އެ ހުނަރުގައި ކުރިއަށް ދާން ދޫކޮށްލުމަށެވެ. ފުރާވަރުގައި ގާތްއެކުވެރިންތަކެއް ވަކިވެ ދިއުން ފިޔަވައި ބޮޑު ހިތާމައެއް ވެސް ހަޔާތުގައި ދިމާވެފައި ނުވާކަމަށް ލީ ބުންޏެވެ. އަދި އޭނާގެ ހުނަރުގެ އަސްލަކީ އެއީކަމަށް ވެދާނެކަމަށް އޭނަ ގަބޫލެއް ނުކުރެ އެވެ.
އުމުރުން 14 އަހަރުގައި ލީ ކުރެހި މެރިލީން މޮނޯގެ ފޮޓޯތައް ގަނެފައިވަނީ ހޮލީވުޑްގައި ހުންނަ "ދަ މެރިލީން މޮނޯ" ނަންދީފައިވާ މިއުޒިއަމްއިންނެވެ. އެއީ 4،000 ޕައުންޑަށްވުރެ ބޮޑު އަގަކަށެވެ. އަދި އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ލީގެ ކުރެހުމެއް ބައްލަވައިގެންފައިވެ އެވެ.