19 ޖުލައި 2019 - 10:35

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ން ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ސައުތު ކޮރެއާ އާއި ޗައިނާގެ މީޑިޔާ ޓީމެއް ރާއްޖެ ގެނެސްފި އެވެ.
މީޑިޔާ ފެމިލިއަރައިޒޭޝަން ޓްރިޕް (ފޭމް ޓްރިޕް)ގެ ތެރެއިން ސައުތު ކޮރެއާގެ ޓީމްގެ ދަތުރު ކުރިއަށް ދިޔައީ މިމަހުގެ 10-16 އަށެވެ. މި ޓީމުން ކަނޑީމާ ރިސޯޓާއި ތާޖް އެގްޒޯޓިކް ރިސޯޓް އެންޑް ސްޕާ އާއި ސަމާ އައިލެންޑަށް ގޮސްފައިވެ އެވެ. ސައުތު ކޮރެއާގެ މީޑިއާގެ ޓީމުގައި ސްޓައިލް މެގަޒިން އާއި އޭބީ ރޯޑް މެގަޒިން ހިމެނެ އެވެ.
މީގެ އިތުރުން ޗައިނާގެ މީޑިއާ ޓީމް ރާއްޖެ އަށް އައިސްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މި ޓީމުން ދަތުރު ނިންމާލާނީ މާދަމާ އެވެ. މި ޓީމުން ގްރޭންޑް ޕާކު ކޮދިއްޕަރާއި ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ އިތުރުން ވެލައްސަރު މޯލްޑިވްސް އަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޓީމަށް ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ސްނޯކްލިން އާއި ޑައިވިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން ވެލްނަސްގެ ތެރެއިން ޔޯގާ އާއި ސްޕާގެ ތަޖުރިބާތައް ލިބިގެންދާނެ އެވެ.
ޗައިނާގެ މީޑިޔާ ޓީމުގައި ޓްރެވެލް/ ލެޝާ އާއި ކޮންޑޭ ނާސްޓް ޓްރެވަލާ އާއި މެރީ ކްލެއާ އާއި ޝަންހާއީ ގުއާންޒީ އާއި ޒަކަރް ހިމެނެ އެވެ. މި ޓީމުތަކުން ރާއްޖޭގައި ކުރެވުނު ތަޖުރިބާތަކާއި ރާއްޖޭގެ ޓޫރިޒަމާ ގުޅޭ އާޓިކަލްތައް ލިޔުމަށް ހަމަޖެހިފައިވެ އެވެ.
ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މި އަހަރުގެ މެއި މަހުގެ ނިޔަލަށް 116،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 11 ޕަސެންޓުގެ އިތުރުވުމެކެވެ. ސައުތު ކޮރެއާ މިހާރު އޮތީ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ 12 ވަނައިގަ އެވެ.