19 ޖުލައި 2019 - 12:19

ތެހެރާން (ޖުލައި 19) - ގަލްފުގެ ހޮރްމޫޒް ކަނޑުއޮޅިން އީރާނުގެ ޑްރޯނެއް އެމެރިކާގެ ކަނޑުގެ ސިފައިން ވައްޓާލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ އީރާނުގެ ޑްރޯން ވައްޓާލީ އެމެރިކާގެ ޔޫއެސްއެސް ބޮކްސާ އެމްފީބިއަސް އެސޯލްޓް މަނަވަރާ 1،000 ޔާޑު (914 މީޓަރު) އަށް ކައިރިވުމުން ކަމަށެވެ. އަދި ޑްރޯން ވައްޓާލީ އެމެރިކާގެ މަނަވަރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އެކަމަކު އީރާނުން ބުނެފައި ވަނީ އެ ގައުމުގެ އެއްވެސް ޑްރޯނެއް ވައްޓާލިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި ހުރިހާ ޑްރޯނެއް ސަލާމަތުން އެނބުރި އައިސްފައިވާ ކަމަށް ވެސް އީރާނުން ވަނީ ބުނެފަ އެވެ.
މިދިޔަ ޖޫން މަހު އީރާނުން ވަނީ އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓާލައިފަ އެވެ. އަދި އެ ޑްރޯން ވައްޓާލީ އީރާނުގެ ވައިގެ ސަރަހައްދަށް ވަނުމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޑްރޯން ވައްޓާލުމުން ކޯފާވެވަޑައިގެން ޓްރަމްޕް ވަނީ އީރާނަށް ވައިގެ ހަމަލާ ދިނުމަށް ހުއްދަ ވެސް ދެއްވައިފަ އެވެ. ނަމަވެސް ފަހުން ވަނީ އެކަން ކެންސަލް ކުރައްވައިފަ އެވެ.
އަނެއްކޮޅުން ހޮޒްމޫޒް ކަނޑުއޮޅިން އީރާނުން ހިފަހައްޓާފައިވާ ތެޔޮ ޓޭންކަރު ވަގުތުން ދޫކޮށްލުމަށް ވެސް އެމެރިކާ އިން ވަނީ ގޮވާލައިފަ އެވެ.
އީރާނުން ބުނެފައި ވަނީ އެއީ ގަލްފުން ވަގަށް ތެޔޮ ބޭރު ކުރަން އުޅުނު އުޅަނދެއް ކަމަށެވެ. އެހެންވެ އެ ބޯޓާއި އޭގެ 12 ފަޅުވެރިން ރިވޮލިއުޝަނަރީ ގާޑުން ހިފަހައްޓާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ވަގަށް ބަރުކޮށްފައިވާ އެއް މިލިއަން ލިޓަރުގެ ތެޔޮ އެ ބޯޓުގައި ހުރި ކަމަށް ވެސް އީރާނުން ބުނެފައިވެ އެވެ.