18 ޖުލައި 2019 - 13:54

ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނެގި މައްސަލާގައި މިހާތަނަށް ހުށަހަޅާފައިވަނީ އަލްހަރަމައިން ހައްޖު ގްރޫޕުގެ މައްސަލަ އެކަނި ކަމަށް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހަރަމައިން ހައްޖު ޖަމާއަތުން އިތުރަށް ފައިސާ ނަގާ ކަމަށް ބުނާ މައްސަލަ މިނިސްޓްރީން ފުލުހަށް ހުށަހެޅުމުން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވަނީ އެ ޖަމާއަތުގެ ބައެއް ވެރިންގެ ބަޔާން ވެސް ނަގައިފަ އެވެ.
މި އަހަރު ވެސް އިސްލާމިކް މިނިސްޓްރީން ޖަމާއަތްތަކަށް ހުއްދަދިން ވަރަށްވުރެ އިތުރަށް ފައިސާ ނަގަމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ "މިހާރު" އަށް ވިދާޅުވީ އިތުރު ޖަމާއަތަކުން އިތުރަށް ފައިސާ ނަގާ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ.
މި އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނަށާއި ފަސް ޖަމާއަތަކަށެވެ.
1) އެކްރޯ ހައްޖު ގްރޫޕު: 59،965ރ.
2) ހައްޖު ކޯޕަރޭޝަން: 69،965ރ.
3) މިނާ ހައްޖު ގްރޫޕު: 69،965ރ.
4) އަލްހަރަމައިން ހައްޖު ގްރޫޕު: 69،965ރ.
5) ޒައި ހައްޖު ގްރޫޕު: 70،000ރ.
6) ތަޒްކިޔާ ހައްޖު ގްރޫޕު: 72،250ރ.
ހައްޖަށް ގެންދާ ޖަމާއަތްތަކުން އިތުރަށް ފައިސާ ނަގާ މައްސަލަ އަކީ ކޮންމެ އަހަރަކު ވެސް ފެންމަތިވާ މައްސަލައެކެވެ. އެކަން ހައްލު ކުރުމަށް ގަވައިދުތަކެއް ހެދި ނަމަވެސް މިހާތަނަށް އެކަމަށް ހައްލެއް ނުލިބެ އެވެ.