18 ޖުލައި 2019 - 19:52

އެލިއާ އިންވެސްޓްމަންޓާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ބޭއްވި "ބޯޓު އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް" މިއަދު ނިންމާލައިފި އެވެ.
މި ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓު ދިނުމަށް ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމެވެ.
މި ޕްރޮގްރާމްގައި، ރާއްޖޭގެ އެކި ރިސޯޓުތަކާއި ކަނޑު އުޅަނދުފަހަރު ގެންގުޅޭ އެކި ކުންފުނިތަކުގެ 45 ފަރާތަކުން ބައިވެރިވި އެވެ. އަދި ނައިޖީރިއާ އާއި ޕާކިސްތާން ފަދަ ގައުމުތަކުން ވެސް މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި އެވެ.
މިއީ، ލޯންޗު ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ، މި ޕްރޮގްރާމުގައި ބައިވެރިންނަށް ތަފާތު ހާދިސާތަކުން ސަލާމަތްވާނެ ގޮތްތައް ދަސްކޮށްދީފައި ވާއިރު އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ކަނޑުމަތީގެ ހާދިސާތައް މަދުވާނެ ކަމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިމަގުގައި އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ޕްރޮގްރާމް ނިމިގެންދިޔައިރު ވަރަށް ގިނަ ކަންތައްތައް ވާނީ ދަސްވެފައި. އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފި ކަމުގައިވާ ނަމަ ހަމަ ޔަގީނުން ވެސް ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދުވާނެ. މިހާރު އަޅުގަނޑުމެން މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު ޖާގައިގެން ދަތިކަން ވަރށް ބޮޑަށް ފާހަގަ ކުރެވޭ. ނަމަވެސް ކުރިއަށް ހުރި ޕްރޮގްރާމްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނަން،" ސައީދު ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ފަޔާ ފައިޓިން އާއި ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކާއި އައުޓް ބޯޑު އިންޖީނުގެ މަސައްކަތް ކުރާނެ ގޮތާއި ފަސްޓް އެއިޑްގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ދީފަ އެވެ.
މިއީ ކަނޑުމަތީގެ ހާދިސާތައް މަދުކޮށް، އެފަދަ ކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކާއި ކަނޑަކީ ސާފުތާހިރު ތަނަަކަށް ހެދުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.