ދިހައެއް: ބައްޕައަށްޓަކައި
ދިހައެއް: ބައްޕައަށްޓަކައި

(ސެޕްޓެމްބަރު 8 ގައި ޖެހި ބަޔާ ގުޅޭ)

"އޭތް، ބަލާބަލަ! ކަލޭގެ ދެ ފައި މިހިރަ އިރައިގެން ދަނީ. ކަލޭގެ ދެ ކޮނޑުން އެހެރަ އަޑު ގޮވަނީ. ނުރޮއި ވާހަކަ ދައްކަ ބަލަ!" އެމީހާ ބުންޏެވެ.

އެއީ ތެދެކެވެ. އޭނާ ރޮނީ އެވެ. ގަދައަށް ރޮވެނީ އެވެ. އިރުއިރުކޮޅާ ހަޅޭއް ވެސް ލެވެ އެވެ.

"އަހަރެން ވަގަކަށް ނުނަގާ...ވަގަކަށް ނުނަގާ...ވަގަ...." އޭނާ އަށް ބުނެވުނީ އެހާ ހިސާބަށެވެ. އޭނާގެ ލޯމަތިން ހުރިހާ ތަނެއް ފުސްވާން ފެށި އެވެ. ކުރިމަތީގައި ހުރި މީހާ ހަޅޭއްލަވާހެން ހީވި އެވެ. އަނެއް ތިން މީހުން އޭނާގެ ކައިރި އަށް ޖެހިލިހެން ހީވި އެވެ. ދެން ކުއްލިއަކަށް އެންމެން، ދޮރާ ދިމާއަށް ބަލައިލި އެވެ. ދޮރުން ފުލުހުންތަކެއް ވަދެ، އެ މީހުންނާ ދިމާއަށް ދުއްވައިގަތެވެ. އޭނާ އަށް އަނިޔާކުރި މީހާގެ އަތުން ހޮޅިބުރި ވެއްޓުނެވެ. އެތަނަށް ވަން، ފުލުހުންގެ ބަޔަކު އޭނާގެ ގައިގައި ހިފަހައްޓާ، ބިނދިފައިވާ ދެ ފައި މޮހެލިކަން އެނގުނެވެ.

ހިޔަނިތަކެއްގެ ގޮތުގައި އެންމެ ފަހުން އޭނާ އަށް ފެނުނީ، އިތުރު ފުލުހުން ވަދެ، އަނެއް ހަތަރު މީހުން ވަށާލި ތަނެވެ. އެ މީހުންގެ މޫނުމަތީގައި އަޅާފައި ހުރި ފޮތިތައް ދަމައިގަތްތަނެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް އޭނާއަކަށް ނޭނގެ އެވެ. އޭނާ އަށް ރަނގަޅަށް ވިސްނޭ ވަރަށް ވުރެ ތަދު މާ ބޮޑެވެ. އޭނާގެ ސިކުނޑި އަށް އެއްވެސް އެއްޗެއް ރަނގަޅަކަށް ނުފެނެ އެވެ.

ލޯ ހުޅުވައިގެން ހުރެވޭތޯ އޭނާ މަސައްކަތްކުރި އެވެ. އެކަމަކު އެ ބާރެއް އޭނާގެ ނެތެވެ. އެންމެ ފަހުން މުޅި ތަން ލޯ މަތިން ގެއްލުނެވެ.

ރިސޯޓްގައި އޭނާ އަށް ހަދާފައި ހުރި ހާއްސަ ވިލާގެ މައި ކޮޓަރީގެ ދޮރު ހުޅުވާލައި، މޫދާ ދިމާއަށް ވާ ގޮތަށް ބަހައްޓާފައި ހުރި ގޮނޑިތަކާ ދިމާއަށް ފާތިރު ހިނގައިގަތެވެ. އޭނާގެ އެނދުގައި ނިދާފައި އޮތީ ސުހާނާ އެވެ. އޭނާގެ ތިން ވަނަ އަނބިމީހާ އެވެ. ތިން ވަނަ ކައިވެނި އޭނާ ކުރީ ވަރަށް އާދައިގެ ގޮތަކަށް، ސުހާނާގެ ކޮޓަރީގަ އެވެ. ސުހާނާ ލައިގެން ހުރީ ހުދު ކުލައިގެ، ސާދާ އެކަމަކު ކައިވެނީގެ ރީތި ހެދުމެކެވެ. އޭނާ ލީ ހުދު ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ.

ކައިވެނި ޕާޓީއެއް ނުބާއްވަ އެވެ. ސުހާނާގެ ގޭގެ ކުޑަކުޑަ ބަދިގޭގައި އޮތީ އާދައިގެ ސަޔެކެވެ. އޭނާގެ ފަރާތުން ބައިވެރިވީ ނާވިޝް އާއި ޒަވީން އެވެ. ސަޔަށް ފަހު ސުހާނާ ގޮވައިގެން އައީ ރިސޯޓަށެވެ.

ސުހާނާ އޮތީ، ހިތްގައިމު، ބޮޑު ކޮޓަރީގެ، ފަސޭހަ އެނދުގައި ނިދާފަ އެވެ. އޭނާގެ ހަޔާތަށް ކުރިމަތިވި އަނިޔާވެރި، ހިތާމަވެރި ދުވަސްތަކަށް ފަހު ލިބުނު ފުރަތަމަ އުފާވެރިކަމުގައި، ހިތްހަމަޖެހިގެންނެވެ. އޭނާގެ ހުވަފެންތައް ރީއްޗެވެ. އޭނާގެ ނިދި އަރާމެވެ.

ރޭގަނޑު 12 ޖަހައިފި އެވެ. ބޭރުގައި ހުރި ބޮޑު އެއް ގޮނޑީގައި އިށީންނަން އުޅުނު ވަގުތު އޭނާ އަށް ފެނުނީ ބިއްލޫރި ކުޑަ މޭޒު މަތީގައި އޮތް ފަނުން ވިޔެފައިވާ ކުޑަ ފޮއްޓެކެވެ. އެއީ އެ ރިސޯޓުގައި ހަދާ އެއްޗެއް ނޫނެވެ. އެކަން އޭނާ އަށް ޔަގީނެވެ. އެއްވެސް ގެސްޓަކަށް، އެއްވެސް ކަހަލަ ހަދިޔާއެއް އެކަހަލަ ފޮއްޓެއްގައި، މިހާތަނަށް، ދީފައެއް ނުވެ އެވެ. އޭނާ ގުދުވެ، ހައިރާންވެފައި އެ ނެގި އެވެ. ދެން އޭގައި ހަތަރު ފަރާތަށް ވާ ގޮތަށް އައްސާފައި ހުރި ހިމަހިމަ ރޯނު ފަށް ނައްޓާލި އެވެ. މަޑުމަޑުން މަތި ނެގި އެވެ. އެތެރޭގައި އޮތީ ފަތް ޖަހާލާފައި އޮތް ފަތެކެވެ.

ފާތިރު އެ ފަތް ހުޅުވާލި އެވެ. އޭގައި ދިވެހި ބަހުން އެއްޗެއް ލިއެފައިވެ އެވެ. އޭނާ ގޮނޑީގައި އިށީނެވެ. ދެން އެކި ކޮޅުކޮޅަށް ފަތް އަނބުރައިގެން، އެންމެ ރަނގަޅަށް އަކުރުތައް ފެނުނު މިސްރާބަށް ހިފަހައްޓާލައި، ކިޔަން ފެށި އެވެ. އެ ކިޔާ ނިމުމާ އެކު، ފާތިރަށް ގޮނޑީގައި ލެނގިލެވުނެވެ. އޭނާ ކުޑަކޮށް ވިސްނާލި އެވެ. އިރުކޮޅަކު އެހެން އޮވެފައި، މަޑުމަޑުން ތެދުވެ، ފޮށި ތެރެއަށް އެ ފަތް ލުމަށް ފަހު، ލެއްޕި އެވެ. ދެން ރޯނު ފަށުން ބަނދެލި އެވެ.

ގޮނޑިން ތެދުވި އެވެ. އޭނާ ހުސް ފައިގައި، ދޮން ވެލިގަނޑު މައްޗަށް ފޭބި އެވެ. މަޑުމަޑުން ގޮސް، މޫދަށް އެރުނެވެ. ކަކުލަށް ވުރެ މައްޗަށް ލޮނުގަނޑު އަރާ ހިސާބަށް ދެވުމާ އެކު މަޑުކޮށްލި އެވެ. އެ ފޮށި، ރައްކާތެރިކަމާ އެކު، އެހާމެ މަޑުމަޑުން ލޮނުގަނޑު މަތީ ބެހެއްޓި އެވެ. އޭނާ ބަލަން ފެށި އެވެ. އޮއިވަރު އޮތީ ކޮން ދިމާލަކަށް ކަމެއް އޭނާއަކަށް ނޭނގެ އެވެ. އެކަމަކު ފޮށި މަޑުމަޑުން ދިޔައީ ކަނޑާ ދިމާއަށެވެ. ހީވަނީ، އެއްޗަކުން ދަމާފައި ގެންދާ ހެންނެވެ. ދުރަށް ދިޔަ ވަރަކަށް އަނދިރީގެ ތެރޭގައި، ފެންނަލެއް ކުޑަވި އެވެ. އެންމެ ފަހުން އޭނާގެ ލޯ މަތިން އެ ގެއްލުނެވެ.

ފަޅު ބޮޑު އެ ރިސޯޓްގައި ކަނޑު އަދި އޮންނާނީ މާ ދުރުގައިކަން ފާތިރަށް އެނގެ އެވެ. އޭނާ ކަންތައް ކުރީ ފަތުގައި ލިއެފައިވާ ގޮތަށެވެ. އޭނާ އަށް ކަން ކުރެވެން އޮތީ ވެސް އޭގައި އިރުޝާދު ދީފައިވާ ގޮތަށެވެ.

އޭނާގެ ކައިވެނީގެ ފުރަތަމަ ރޭ، އެ ރިސޯޓަށް، އެ ފޮށި ފޮނުވީ ދެ ވަނަ އެހެން މީހެއް ނޫނެވެ؛ ދަލޭކަދައިތަ އެވެ. އެހެންކަމުން އޭނާގެ ކޮޓަރީގެ ކުރިމަތީގައި އެ ބެހެއްޓި ގޮތަކާ މެދު ވިސްނުމުގެ ބޭނުމެއް ނެތެވެ. އެ މީހަކު އެ ދިޔައީ، ރިސޯޓްގެ އެކަކަށް ވެސް ނޭނގި، އޭނާއާ ހަމައަށް އެ ރައްދުކޮށްފަ އެވެ. އޭނާ އަށް ނުފެންނަ ހިސާބުގައި، ކަނޑުގައި، އެ މީހަކު އެ ފޮއްޓާ އަލުން ހަވާލުވާން ނެތް ކަމެއް ވެސް ނޭނގެ އެވެ.

މޫދަށް އެރިގެން، ކޮޓަރި އަށް ވަނުމުގެ ކުރިން ފައި ދޮންނަން ހުރި އިސްކުރު ކައިރިއަށް މަޑުކޮށް، ދެ ފައި ރީއްޗަށް ދޮވެލި އެވެ. އެވަގުތު ދޮރު ހުޅުވާލަފައި، ނިދާ ހެދުމުގައި ހުރި، ސުހާނާ ނުކުތެވެ.

"ފާތިރު؟" ހައިރާންވެގެން ހުރެ ގޮވާލި އެވެ.

"އަހަ، ތެދުވީތަ؟ ނުނިދުނީދޯ،" ފާތިރު ނޭނގޭ ކަމަށް ހަދާފައި ބުނެލި އެވެ.

"ފާތިރު ނެތީމާ ބިރުގަތީ. ކީއްވެ ފައި ތި ދޮންނަނީ؟" ސުހާނާ، ފާތިރުގެ ކައިރި އަށް ޖެހިލި އެވެ.

"މޫދުގައި ކުޑަ އިރުކޮޅަކު މަޑުކޮށްލާފައި މިއައީ. ކިހާ ހިތްގައިމު ވަގުތުކޮޅެއް. އެއްވެސް މީހެއްގެ ހިލަމެއް ނެތް. ހަމައެކަނި ލޮނުގަނޑު ބީއްސާލާ އަޑު،" އިސްކުރު ހުރި ތަނުން، ކޮޓަރީގެ ބޭރު ތަޅުންގަނޑު މައްޗަށް އަރަމުން ބުންޏެވެ.

އެވަގުތު ސުހާނާ އޭނާގެ ގައިގައި ބައްދާލި އެވެ. މިއީ ކައިވެނީގެ ފުރަތަމަ ރެ އެވެ. އޭނާގެ ފިރިމީހާ އެވެ. އޭނާ ހީނުކޮށް ހުއްޓާ ލިބުނު ސުވާލެއް ނެތް ފަދަ ނަސީބެކެވެ. ހިތްހެޔޮ، މާތް ސިފަތަކެއް ހުރި މުއްސަންޖެކެވެ.

ސުހާނާގެ ގައިގައި، ފާތިރު ވެސް ބާރަށް ބައްދާލި އެވެ. ދެ މީހުން ތިބީ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައީ ހިމޭން މެންދަމެވެ. ލޯތްބަކީ ކުއްލިއަކަށް ވެސް އުފެދޭ އިހުސާސެކެވެ. ކައިވެންޏަކީ ވެސް ހަމަ ކުއްލިއަކަށް ކުރެވޭ އެއްޗެކެވެ. ގިނަ ދުވަހު ރައްޓެހިވެގެން އުޅެ، ކައިވެނީގެ ހަޔާތަށް އަޅާ ފިޔަވަޅަކުން ލިބޭ ޔަގީންކަމެއް ނެތެވެ. ކިތައްމެ ގިނަ ދުވަހަކު، ދެ މީހުން ދަސްކުރަން ވަގުތު ހޭދަކޮށް، އެންމެ ފަހުން ކައިވެނީގެ ގޮށް ޖަހާލިޔަސް، ނުލާހިކު އަވަހަށް ރޫޅިގެން ދެ އެވެ.

ފާތިރުގެ ކުއްލި ހުށަހެޅުމުން ސުހާނާ އަށް ހައިރާންކަމެއް ލިބުނަސް އޭނާގެ ހިތުގެ އަޑިން ގޮވީ، ގަބޫލުކުރުމަށެވެ. ދިރިއުޅުމުގައި ނަސީބު އަތުގައި ހިފާނީ އެންމެ ފަހަރަކު އެވެ. އޭނާ ގަބޫލުކުރީ ފާތިރު ކަހަލަ މީހަކު ކައިވެންޏަށް އެދުމުން، އެކަމާ ދުރުވާނީ މޮޔައެއް ކަމަށެވެ.

"ކީއްވެ ވާހަކަ ނުދައްކަނީ؟" މަޑުމަޑުން ފާތިރު ބުނި އަޑު އިވުނެވެ. ސުހާނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވި އެވެ. ކޮންމެހެން ވާހަކަ ދައްކަން ޖެހޭ ހެއްޔެވެ؟ ހިތްހަމަޖެހުމަކީ، ހިމޭންކަމުގައި ވެސް ހޯދޭ އެއްޗެކެވެ.

"މަ ވެސް ވާހަކައެއް ނުދައްކާނަން،" ކަންފަތުގައި، މަޑުމަޑުން ދަތް ޖައްސާލަމުން ފާތިރު ބުންޏެވެ.

ކޮން ކަހަލަ ފިރިއެއް ހެއްޔެވެ؟ ނާޒުކު ވަގުތުތަކުގެ މުހިންމުކަން ރަނގަޅަށް ވިސްނެ އެވެ. މާހައުލުގެ ހިތްގައިމުކަން ނަގާލަން ބޭނުންނުވަނީ އެހެންވެގެންނެވެ. މެންދަމުގެ ފިނި ރޯޅި އެ މީހުންގެ ގައިގައި ބީހެމުން އެ ދަނީ، ދުނިޔޭގައި ނެތް ފަދަ ސާފު ޖައްވުގެ ތެރެއިން ދުވެފައި އައިހެވެ. ވަށައިގެން ހުރި ބޮޑެތި ގަސްތަކުގެ ފަތްތައް ދައްކާ ވާހަކަ އަށް ވުރެ، ކުރިމަތީގައި އޮތް ދޮންވެލިގަނޑުގައި ބީހިލާ ރާޅުތަކުން އިވޭ އަޑުގެ ހިތްގައިމުކަން މާ ބޮޑެވެ.

ގުޅޭ ދެ މީހަކު ވިއްޔާ އެގޮތަށް ތިއްބަސް ލިބޭނީ އުފަލާއި ހިތްހަމަޖެހުމެވެ. ކޮންމެވެސް ލަފުޒުތަކަކުން، ދެ މީހުންގެ އަޑަކުން ނޫނެވެ. ސުހާނާގެ ހިތް އުފަލުން ފުރެމުން އަ އެވެ. އޭނާގެ ފިރިމީހާގެ ދެ އަތުން ހިފަހައްޓާލައިފައި އެހެރީ ދުވަހަކު ވެސް އޭނާ ދޫކޮށްލާ ގޮތަކަށް ނޫނޭ ހިތަށްއެރި އެވެ. އޭނާ ވެސް ދުލެއްނުކުރާނެ އެވެ. ހަޔާތުގައި ވަރަށް ބޮޑެތި ހިތާމަތަކާ ކުރިމަތިވެއްޖެ އެވެ. އެވަރަށް ރޮއިފި އެވެ. އެކަނިވެރިކަމުގެ އިހުސާސްތައް އޭނާގެ އުއްމީދުތައް ކިތައްމެ ފަހަރަކު މަރާލައިފި އެވެ. ދެން އެހެން ވިޔަކަ ނުދޭނެ އެވެ. އިރާދަކުރެއްވިއްޔާ ދެން އެ ހިތްދަތިކަމެއް ކުރިމައްޗެއް ނުވާނެ އެވެ.

ސުހާނާ އޭނާގެ ދެ އަތުގެ ބާރު ކުރިއަށް ވުރެ ގަދަކޮށްލި އެވެ.

"މަށަށް ނޭވާލެވޭ ވަރަށް، ޕްލީޒް،" ފާތިރު މަޑުމަޑުން ބުނެލި އަޑު އިވުނެވެ.

"ނޭވާ ހާސްވިޔަކަ ނުދޭނަން،" ސުހާނާ ވެސް އެހާމެ މަޑުމަޑުން ބުނެލި އެވެ.

"ހާދަ އުފާވެއޭ،" ފާތިރު ބުންޏެވެ.

"ދެން ވާހަކަ ނުދައްކާ. ހާދަ އަޑެއް ހިތަށް އެބަ އިވޭ،" ފާތިރުގެ ބުރަކަށީގައި، މަޑުމަޑުން ވިކާލަމުން ސުހާނާ ބުނެލި އެވެ.

އެއީ ތެދެކެވެ. ފާތިރަށް ވެސް އެ އަޑު އިވެ އެވެ. އެއީ ދެ މީހުންގެ ލޯބީގެ އަޑުތަކެވެ. އެހެން މީހަކަށް ނީވޭނެ އަޑުތަކެވެ. ދުނިޔޭގައި ވަނީ އެކަހަލަ އަޖައިބުތަކެވެ. ހިޔާލުތައް ބޭނުން ހިސާބަކަށް ދޫކޮށްލެވޭ ވަރުގެ ބޮޑު ކާއިނާތެކެވެ. އެ ހިޔާލުތައް ގޮސް ނިންމަން ޖެހޭ ވަކި ހިސާބެއް ނެތެވެ. ފާތިރަށް ޔަގީންވާ ކަމަކީ ހިޔާލާއި ހުވަފެންތަކަށް ވުރެ، އިންސާނުންނަށް ނުވިސްނޭ ވަރުގެ ހަގީގަތްތަކެއް ދުނިޔޭގައިވާ ކަމެވެ. އޭގެ އެއް ހަގީގަތާ އޭނާ ކުރިމަތިލީ ދާދި ދެންމެއަކު އެވެ. އަންހެނުން ހުވަފެނުގައި އޮއްވަ އެވެ. އެއީ ތިމާއާ އެކަން ކުރިމަތިވުމުގެ ކުރިން ގަބޫލުކުރާނެ ހަގީގަތެއް ނޫނެވެ. އެ ވާހަކަ ސުހާނާ ކައިރީގައި ކިތައްމެ ރީއްޗަކަށް ބުންޏަސް، އެ އެއްޗެއް ފެނުމުގެ ކުރިން، ހޭނީ އެވެ. ބުނާނީ "ދެން ސަމާސާނުކުރާށޭ" އެވެ. އެކަމަކު އޭނާގެ އަތުން ނަގާ ކިޔާލީ ހަގީގަތުގައި ވެސް ފަތެކެވެ. މީގެ އެތައް ޒަމާނެއް ކުރިން އޭރުގެ މީހުން، މުވާސަލާތީ ގުޅުމުގައި ބޭނުންކުރި އެއް ވަސީލަތެވެ. އެކަހަލަ ފަތެއް މީގެ ކުރިއަކުން އޭނާ ނުދެކެ އެވެ.

އަނބިމީހާގެ ބީހިލުމާއި، ހޫނުކަމުގެ އުފާވެރި އިހުސާސްތައް ފާތިރަށް ކުރަމުން ދިޔަ އިރު، އޭނާގެ ސިކުނޑީގައި އޮތް އަނެއް ހިޔާލަކީ، ދަލޭކަދައިތަ އަންގާފައި އޮތް އެންގުމެވެ. އެކަމަށް އޭނާ ކިޔަމަންވާން ޖެހެ އެވެ. އެހެންކަމުން ހަނީމޫންގެ ޕްލޭން ބަދަލުކޮށްލުން ނޫން ގޮތެއް ނެތެވެ. އެކަމަކު އެ ވާހަކަ ސުހާނާ ގާތު ބުނާނީ މާދަމާ އެވެ.

"ކޮން އެއްޗެއް ތި ވިސްނަނީ؟ އަހަންނާ މެދުގަތަ؟" ސުހާނާގެ އަޑު ފާތިރަށް އިވުނެވެ.

ބައެއް ފަހަރަށް އެހެން މީހުން ވިސްނާވިސްނުން އަނެކަކަށް ހަމަ ރަނގަޅަށް އެނގެ އެވެ.

"ވިސްނާނެ އެހެން ކަމެއް އޮންނާނެތަ؟" ފާތިރު ވެސް ކުރީ ސުވާލެކެވެ.

"ހަނީމޫން ތެރޭގައި އޮވެގެން ނުވާނެ،" ސުހާނާ ބުންޏެވެ.

"ހަނީމޫން ނިމުނަސް، އިރާދަކުރެއްވިއްޔާ މި އުފަލުން ދުރަކަށް ނުދާނަން،" ފާތިރު ބުނީ ހަގީގަތަށެވެ. އޭގައި ހައްދާލުމެއް، ދޮގެއް ނެތެވެ. އެއީ އަންހެނުންނަށް އޭނާ ކުރި ސަނާއެއް ވެސް ނޫނެވެ.

"އިރާދަކުރެއްވިއްޔާ އަހަރެން ވެސް،" ސުހާނާ ބުނެލި އެވެ.

"ފިންޏެއް ނުވޭތަ؟" ފާތިރު ސުވާލުކުރި އެވެ.

"ފިންޏަށް ވުރެ ލިބޭ ހޫނުކަން މާ ބޮޑު،" ސުހާނާގެ ޖަވާބެވެ.

"އެހެންތަ؟" ފާތިރު ބުންޏެވެ.

އެއީ އަޖައިބެއް ނޫނެވެ. ދެ މީހުން އެގޮތަށް އެތައް އިރެއް ވަންދެން ތިއްބެވެ. ބައެއް ފަހަރަށް ކުރުކުރު، ސުވާލުތަކާއި އެހާމެ ކުރު ޖަވާބުތަކެވެ. ދެން ދެ މީހުންގެ ހިޔާލުތައް ވެސް ދޫކޮށްލީ އަނދިރިކަމުގެ ތެރެއަށެވެ. ސުހާނާ ވިސްނީ، އޭނާ އަށް ލިބުނު ރަހުމަތާ މެދުގަ އެވެ. ހަޔާތުގެ ކުރިމަގާ މެދުގަ އެވެ. އަޅާލާނެ ރަނގަޅު ފިރިޔަކު ލިބުނުކަމާ މެދުގަ އެވެ.

ފާތިރުގެ ވިސްނުމުގެ ބޮޑު ބައި އޮތީ ދަލޭކަދައިތަ ދިން މެސެޖަށެވެ. އޭގައި ބުނެފައި ހުރި ކަންކަމަށެވެ. މާ ގިނަ ވަގުތެއް ނެތެވެ. އެކަމަކު އޭނާގެ ކައިވެނީގެ ފުރަތަމަ ރޭގެ އުފާވެރިކަން ދުއްވާލާކަށް ވެސް ބޭނުމެއް ނުވެ އެވެ. އެހެންކަމުން ކެތްތެރިކަމާ އެކު އޭނާ މަޑުކުރާނީ މާދަމާ ހެނދުނު ނާސްތާ ނިމެންދެނެވެ. އޭގެ ފަހުން އޭނާ ސުހާނާގެ ހިޔާލަކަށް އެދޭނެ އެވެ.

އޭނާ އުއްމީދުކުރަނީ ސުހާނާ ދެކޮޅު ނުހަދާނެ ކަމަށެވެ. އޭނާ ބުނާ ގޮތަށް ކަންތައް ކުރާނެ ކަމަށެވެ. އަންބެއްގެ އެއް ވާޖިބަކީ ފިރިމީހާގެ ބައެއް އެދުންތަކަށް ބޯލެނބުމެވެ. މީގެ ކުރީގެ ދެ ކައިވެނީގައި ވެސް އެއްވެސް ކަމަކަށް އޭނާ މަޖުބޫރެއް ނުކުރެ އެވެ. އޭނާ ވަކި ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ ރީތިކޮށް އެކަމަކަށް އެދެނީ އެވެ. ގަބޫލުކުރުމާއި ނުކުރުމަކީ އަނބިމީހާގެ ކަމެކެވެ.

ފާތިރަށް ޔަގީނެވެ. ސުހާނާ އަކީ ރަނގަޅު އަންބެކެވެ. ކުއްލިއަކަށް ދިމާވާ ކަންކަމުގައި ސުވާލެއް ނެތި އެހީތެރިވާނެ އަންބެކެވެ.

(އަށް ވަނަ ބައި ސެޕްޓެމްބަރު 19 ގައި)