19 ޖުލައި 2019 - 11:55

ވޮޝިންޓަން (ޖުލައި 19) - ގަަލްފުގެ ހޮޒްމޫޒް ކަނޑުއޮޅިން އީރާނުން ހިފަހައްޓާފައިވާ ތެޔޮ ޓޭންކަރު ވަގުތުން ދޫކޮށްލުމަށް އެމެރިކާ އިން އަންގައިފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ވިދާޅުވީ ތެޔޮ ބޯޓާއި އޭގައި ތިބި ފަޅުވެރިން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ހިފެހެއްޓުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށާއި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ރަައްކާތެރިކަން އެމެރިކާ އިން ޔަގީންކޮށްދޭނެ ކަމަށެވެ.
އީރާނުން އެންމެ ފުރަތަމަ ބުނެފައި ވަނީ ހޮރްމޫޒް ކަނޑުއޮޅީގައި ހާލުގައި ޖެހިފައިވާ ބޭރު ގައުމެއްގެ ތެޔޮ ޓޭންކަރަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ރައްކާތެރިކަމުގެ ހިސާބަކަށް ގެންގޮސްފައިވާ ކަމަށެވެ. އީރާނުން ފަހުން ބުނެފައި ވަނީ އެއީ ގަލްފުން ވަގަށް ތެޔޮ ބޭރު ކުރަން އުޅުނު އުޅަނދެއް ކަމަށެވެ. އެހެންވެ އެ ބޯޓާއި އޭގެ 12 ފަޅުވެރިން ރިވޮލިއުޝަނަރީ ގާޑުން ހިފަހައްޓާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ވަގަށް ބަރުކޮށްފައިވާ އެއް މިލިއަން ލިޓަރުގެ ތެޔޮ އެ ބޯޓުގައި ހުރި ކަމަށް ވެސް އީރާނުން ބުނެފައިވެ އެވެ.
ޓޭންކާޓްރެކާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ރިއާ" ނަމަކަށް ކިޔާ ތެޔޮ ބޯޓެއް އީރާނުގެ ސަރަހައްދުން ޖުލައި 14 ވަނަ ދުވަހު ވަނީ ދަތުރުކޮށްފަ އެވެ. އޮންލައިން އޮއިލް-ޓެރެކިން ސާވިސް އިން ބުނި ގޮތުގައި ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރަމުން ދަނިކޮށް އެ ޓޭންކަރުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމުން ސިގްނަލް ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ.
އީރާނުގެ ތެޔޮ ހުރި ޓޭންކަރެއް މި މަހު ކުރީކޮޅު ވަނީ ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިންގެ އެހީގައި ހިފަހައްޓައިފަ އެވެ. އީރާނުން ބުނެފައި ވަނީ 2.1 މިލިއަން ފީފާ ތެޔޮ ހުރި ޓޭންކަރު ދޫނުކުރާ ނަމަ އެކަމުގެ ރައްދު ދޭނެ ކަމަށެވެ.