20 ޖުލައި 2019 - 06:34

ދުނިޔެ އަށް އަންނަ ތަރައްގީއާ އެކު އިންސާނުންގެ ކެއުމުގެ ވައްޓަފާޅި އަށް ވެސް ބޮޑެތި ބަދަލުތައް އެބަ އާދެ އެވެ. މީގެ ތެރެއިން މިހާރު އެންމެ ހިނގާ އެއް ޓްރެންޑަކީ އެއްގަމާއި ކަނޑުމަހުގެ ބާވަތްތަކާ ވެސް ދުރުވެ، ގަސްގަހާގެހިން ލިބޭ ކާނާގެ ބާވަތްތަކަށް ބަރޯސާވުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ޕްލާންޓް-ބޭސްޑް ޕްރޮޓީން އަށް ހުސްވާ ވެޖެޓޭރިނިއަޒެމެވެ.
ކެއުމުގެ ވައްޓަފާޅި އާއި ކާނާގެ ކުރިގަމަށް ބޮޑު ބަދަލެއް ގެންނަން ފިންލެންޑްގެ ކުންފުންޏަކުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގައުމުގެ ފުޑް ޓެކް ކޮމްޕެނީ ސޯލާ ފުޑްސް އިން މި ވަނީ ހީވެސް ނުކުރާ ކަހަލަ މާއްދާތަކެއް ބޭނުންކޮށްގެން މިހާރު އާ ޕްރޮޓީނެއް އީޖާދުކޮށްފަ އެވެ.
މިއަށް ދީފައިވާ ނަމަކީ "ސޮލީން" އެވެ. މިއީ ފެނާއި ކާބަންޑައޮކްސައިޑާއި އިޔާދަކުރަނިވި ހަކަތަ (ކަރަންޓް) މަސްހުނިކޮށްގެން އުފައްދާފައިވާ އެއްޗެކެވެ. ފާމެންޓޭޝަން ޕްރޮސެސްއެއްގެ ތެރެއިން ވުޖޫދަށް ގެނައި "ސޮލީން" ސޯލާ ފުޑްސް އިން ސިިފަ ކުރަނީ މުގުރާފައި ހުންނައިރު ގޮދަން ގޮތަށް ގޮތަށް ހުންނަ އަދި ހަމަ ގޮދަނުގެ ރަހަ ވެސް ދޭ އެއްޗެއްގެ ގޮތުގަ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ކާނާގެ މައިގަނޑު އެއްޗަކަށް "ސޮލީން" ވާނެ އެވެ. އެހެންވެ ސޯލާ ފުޑްސްގެ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި "އަންލިމިޓެޑް-ޕްރޮޓީން" ބާޒާރަށް ނެރުމެވެ.
"މިއީ ގަސްގަހާގެއްސާއި ޖަނަވާރުން ލިބޭ ކާނާތަކަށް ވުރެ ސަަތޭކަ ގުނަ ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް." ސޯލާ ފުޑްސް އިން ބުންޏެވެ. "ސޮލީން އަކީ ކުރިއަށް އޮތް ތަނުގައި އެކި ކަހަލަ ކާނާ ތައްޔާރުކުރަން ބޭނުން ކުރާނެ މައިގަނޑު އެއްޗަކަށް ވާނެ. އަހަރެމެންގެ ޓާގެޓަކީ ދެހާސް އެކާވީހުގައި ސޮލީން ބާޒާރަށް ނެރުން."