12 ސެޕްޓެމްބަރ 2016 - 08:22

ކާޑިފް، ވޭލްސް (ސެޕްޓެމްބަރު 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްވަންސީ ސިޓީ އަތުން މޮޅުނުވީ ރެފްރީ އަށް ހެދުނު ގޯހެއްގެ ސަބަބުން ކަމަށް ބުނެ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ރެފްރީ އަށް ފާޑުކިޔައިފި އެވެ.
ސްވަންސީ ދަނޑުގައި ރޭ އެ ޓީމާއި ޗެލްސީ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޑިއޭގޯ ކޮސްޓާގެ ލަނޑުން ޗެލްސީ ލީޑު ނަގާފައިވަނިކޮށް ދެ ވަނަ ހާފްގައި ގާތްގާތުގައި ގިލްފީ ސިގަޑްސަންގެ ޕެނަލްޓީ އާއި ލިރޯއި ފެއާގެ ލަނޑުން ސްވަންސީ ކޮޅަށް ނަތީޖާ އެނބުރުނެވެ. ފެއާގެ ލަނޑަކީ ޗެލްސީގެ ޑިފެންޑަރު ގޭރީ ކޭހިލް އަށް ފައުލުކޮށްފައި ޖެހި ލަނޑެއް ކަމަށް ޗެލްސީން ބުނެ އެވެ.
ޗެލްސީ އަށް އެއްވަރުކޮށްދިން ލަނޑު މެޗު ނިމެން ނުވަ މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ އޯވަހެޑް ކިކަކުން ކޮސްޓާ އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ ދެ ވަނައިގަ އެވެ. ހަތަރު މެޗުން އެ ޓީމަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.
މެޗަށް ފަހު ކޮންޓޭ ބުނީ މިއީ ޗެލްސީ އަތުގައި ކޮންޓްރޯލް އޮތް މެޗެއް ކަމަށާއި ތިން ޕޮއިންޓް ނުލިބުމުން ކަންބޮޑުވާ ކަމަށެވެ.
"މެޗާ ބެހޭގޮތުން ވާހަކަ ދައްކަން ވަރަށް އުނދަގޫ އެއީ އަހަރެމެން އަތުން ދެ ޕޮއިންޓް ގެއްލިއްޖެ. ވަަރަށް ހިތްހަމަ ޖެހޭ އެޓޭކިން ގޭމެއް ފެނުނު. ސްވަންސީގެ ދެ ވަނަ ލަނޑާ މެދު ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދާ އެއީ އެންމެނަށް ވެސް ގަބޫލުކުރެވޭ އެއީ ފައުލެއްކަން. ރެފްރީ ހެދީ ގޯހެއް،" ކޮންޓޭ ބުންޏެވެ.
ރޭގެ މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ ކެޕްޓަން ޖޯން ޓެރީގެ ކުޑަހުޅަށް ވަނީ އަނިޔާ ލިބިފަ އެވެ. ކޮންޓޭ ބުނީ ޓެރީ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ދެވޭނީ ޓެސްޓްތައް ހެދުމަށް ފަހު ކަމަށެވެ.
ކޮންޓޭ ވަނީ އެ ޓީމުގެ ފޯވާޑް ކޮސްޓާ ދައްކަމުން އަންނަ މޮޅު ކުޅުމަށް ތައުރީފް ކޮށްފަ އެވެ.