19 ޖުލައި 2019 - 11:16

މީގެ ގާތްގަނޑަކަށް ދޮޅުހާސް އަހަރު ކުރީގެ ޒަމާނުގައި ދުނިޔޭގައި ބައެއް ޙަޟާރަތްތައް ގާއިމުވެފައިވީ ނަމަވެސް ޢަރަބި ކަރައަކީ ވަރަށް ދަށު ދަރަޖައެއްގައި އޮތް ތަނެކެވެ. ބަހުގެ އަދަބިއްޔާތުގައި ބައެއް މީހުން މޮޅަސް، އާންމު ތަޢުލީމީ ކުރިއެރުމެއް ނެތެވެ. ލިޔެކިޔަން ދަންނަ މީހުން ވަރަށް މަދެވެ. އެންމެން ތަބާވާ ވަކި ޤާނޫނެއް ނޯވެ އެވެ. މީސްތަކުން އުޅެމުން އައީ ގަބީލާގެ ހަމަތަކާއި އުޞޫލުތަކުގެ މަތީގަ އެވެ. ރިވެތި ބައެއް ސިފަތައް އޭގެ ތެރޭގައި ހިމެނުނަސް ވާދަވެރިކަމާއި ލޭއޮހުރުވުމާއި ހަނގުރާމަތައް އޮތެވެ. އިންސާނުންގެ ނަފްސާއި މުދަލަށް އަރައިގަންނަން ޖެހިލުމެއް ނުވެ އެވެ. ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް އެއީ އެންމެ ހިނގާ ވިޔަފާރިއެވެ. އަޅުކަން ކުރަނީ އަމިއްލައަތްތަކުން ހަދާ ބުދުތަކަށެވެ.
މިފަދަ ޙާލަތެއްގައި ވަނިކޮށް އެމީހުންގެ ތެރެއިން އުފަންވެ ޚާއްޞަ ތަރުބިޔަތެއް ލިބިވަޑައިގެން ބޮޑުފުޅުވި މާތް ސާހިބާ މުޙައްމަދު، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަކީ އެހެން މީހުންގެ އަޚްލާޤާއި އާދަތަކާ މުޅިން ޚިލާފު ބޭކަލެކެވެ. ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކަށް އާދަވެފައިވާ ބައެއްގެ ތެރޭ އުޅުއްވި ނަމަވެސް އެފަދަ އެއްވެސް ކަމެއް އެކަލޭގެފާނު ނުކުރައްވަ އެވެ. ބުދަށް އަޅުކަން ކުރަން އިންކާރު ކުރެއްވި އެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން ޚާއްޞަ ގޮތެއްގައި ފާހަގަވެ ލަގަބު ދެވުނެވެ.
ޢުމުރުފުޅުން ސާޅީހާ ގާތްވުމުން ޤައުމުގެ މީހުންގެ އެ ނޭދެވޭ ދިރިއުޅުމާ އެކަހެރިވެލެއްވުމަށާއި، ރޫޙު ޠާހިރުކޮށް ހިތްޕުޅު އަލި ކުރެއްވުމަށްޓަކައި ޚިލްވަތުގައި (އެކަހެރިވެ) ވަގުތުތައް ހޭދަކުރައްވަން ފެއްޓެވި އެވެ. އުއްމަތަށް ކުރިމަތިވެފައި އެ އޮތް ޖަހާލަތުގެ އަދިރިކަން ފިލުވާލަދޭނެ ނޫރަކަށް އުއްމީދު ކުރެއްވި އެވެ. ﷲ ގެ ޙަޟްރަތުން މި ނޫރު ލިބުމާ އެކު އެކަލޭގެފާނު ނުކުމެވަޑައިގެން ޤައުމާ މުޚާޠަބުކުރައްވައި ފުރަތަމަ ބަޔާންކޮށްދެއްވީ އެބައިމީހުން އަޅުކަން ކުރަމުން ގެންދާ ބުދު ތަކަކީ އެއިން ފައިދާއެއް ނުލިބޭ އަދި ގެއްލުމެއް ވެސް ނުދެވޭނެ ތަކެތި ކަމަށެވެ. މި އުޑުތަކާއި ބިންތަކާއި އެ ދެމެދުގައިވާ ހުރިހާ އެއްޗެއް ވެސް ހެއްދެވީ ހަމައެކަނި ޚާލިޤުވަންތަ ﷲ ކަމަށެވެ. އެހެންވެ އެފަރާތް ނޫންފަރާތަކުން ވާގިވެރިކަމަށް ނޭދުމަށާއި އެފަރާތް ނޫން ފަރާތަކަށް އަޅުވެތި ނުވުމަށް އިރުޝާދު ދެއްވެވި އެވެ. އެއަށްފަހު، ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް ދޫކޮށްލުމަށާއި، މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ނަސޭހަތް ދެއްވި އެވެ. ނަސަބާއި ޙަސަބާއި ގައިގެ ކުލައިން ލިބެނިވި މާތްކަމެއް ނެތް ކަމަށާއި، ތަޤުވާވެރިވުމާއި އިޞްލާޙުވުން ފިޔަވައި މީސްތަކުންގެ މެދުގައި ތަފާތު ކުރެވޭނެ ގޮތެއް ނެތް ކަން ބަޔާން ކުރެއްވެވި އެވެ. މި ފަނާވަނިވި ދުނިޔެ ނިމުމުން ހުރިހާ އެންމެންނަކީ ވެސް އަލުން ދިރުއްވޭނެ ބައެއް ކަމާއި އޭގެ ބޭނުމަކީ ދުނިޔެމަތީ ކޮށްފައިވާ ޢަމަލުތަކުގެ ހިސާބު ބައްލަވައި އެއާ އެކަށީގެންވާ ޖަޒާ ލިބުން ކަން ބަޔާން ކުރެއްވެވި އެވެ.
މި ދަޢުވަތަށް އެކަލޭގެފާނުގެ ޤައުމުގެ ގިނަ މީހުން އިންކާރު ކުރި އެވެ. ހަޑިހުތުރު ބަސްތައް ރައްދުކޮށް އެކަލޭގެފާނަށް ދުއްތުރާ ކުރިއެވެ. އަގުވައްޓާލުމަށް އެކިއެކި ޢަމަލުތައް ހިންގި އެވެ. ރަށުން ބޭރުކޮށްލުމަށް ނުވަތަ ހައްޔަރު ކުރުމަށް ނުވަތަ ޤަތުލު ކުރުމަށް ރޭވި އެވެ. މިގޮތުގައި ތޭރަ ވަރަކަށް އަހަރު މައްކާގައި ހޭދަކުރެއްވުމަށްފަހު އެތަން ދޫކުރައްވައި އެހެން ތަނަކަށް ވަޑައިގަންނަވަން މަޖުބޫރުވި އެވެ. މަދީނާގައި ދައުލަތެއް ގާއިމު ކުރައްވައި ވަރަށް ބުރަ މަސައްކަތްޕުޅު ކުރެއްވެވި އެވެ. މިފަދަ އުނދަގޫތަކާ ކުރިމަތިލައްވައި މިފަދަ ބޮޑު ބުރަތަކެއް ތަޙައްމަލުކުރައްވައި ކެތްތެރިވެ ވަޑައިގަތީ ކީއްވެގެން ހެއްޔެވެ؟ މި ދަޢުވަތު ފާޅު ކުރެއްވުމުގެ ކުރިން އެ އުޅުއްވި ގޮތުގައި އަމާންކަމާ އެކު ޤައުމުގެ މީހުންނާ އެކީ ޝަރަފުގެ މަތީ ޙަޔާތުގެ ބާކީ އޮތްބައި ވޭތު ނުކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟
އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ މީސްތަކުންނަށް ޙައްޤު މަގު އަންގައިދިނުމަށެވެ. ﷲ ދެއްވެވި މަތިވެރި ނިޢުމަތް މީސްތަކުންނަށް ފޯރުކޮށްދެއްވުމަށެވެ. ކީރިތިރަސޫލާގެ އެ ދަޢުވަތު ހުއްޓަވާލައްވައިފި ނަމަ މައްކާގެ މުޝްރިކުން އެމީހުންގެ ވެރިއަކަށް ހަދައިދިނުމަށާއި، އެކަލޭގެފާނަށް މުދާ ދެއްވުމަށާއި، އަދި މިނޫންވެސް ދުނިޔަވީ އެހެން ބޭނުންތައް ފުއްދައިދޭން ހުށަހެޅިއެވެ. ނަމަވެސް މިހުރިހާ ކަމެއް އިންކާރު ކުރައްވައި އެކަލޭގެފާނުގެ އެ ދަޢުވަތުގައި ދެމި ހުންނަވާނެކަން ކަށަވަރު ކުރެއްވެވި އެވެ. ސަބަބަކީ އެކަލޭގެފާނު އެ ގޮވާލައްވަނީ ޙައްޤު ތެދު މަގަށް ކަމުގައި ވާތީ އެވެ.
ކީރިތި ރަސޫލާގެ މި ރިސާލަތުގެ ހައްގުކަން ސާބިތުވާ އެހެން ހެކިތަކަށް ބަލާއިރު ފާހަގަ ކުރެވޭ އެއްކަމަކީ، އެކަލޭގެފާނުގެ ބަސްފުޅުތަކަށް އައި ކުއްލި ބަދަލެވެ. ﷲ ގެ ބާވާލެއްވުމުގެ ނަމުގައި އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތަކުގެ ބަލާޣަތްތެރި ކަމާއި ފަޞާޙަތްތެރިކަމެވެ. ޢަރަބިންގެ ބައެއް މީހުން އެމީހުންގެ ބަހުގެ އަދަބިއްޔާތާއި ޅެންވެރިކަމުގެ ގޮތުން ކުރިއަށް ދެވޭނެ އެންމެ ކުރިއެއްގައި ވަނިކޮށް އެމީހުން ޢަޖައިބުކޮށް ޙައިރާން ކޮށްލަނިވި ބަސްތަކެއް މި އުއްމިއްޔަ ނަބިއްޔާ އެކަލޭގެފާނުގެ އަމިއްލަފުޅަށް ތައްޔާރު ކުރެއްވެވިދާނެބާ އެވެ؟ އަދި އެފަދަ މޮޅެތި ބައެއްގެ ކުރިމަތީ އެބަސްތައް ފާޅުކުރައްވަމުން އެއާ އެއްފަދަ އެއްޗެއް ނުގެނެވޭނެ ކަމަށް ގޮން ޖައްސަވަމުން ވެސް ގެންދެވިދާނެބާ އެވެ؟ އެއީ އެކަލޭގެފާނަށް ކޮންތާކުން ލިބިވަޑައިގެންނެވި ކަށަވަރު ކަމެއްތޯ އެވެ؟ ކީރިތި ރަސޫލާގެ މި ގޮންޖެއްސެވުމުގެ ކުރިމަތީ ޤުރައިޝުންނަށް ޖެހުނީ އިސްދަށަށް ޖަހާލާށެވެ.
ދެވަނަ ކަމަކީ، ﷲ ގެ ވަޙީގެ ގޮތުގައި އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތަކާއި އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅުތަކާ ދެމެދު ހުންނަ ފަރަގެވެ. އެހެން އިންސާނަކަށް އަދި ޖިންނިއަކަށް ވެސް ނުގެނެވޭނެ ފަދަ ބަސްތަކަކަށް ވަޙީގެ ބަސްފުޅު ވެގެން ދިއުމެވެ. އެއްވެސް އިންސާނަކު އޭގެ ކުރިން ދުވަހަކުވެސް ފާޅުކޮށްފައިނުވާ ފަދަ ޙިކުމަތްތެރި ކަންކަން އޭގައި ހިމެނެ އެވެ. އަޚްލާޤާއި އިޖްތިމާޢީ ކަންކަމާއި ދިރިއުޅުމުގެ ހުރިހާ މައިދާންތަކަށް އެންމެ އެކަށީގެންވާ ގަވައިދުތަކާއި އުޞޫލުތައް އޭގައި އެކުލެވިފައިވެ އެވެ. މިފަދަ އުޞޫލުތަކާއި ގަވައިދު ތަކަކަކީ އެކަމުގެ މާހިރުންނާއި ޢިލްމުވެރިން އެތައް ދުވަހެއްގެ ތަޖުރިބާއިން އަދި ވަރަށް އުނދަގުލުން ނޫނީ އެކުލަވާނުލެވޭނެ ކަންކަމެވެ. ނުވަތަ އެއީ އެއްގޮތަކަށްވެސް އެކުލަވާ ނުލެވޭނެ ފަދަ މަތިވެރި ހިކުމަތްތެރި ގަވައިދުތަކަކާއި އުޞޫލު ތަކެކެވެ. އެ ޒަމާނުއްސުރެ ފެށިގެން އަދި އަދަށް ދާންވެސް އަދިކިއެއްތަ، ޤިޔާމަތަށް ދާންދެންވެސް މި އުސޫލުތަކަކީ އިންސާނީ ދިރިއުޅުން ބާއްޖަވެރި ކުރުމަށް އެންމެ އެކަށީގެންވާ އުސޫލުތަކެވެ.
ތިންވަނަ ކަމަކީ، ނަބީކަމުގެ ދަޢުވަތު ލިބުނުތާ ފުރަތަމަ ދުވަސްކޮޅުގެ ތެރޭ އެކަލޭގެފާނުގެ އެންމެ ޢަދާވާތްތެރި ދުޝްމަނުންގެ ގޮތުގައި ތިބި އަދި އެކަލޭގެފާނު އަވަހާރަކޮށްލައި ނެތިކޮށްލުމަށް ރާވައި މަސައްކަތް ކުރަމުން ގެންދިޔަ ޤުރައިޝުންގެ ބޮޑުންނާއި އާދައިގެ މީހުންވެސް އެންމެ 23 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެކަލޭގެފާނުގެ އެންމެ ގާތް ރަޙުމަތްތެރިން އަދި ރޫޙާއި ޖާނުން ފިދާވުމަށް ތައްޔާރުވެގެން ތިއްބެވި ބައެއްގެ ގޮތުގައި ވެގެންދިއުމެވެ. މީގެ ސަބަބަކީ އެކަލޭގެފާނުގެ ހަސަބާއި ނަސަބެއް ނޫނެވެ. އަދި އެކަލޭގެފާނުގެ މުދާވެރި ކަމެއްވެސް ނޫނެވެ. އެކަމަކު އެކަލޭގެފާނުގެ ރިވެތި އަދަބާއި އަޚްލާޤެވެ. އަދި އެކަލޭގެފާނު ގެންނެވި މަތިވެރި ޢުޞޫލުތަކުގެ ހަރުދަނާ ކަމެވެ. އެކަލޭގެފާނާ ކުރިމަތިލުމަށް ވަރުގަދަ ޖައްބާރުން އިދިކޮޅަށް ނުކުތެވެ. ނަމަވެސް އެންމެފަހުން ޖެހުނީ ކިޔަމަންތެރިކަމާ އެކު ބޯލަނބާށެވެ. މިފަދަ ދަނޑިވަޅުތަކުގައި ވެސް ކީރިތި ރަސޫލާގެ ދީލަތިކަމާއި މަތިވެރިކަން އިތުރަށް ދިޔައީ ހާމަވެގެންނެވެ. ބަދަލު ހިއްޕެވުމުގެ އެއްވެސް ރޫޙެއް ނުގެންގުޅުއްވަ އެވެ. މަޢާފު ކުރެއްވުން ޢާންމު ކުރެއްވެވި އެވެ.
ހަތަރުވަނަ ހެއްކަކީ، އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ތަރުބިޔަތާއި ތަޢުލީމު ހާސިލު ކުރެއްވި ގޮތެވެ. ޖާހިލުކަން ފެތުރިފައިވާ މުޖުތަމަޢެއްގައި، އާދައިގެ ދިރިއުޅުއްވުމެއްގައި އުޅުއްވި ބޭފުޅަކަށް މިފަދަ މަތިވެރި ސިފަފުޅުތަކެއް ލިބިވަޑައި ގަތީ ކޮންގޮތަކަށްތޯ އެވެ؟ ކުރިން ތަޢުލީމެއް ނުހޯއްދަވައި ކުއްލިއަކަށް މިހުރިހާ ކަންތައްތަކެއް ދަސްފުޅު ކުރެއްވެވީ ކޮންތަނަކުންތޯ އެވެ؟ މީގެ ޖަވާބަކީ މިހުރިހާ ކަންކަމަކީ ވެސް އެކަލޭގެފާނުގެ އަމިއްލަ ނަފްސުން އައި ކަންކަމެއް ނޫނެވެ. ނަމަވެސް އެއީ ކުޅަދުންވަންތަ ޙިކުމަތްވަންތަ ﷲ ގެ ދީލަތި ދެއްވުމެކެވެ. އެކަލޭގެފާނަށް ވަޙީ ކުރެއްވޭ ގޮތް ނޫން ގޮތަކަށް އެކަލޭގެފާނު އެއްވެސް ކަމެއް ނުކުރައްވަ އެވެ.
މި ހުރިހާ ކަމަކުން އެނގި ކަށަވަރު ވަނީ ތެދުވެރިކަމާއި އަމާނަތްތެރިކަމުގައި މިފަދަ ދެވަނަ މިސާލެއް ނެތް ކަމަށް ޢަދުއްވުން ވެސް އެއްބަސްވާ ބޭކަލަކު ގެނެސްދެއްވި ރިސާލަތުގެ ހައްގު ކަމާ މެދު ޝައްކުކުރަން ހަމަ އެއްވެސް ވަރަކަށް ޖާގަ ނެތް ކަމެވެ. ﷲ ގެ ވަޙީބަސްފުޅުތައް އެއީ އެކަލޭގެފާނުގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ހުށަހެޅުމަކީ އެކަލޭގެފާނަށް ނުކުރެއްވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ފަޚުރުވެރިކަމެއް ނުވަތަ ބޮޑާވުމެއް ނެތި ތެދުވެރިކަމާ އެކު ﷲ ގެ ވަޙީބަސްފުޅުތައް މީސްތަކުންނަށް ފޯރު ކޮށްދެއްވީ އެވެ. މިއިން ވެސް ލިބެނީ އިތުރު ޔަގީންކަމާއި ކަށަވަރު ކަމެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ތެދުކަން ޔަގީން ކުރުމަށް އިތުރު ބާރެކެވެ.